ކ. މާލެ
|
28 ޖޫން 2024 | ހުކުރު 19:42
ޖަލު ބަަލަހައްޓާ އޮފިސަރެއް އަދި މާފުށީ ޖަލު
ޖަލު ބަަލަހައްޓާ އޮފިސަރެއް އަދި މާފުށީ ޖަލު
ރާއްޖެ އެމްވީ
ޖަލުގައި ޖަމީލް ނިޔާވުން
ޖަލުގައި ޖަމީލް ނިޔާވި މައްސަލަ ތަހުގީގުކުރަނީ
އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަަމަށް ވެސް ކަރެކްޝަންސް އިން ބުނޭ
އޭނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ގައިދީއަކު ނިޔާވި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށް ހުއްޓާ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީވިލާ އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރްދީފައިވާ ކަަމަށެވެ. އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދީފައިވާ ކަމަށާއި 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފަ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އޭނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

މުޙައްމަދު ޖަމީލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

ޖަމީލް އަކީ އެންވައިރަަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް އަލީ ސޯލިހަށް ވަޅިން ހަމަލާ ދީފައިވާތީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން ސަލްމާން މިސްކިތުގައި ހުކުރު ކުރަމުންދަނިކޮށް މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައެއްގައި ވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ޖަމީލް ނިޔާވެފައިވާއިރު އޭނާ އަށް އަނިޔާކުރިކަމަށް ބައެއް ގައިދީންނާއި ހަވާލާދީ އާއްމުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް ކަމާއި ގުޅޭ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް