މި ސަރުކާރުން ބުނަމުން ދަނީ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލީ ކުރީ ސަރުކާރުން ކަމަށެވެ. އަދި އެކަމާއި މެދު ގިނަ ހުއްޖަތުތަކެއް ވެސް ދަނީ ދައްކަވަމުންނެވެ. ބަޖެޓް އޮތް ގޮތުގެ ދަތިކަމުގެ ވާހަކަ އާއި ކުރީ ސަރުކާރުން ނެގި ލޯނުގެ ވާހަކައެވެ. އަދި ނިމިދިޔަ ސަރުކާރުގެ ދަރަނި ބޮޑުވެގެން އިގްތިސާދީ އަނދަވަޅަކަށް ޤައުމު ވެއްޓޭ ވާހަކައެވެ. މިފަދަ ހުރިހާ ވާހަކައަކަށް ރައްދު ދިނުމުގެ ބަދަލުގައި މި ރިޕޯޓްގައި ބަލާލާނީ ސަރުކާރުގެ ކުންފުނިތަކާއި ހިންގުމުގެ ޚަރަދަށް ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ މި ހިސާބަށް އައިސްފައިވާ ބައެއް ބަދަލުތަކަށެވެ. މި ބަދަލުތަކުން އެކަނި ވެސް ސަރުކާރުގެ ޚަރަދު ބަރަދު ބެލެހެއްޓުމުގައި ބަލަންވާ ވަރާއި ގާތަށް ވެސް ބަލާފައި ނެތްކަން ހާމަވެއެވެ.
މި ތަފާސް ހިސާބުތަކަކީ މިއީ ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ހޮނިހިރ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ހިއްސާކުރެއްވި ހިސާބުތަކެވެ. ދައުލަތުގެ މާލިއްޔާ އިން މި ހިސާބުތައް ފެންނަން އެބަހުއްޓެވެ.
ކުންފުނިތަކުގެ ޕޭރޯލް އަށް ބަލާއިރު ބައެއް ކުންފުނިތަކުގައި 2023 ނިމުނު އިރު ހޭދަކުރި މިންވަރަށް ވުރެ 5 މިލިއަން ރުފިޔާ އިތުރަށް މިހާރު އެބަ ހޭދަކުރެއެވެ. އެގޮތުން ބަލާއިރު އެންމެ ބޮޑު ބަދަލެއް ޕޭރޯލް އަށް އައިސްފައި ވަނީ އެމްޕީއެލް އަށެވެ. 2023 ނިމުނު އިރު އެ ކުންފުނީގެ ޕޭރޯލް އަށް ހޭދަކުރީ 34 މިލިއަން ރުފިޔާއެވެ. މިހާރު އެ އަދަދު އުޅެނީ 48 މިލިއަން ރުފިޔާގައެވެ. އެއީ 14 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދެ ވަނައަށް ޕޭރޯލް އަށް އެންމެ ބޮޑު ބަދަލެއް އައީ ފެނަކަ އަދި ވެމްކޯއަށެވެ. ފެނަކައިން 2023 ނިމުނު އިރު ހޭދަކުރި 74 މިލިއަން ރުފިޔާގެ ބަދަލުގައި 84 މިލިއަން ރުފިޔާ މިހާރު ޕޭރޯލް އަށް އެބަ ހޭދަކުރެއެވެ. އެއީ 10 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެގޮތުން ވެމްކޯ އިން 2023 ނިމުނު އިރު ޕޭރޯލް އަށް ހޭދަކުރި 21 މިލިއަނުގެ ބަދަލުގައި މިހާރު 31 މިލިއަން ރުފިޔާ ހޭދަކުރަމުންދާކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ.
މީގެ އިތުރުން އަރްޑީސީ އިން ކުރިން ހޭދަ ކުރި 22 މިލިއަންގެ ބަދަލުގައި މިހާރު 28 މިލިއަން ރުފިޔާ ދަނީ ހޭދަކުރަމުންނެވެ. އެމްޓީސީސީގައި 2023 ނިމުނު އިރު ޕޭރޯލްގެ ގޮތުގައި ހޭދަކުރަނީ 60 މިލިއަނެވެ. މިހާރު އެ އަދަދު 65 މިލިއަނަށް އަރައެވެ. ސްޓެލްކޯ އިން ކުރިން ހޭދަކުރި 40 މިލިއަންގެ ބަދަލުގައި މިހާރު 44 މިލިއަން ރުފިޔާ ދަނީ ހޭދަކުރަމުންނެވެ. އެޗްޑީސީގައި ކުރިން ހޭދަކުރި 30 މިލިއަނުގެ ބަދަލުގައި މިހާރު 35 މިލިއަން މިހާރު ހޭދަކުރަމުން ދާއިރު، އެމްއޭސީއެލް އިން ކުރިން ހޭދަކުރި 70 މިލިއަނުގެ ބަދަލުގައި މިހާރު 73 މިލިއަން ރުފިޔާ ދަނީ ހޭދަކުރަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައީ ކުންފުނިތަކަށް މީހުން ގިނަ ނުކުރާނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް މަޖިލިސް އިންތިޚާބާއި ދިމާކޮށް ވަރަށް ގިނަ މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ ވައްދާފައެވެ.