ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 11:23
ވެނެޒުއެލާ އާއި ޖެމެއިކާ ކުޅުނު މެޗުގެ ތެރެއިން
ވެނެޒުއެލާ އާއި ޖެމެއިކާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ފުރިހަމަ ރެކޯޑާއެކު ވެނަޒުއެލާ ކުއާޓާ ފައިނަލަށް
ކުއާޓާ ފައިނަލްގައި ވެނަޒުއެލާ ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެމެއިކާގެ މައްޗަށް ކުރި ހޯދައިގެން، ފުރިހަމަ ރެކޯޑާއެކު ވެނެޒުއެލާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ޖެމެއިކާއާ ދެކޮޅަށް ނިކުތްއިރު ވެސް، ވެނެޒުއެލާ އަށް އޮތީ މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ލިބިފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮތުމުންނެވެ. ޖެމެއިކާާއާ ދެކޮޅަށް ކުޅުނު މެޗު ވެނެޒުއެލާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ.

މެޗުގައި ވެނެޒުއެލާ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. ފަހު ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ވެނެޒުއެލާ އަށް ލީޑު ނަގައިދިނީ އެޑުއާޑް ބެލޯ އެވެ. އޭގެ ފަހުން 56 ވަނަ މިނެޓުގައި ސޮލޮމޮން ރޮންޑޮން ވަނީ ވެނެޒުއެލާގެ ދެ ވަނަ ލަނޑު ޖަހއިފަ އެވެ. މެޗުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ 85 ވަނަ މިނެޓުގައި އެރިކް ރަމިރޭޒް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު ވެނެޒުއެލާ އިން ވަނީ ގްރޫޕް ބީ ގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިފަ އެވެ. ތިން މެޗުން ވެސް ބަލިވެ ޖެމެއިކާ އަށް ލިބެނީ ގްރޫޕްގެ ހަތަރު ވަނަ އެވެ. ކުއާޓާ ފައިނަލްގައި ވެނަޒުއެލާ ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް