ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 09:18
މެޗުގައި ލަނޑު ޖެހުމަށްފަހު ޖޯޖިއާގެ ކްރަވަޝްކޭލިލާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޖޯޖިއާގެ ކްރަވަޝްކޭލިލާ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ޕޯޗުގަލް ސިއްސުވާލައި، ޖޯޖިއާ ގަދަ 16 އަށް
ޕޯޗުގަލް އަތުން ހޯދި ތާރީޚީ މޮޅާއެކު ޖޯޖިއާ އިން ވަނީ ގްރޫޕް އެފްގެ ތިން ވަނަ ހޯދައިފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އަތުން ހައިރާން ކުރުވަނިވި މޮޅެއް ހޯދައި، ޖޯޖިއާ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ޔަގީން ކޮށްފި އެވެ.

މިއީ ޖޯޖިއާ އިން ޔޫރޯ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ބުދަ ދުވަހުގެ ރޭ ޕޯޗުގަލާ ދެކޮޅަށް ނިކުތްއިރު، އޭގެ ކުރިން ކުޅުނު އެއް މެޗުން މޮޅުވެ، އަނެއް މެޗުން ޖޯޖިއާ ވަނީ އެއްވަރުވެފަ އެވެ. ޕޯޗުގަލްގެ މައްޗަށް ޖޯޖިއާ އިން ކުރި ހޯދީ 2-0 އިންނެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ޖޯޖިއާ އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. ޖޯޖިއާ އަށް ލީޑު ނަގައިދިނީ ކުލަބު ފެންވަރުގަައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްވިޗާ ކްރަވަޝްކޭލިލާ އެވެ. އޭގެ ފަހުން ޕޯޗުގަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

ޕޯޗުގަލް އަށް ލަނޑު ޖަހާނެ ފުރުސަތު ލިބި، ނިންމާނުލެވިގެން އުޅެނިކޮށް ދެ ވަނަ ހާފުގައި ޖޯޖިއާ އިން ދެ ވަނަ ލަނޑެއް ވެސް ޖެހި އެވެ. އެއީ ޖޯޖިއާގެ ކުޅުންތެރިޔަކަށް ޕޯޗުގަލް ކުޅުންތެރިޔަކު ކުރި ފައުލަކަށް ދިން ޕެނަލްޓީން ޖެހި ލަނޑުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް ޖޯޖިއާގެ ލީޑު ފުޅާ ކޮށްދިނީ ޖޯޖެސް މިކައުޓްޒޭ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ވެސް އޭނާ އެވެ.

ޕޯޗުގަލް އަތުން ހޯދި ތާރީޚީ މޮޅާއެކު ޖޯޖިއާ އިން ވަނީ ގްރޫޕް އެފްގެ ތިން ވަނަ ހޯދައިފަ އެވެ. ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކު، އެ ޓީމަށް ވަނީ ގަދަ 16 އިން ވެސް ޖާގަ ލިބިފަ އެވެ. ޖޯޖިއާ އަތުން ބަލިވި ނަމަވެސް، ތިން މެޗުން ހަ ޕޮއިންޓާއެކު ޕޯޗުގަލް ވަނީ އެއް ވަނައިގައި ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް