ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 09:17
ޔޫކްރެއިން އާއި ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން
ޔޫކްރެއިން އާއި ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔޫރޯ 2024
ގްރޫޕްގެ ދެ ވަނައިގައި ބެލްޖިއަމް ގަދަ 16 ވަނަ ބުރަށް
ގްރޫޕުގެ ފުލަށް ޔޫކްރެއިން ދިޔައިރު، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފަހު މެޗުގައި ޔޫކްރެއިންއާ އެއްވަރުކޮށް، ބެލްޖިއަމް އިން ގްރޫޕްގެ ދެ ވަނައިގައި ގަދަ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި އިރު، ދެ ޓީމު ވެސް ވަނީ ކުރިން ކުޅުނު އެއް މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފަ އެވެ. އެހެންކަމުން ގަދަ 16 ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ދެ ޓީމަށް ވެސް މި މެޗު މުހިންމުވި އެވެ.

ޔޫކްރެއިންއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ނަމަވެސް މެޗުގައި ބެލްޖިއަމް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެެވެ. މީގެ ކުރިން ބެލްޖިއަމް އިން ކުޅުނު ދެ މެޗުގައި، ލުކާކޫ ޖެހި ތިން ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގައި ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅައެއް ޔޫކްރެއިންގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުގައި ޔޫކްރެއިނުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. މެޗުގެ ފަހު ހާފުގައި އެ ޓީމުގެ ރުސްލަން މަލިނޯސްކީ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ.

މި މެޗު އެއްވަރުވީއިރު، މި ގްރޫޕުގައި އޮތް ހަތަރު ޓީމަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ އެއް ވަަނަ ހޯދީ ރޮމޭނިއާ އިންނެވެ. ދެ ވަނަ ބެލްޖިއަމް ހޯދިއިރު، ތިން ވަނަ ހޯދީ ސްލޮވޭކިއާ އިންނެވެ. ގްރޫޕުގެ ފުލަށް ޔޫކްރެއިން ދިޔައިރު، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް