ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 22:55
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ސިޓީގެ އިރުމަތީ އަވަށެއް ކަމަށްވާ ޝުޖާޔާގައި ދުން އަރަނީ
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ސިޓީގެ އިރުމަތީ އަވަށެއް ކަމަށްވާ ޝުޖާޔާގައި ދުން އަރަނީ
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ޝުޖާޔާ ސަރައްދަށް އިޒްރޭލު ސިފައިން ކުއްލި ހަމަލާ އެއް ދީ އެތައް ބަޔަކު މަރާލައިފި
ގާޒާ ހަނގުރާމައިގެ ކުރީ ކޮޅުވެސް ޝުޖާޔާ އަށް ބޮޑެތި ގެއްލުންތައް އިޒްރޭލުން ވަނީ ދީފައެވެ.

ގާޒާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޝުޖާޔާ އަށް ބުރާސްފަތި ދުވަހު އިޒްރޭލް ސިފައިން ކުއްލި ހަމަލާއެއް ދީ މަދުވެގެން 7 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

ކުއްލި އަކަށް އިޒްރޭލުން ބޮން އަޅަން ފެށުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

އަލް ޖަޒީރާގެ ނޫސްވެރިޔާ އެ ސަރަހައްދުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބައެއް މީހުންނަށް ހަމަލާގެ ގެއްލުން ލިބުނީ ރައްކައުތެރިކަން ހޯދަން، އެ ސަރހައްދުގައި އދ. އިން ހިންގާ ސްކޫލެއްގެ ތެރެއަށް ވަދެ ތިއްބައެވެ.

އަނެއްބަޔަކަށް ގެއްލުންވީ، އިޒްރޭލުން ބޮން އަޅަން ފެށުމުން ރައްކައުތެރިކަން ހޯދަން ސަރަހައްދު ދޫކޮށް ދަނިކޮށް ކަމަށް ވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ރެޑް ކްރެސެންޓުން ބުނީ ގާޒާ ގައި އާންމުންނަށް ރައްކައުތެރި އެއްވެސް ސަރަހައްދެއް މިހާރު ނެތް ކަމުގައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން އަންގަމުން ދަނީ ޝުޖާޔާގެ ރައްވެހިން އެތަން ދޫކޮށް ދިއުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއް، ހުއްޓުމެއް ނެތި ވަށައިގެން ބޮން އަޅަނީ، ބަޑި ޖަހަނީ، ހަގީގަތުގައިވެސް ވަރަށް އުނދަގޫ ހާލަތެއް." އެ ސަރަހައްދުން މިޑްލް އީސްޓް އައި އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

"މިހާ ވަރުގަދަ އަށް ހަމަލާތައް ދޭ ތަނެއް މީގެ ކުރިން ނުދެކެން، ޝުޖާޔާ ދޫކޮށް އެންމެން ހިނގައްޖެ."

ވައިގެ މަގުން ބޯޓު ފަހަރުން ޝުޖާޔާ އަށް ބޮން އަޅަމުން ދާއިރު އެއްގަމުން ޓޭންކް ތަކުގައި އިޒްރޭލް ސިފައިން އެ ސަހަރައްދު ގެންދަނީ ހިސާރު ކުރަމުންނެވެ.

އެ ސަރަހައްދުން ރިޕޯޓް ކުރި ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުގައި، ޝުޖާޔާގައި އެއްވެސް ރައްކައުތެރި ކަމެއް ނެތުމުން އަވަސް އަވަހަށް މީހުންތައް ޖާނު ސަލާމަތް ކުރުމުގެ ގޮތުން އެ ތަން ދޫކޮށް ދިޔައީ ހުސް އަތާ ކަމަށެވެ.

ބުރާސްފަތި ދުވަހު ޝުޖާޔާ އަށް އިޒްރޭލު ސިފައިން ހަމަލާ ދިން އިރު ގާޒާއަށް އިޒްރޭލް ސިފައިން އަރައިގަތްތާ ކުރީ ކޮޅު އިޒްރޭލުން ވަނީ ޝުޖާޔާއަށް ހަމަލާދީ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް