ކ. މާލެ
|
26 ޖޫން 2024 | ބުދަ 18:24
ސްޓޭޓް މިނިސްޓަރު ޝަމްނާޒް
ސްޓޭޓް މިނިސްޓަރު ޝަމްނާޒް
އެންވަރަންމަންޓް މިނިސްޓްރީ
ސްޓޭޓް މިނިސްޓަރ ޝަމްނާޒް ހައްޔަރުކުރުން
ސާޖިދާގެ ކަރޯކޭ ވީޑިއޯ ރެކޯޑު ކުރިކަމުގެ ތުހުމަތު ކުރެވޭ ސްޓޭޓު މިނިސްޓަރު ޝަމްނާޒު ހައްޔަރު ކޮށްފި
ޝަމްނާޒާއެކު އިތުރު 2 މީހަކު ހައްޔަރުކުރި
ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލީކުވި ކަރޯކޭ ވީޑިއޯ ރެކޯޑު ކުރިކަމުގެ ތުހުމަތު ކުރެވޭ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅގެން ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ޖޫން 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަނެއް ދެމީހުންގެ މައުލޫމާތެއް ފުލުހުން ހާމަނުކުރެއެވެ.

އަދި މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. އަދި އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިންނެވެ. އަދި އެގެއިން ފުލުހުން ބައެއް ސާމާނުވެސް ވަނީ ގެންގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ގާތްވުމަށް ސިހުރި ހެދިކަމުގެ ތުހުމަތުވެސް ޝަމްނާޒުގެ މައްޗަށް ވަނީ ކޮށްފައެވެ. ޝަމްނާޒު އަކީ ރައީސް އޮފީހުގެ މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ގާތް އެއް ބޭފުޅާކަމުގައިވާ އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން އަދި މި ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ފުރަތަމަ މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ މުލީއާގޭގައެވެ. ނަމަވެސް ފަހުން އޭނާ ބަދަލުކޮށްފައިވަނީ ތިމާވެއްޓާ ބެހޭ ވުޒާރާއަށެވެ. ތިމާވެއްޓާބެހޭ ވުޒާރާއަށް އޭނާ ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލަވަކިޔުއްވާ ވީޑިއޯތަކެއް އާންމުވި ފަހުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއާއެކު ބައެއް ފަރާތްތަކުން ބުނެފައިވަނީ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ތިމާވެއްޓާ ބެހޭ ވުޒާރާއަށް ބަދަލުކުރީ އެ ވީޑިއޯ އާންމުވިފަހުން ރައީސްގެ އަނބިކަނބަލުން އެކަމާއި ހިތްހަމަޖެހިވަޑައިނުގެންއެވެ. އަދި އެ ވީޑިއޯ އާންމުކުރީ ޝަމްނާޒް ކަމަށްވެސް އަޑުތައް ފެތުރުނެވެ.

ކޮމެންޓް