ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 10:37
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ
ރޮއިޓާސް
ޔޫރޯ 2024
ހިސާބު ޖެހޭކަށް ނެތް، އޮތީ ހަމައެކަނި މޮޅުވުން: ސްޕަލެޓީ
ޚާއްސަކޮށް މުބާރާތުގެ ނޮކްއައުޓް ބުރުގައި ހިސާބު ޖަހަން ނުތިބެވޭނެ ކަމަށާއި، ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސްވިޒަލެންޑާ ދެކޮޅަށް ނިކުންނައިރު، ހިސާބު ޖެހޭކަށް ނެތް ކަމަށާއި، އޮތް ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. އެއް މެޗުން ބަލިވެފައިވާއިރު، ގަދަ 16ގެ ޖާގަ ލިބުނީ ފަހު މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކޮށްލައިގެންނެވެ.

ގަދަ 16 ގައި ސްވިޒަލެންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޕަލެޓީ ބުނީ، މިއަހަރުގެ މުބާރާތުގައި އިޓަލީ ހިމެނިފައި އޮތީ ވަރަށް ވަރުގަދަ ގްރޫޕެއްގައި ކަމަށެވެ. އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އެކަމުގެ ޕްރެޝަރު އިޓަލީގެ ކުޅުންތެރިންނާއި، އޭނާާ އަށް ވެސް އޮތް ކަމަށް ސްޕަލެޓީ ފާހަގަ ކުރި އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި، ގަދަ 16 އަށް އާދެވުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ސްޕަލެޓީ ބުނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗާ ކުރިމަތިލާއިރު، ޓީމުގެ ފަރާތުން އުންމީދު ކުރަނީ ހަމަޖެހިގެން، ރަނގަޅަށް ކުޅުން ކަމަށެވެ. ޚާއްސަކޮށް މުބާރާތުގެ ނޮކްއައުޓް ބުރުގައި ހިސާބު ޖަހަން ނުތިބެވޭނެ ކަމަށާއި، ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ގަދަ 16 ވަނަ ބުރުގައި ގެންގުޅެން ޖެހޭނީ، ގްރޫޕް ސްޓޭޖުގައި ގެންގުޅުނު ވިސްނުން ނޫން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްޕަލެޓީ ބުނީ، ސްވިޒަލެންޑަކީ ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. ގަދަ 16ގެ ތެރޭގައި ހިމެނިގެން އަންނަ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، އިޓަލީން މެޗަށް ތައްޔާރުވަނީ ހުރިހާ ކަމަކަށް ވިސްނައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. ޚާއްސަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޓަލީގެ އެތައް ހާސް ސަޕޯޓަރުންނެއް ތިބޭނެ ކަމަށާއި، މާޒީގައި ލިބުނު ހިތްދަތިކަން ފިލުވާލައި، ސަޕޯޓަރުންނަށް ވެސް އުފާވެރިކަމެއް ގެނެސް ދޭން ޖެހޭ ކަމުގައި ސްޕަލެޓީ ވަނީ ބުނެފަ އެވެ.

އިޓަލީން ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް