ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 10:02
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ މުސިއާލާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ މުސިއާލާ އުފާ ފާޅު ކުރަނީ
ޓްވިޓަރ
ޔޫރޯ 2024
ޑެންމާކުގެ މައްޗަށް ކުރި ހޯދައި ޖަރުމަނު ކުއާޓާ ފައިނަލަށް
މުބާރާތުގެ ކުއާޓާ ފައިނަލަށް ޖަރުމަނު ދިޔައިރު، އެ ޓީމަކީ މިއަހަރުގެ މުބާާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި އޮތް ޓީމެކެވެ.

އަމިއްލަ ޤައުމުގައި ކުރިއަށްދާ ޔުރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޖަރުމަނުން އެ ޓީމުގެ ލަނޑުތައް ޖެހީ ފަހު ހާފުގަ އެވެ.

ޑެންމާކާއި ޖަރުމަނު ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވަނީ މެޗު މެދު ކަނޑާލައިފަ އެވެ. ކުޑަ ވަގުތު ކޮޅަކަށް މެޗު މެދު ކަނޑާލާފައި ވަނީ ވިއްސާރަވުމުގެ ސަބަބުން، ވިދައި ގުގުރާތީ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޑެންމާކުން ލަނޑު ޖަހައި ލީޑު ނެގި އެވެ. ޑެންމާކުގެ ޔަކީމް އެންޑަސަން ލަނޑު ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ އޮފްސައިޑު ގައި ހުރުމުންނެވެ.

އޭގެ ފަހުން މެޗުގެ 53 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. އެއީ އޭރިޔާ ތެރެއިން ޑެންމާކުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، 53 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒް އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ޖަރުމަނުގެ ދެ ވަނަ ލަނޑު ޖެހީ، ޖަމާލް މުސިއާލާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ޖަރުމަނު ދިޔައިރު، އެ ޓީމަކީ މިއަހަރުގެ މުބާާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި އޮތް ޓީމެކެވެ. ޖަރުމަނުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

- ކޮމެންޓް