ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 01:02
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ރޮއިޓާސް
ޔޫރޯ 2024
ދެ ވަނަ ފުރުސަތެއް ނޯންނާނެ، ވިސްުނުންތެރިވާން ޖެހޭނެ: ޑެޝޯމްޕްސް
ދެން އޮތް ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށާއި، މޮޅުވުމަށްޓަކައި ލަނޑުތަކެއް ޖަހަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗަށް ނިކުންނައިރު، ދެ ވަނަ ފުރުސަތެއް ނޯންނާނެ ކަމަށާއި ވިސްނުންތެރިވާން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނު ގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސް އިން ބެލްޖިއަމާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޑެޝޯމްޕްސް ބުނީ ގަދަ 16 ބުރާ އެކު، ދެން ފެށިގެން އެ ދަނީ މުބާރާތުގެ އެހެން ހަރުފަތެއް ކަމަށް ކަމަށާއި، ފްރާންސް އޮތީ އެ ހަރުފަތުގައި ކަމަށެވެ. އެއީ މުބާރާތުގެ ތެރޭގައި އޮންނަ، ވާދަވެރި އެހެން މުބާރާތެއްގެ ގޮތުގައި ޑެޝޯމްޕްސް ވަނީ ސިފަ ކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ބުރަށް ކޮލިފައިވެފައިވާ ކޮންމެ ޓީމަކީ ވެސް، މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ޓީމުތަކަށް ވުރެ މޮޅެތި ޓީމުތަކެއްކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ، މި ހަރުފަތުގައި ދެ ވަނަ ފުރުސަތެއް ނޯންނާނެ ކަމަަށެވެ. އެހެންކަމުން ކުޅެން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ، ކުރަން ޖެހޭ މަސައްކަތް ޓީމުގެ އެންމެނަށް ވެސް ސާފު ވާނެ ކަމަށެވެ. ދެން އޮތް ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށާއި، މޮޅުވުމަށްޓަކައި ލަނޑުތަކެއް ޖަހަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ބެލްޖިއަމް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު، ލިބޭ ފުރުސަތުތަކަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗަށް ނިކުންނައިރު، ފްރާންްސް އަށް މުބާރާތުގައި ލަނޑު ޖެހުމުގެ މައްސަލަ ދިމާވެފައިވާކަން މީގެ ކުރިން ވެސް ޑެޝޯމްޕްސް އޮތީ ފާހަގަކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ފްރާންސް މޮޅުވީ، އޮސްޓްރިއާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ދެ ވަނަ މެޗު ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނުއިރު، އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އަދި ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނުއިރު، އެއްވަރުވީ 1-1 އިންނެވެ. އެ މެޗުގައި ފްރާންސް އަށް ލަނޑު ޖެހުނީ ޕެނަލްޓީ އަކުންނެވެ.

ފްރާންސް އާއި ބެލްޖިއަމް ބައްދަލު ކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް