ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު
މުހައްމަދު އާރިފް (ބަކާ)
ކ. މާލެ |

ރޭ އިރާކޮޅުން ފެށިގެން ސޯޝަލް މީޑިއާ ފުރާލީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް ނުވަތަ ފުޓްބޯޅައިގެ މަޝްހޫރު ނަމުންނަމަ ބަކާ ނިޔާވި ޚަބަރާއެކު ތައުޒިޔާގެ ޕޯސްޓްތަކުންނެވެ. އޭނާ ނިޔާވީ މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރިއައިތާ ތިން ވަނަ އަށްވީ ދުވަހު އެވެ. ރާއްޖެއިން މިހާތަނަށް ފެނިފައިނުވާ ވަރުގަދަ ހުމެއް ޖެހި އައިސީޔޫގައި ފަރުވާދެނިކޮށެވެ. އުމުރުން 38 އަހަރުގައި ނިޔާވި ބަކާގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާ ކުރަމެވެ.

ބަކާ އަކީ އައްޑު އަތޮޅުގައި އެފްއޭއެމުން ހިންގި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތެރެއިން ފުރޭނިގެން އައި ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރުގެ ފަހުކޮޅު އައްޑޫ ވިޔަފާރުވެރިން ހިންގި އައި.އެފްސީ އަށެވެ. އޭގެ ފަހުން ރާއްޖޭގެ ގަދަ ހުރިހާ ކުލަބަށް އޭނާ މޮޅަށް ކުޅެދިނެވެ.

ކުލަބް ވެލެންސިއާގެ މުހިންމު ގިނަ ކާމިޔާބީތަކެއްގައި އޭނާ ބައިވެރިވި އެވެ. އެ ޓީމަށް ދިވެހިލީގާއި ގައުމީ ފުޓްބޯޅަ މުބާރާތާއި އެފްއޭކަޕް ވެސް ހޯދައިދިނެވެ. އަށް އަހަރުގެ ހުސްކަމަކަށްފަހު ވެލެންސިއާ އަށް 2016 ވަނަ އަހަރުގެ އެފްއޭކަޕް ހޯދައިދިނުމަށް ވެސް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.

މުހައްމަދު އާރިފް (ބަކާ) ވެލެންސިއާ އަށް އެފްއޭކަޕް ހޯދައިދިނުމަށްފަހު ތައްޓާއެކު - ފޭސްބުކް

ވިކްޓަރީގެ މެދުތެރޭގައި ވަރުބަލިވުމެއްނެތި އޭނާ ގިނަ ދުވަސްތަކެއް ހޭދަކުރި އެވެ. އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބަކާ ހާސިލްކުރި އެވެ.

އޭގެ ފަހުން ނިއުރޭޑިއަންޓާއި ވީބީ އަދި އީގަލްސް އާއި މާޒިޔާ އާއި ގްރީން ސްޓްރީޓްސް އަށް ވެސް އެއް ސީޒަން ކުޅެދިނެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނުގައި ބާއްވައިދިނުމުގައި މުހިންމު ދައުރެއް ކޮވިޑްގެ ފަހުން ކުޅުނު ދެ ސީޒަނުގައި އަދާކޮށްދިނެވެ.

ދަނޑުމަތީގައި އަބަދުވެސް އަހުލާގު ރަނގަޅު ކުޅުންތެރިޔާ ފާހަގަ ކުރެވުނީ ކުޅަދާނަ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. މިކަމާ އެއްވަރަށް ކެރިއަރުގެ ފަހު ކޮޅުން ފެށިގެން އޭނާ ފާހަގަކުރެވީ ބަރާބަރަށް ނަމާދުކުރާ އަދި ދީނީ ކަންކަމަށް އެހެން ކުޅުންތެރިން ލޯބީ ޖައްސުވައިދިން ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މުހައްމަދު އާރިފް (ބަކާ) (ވ) ވެލެންސިއާ ޓީމާއެކު އެފްއޭކަޕް ތަށި ހިފައިގެން - ފޭސްބުކް
ހަވީރު ޕްރެކްޓިސް އޮންނަންޏާ އޭނާ ކުޅެން ފަށާނީ އަސުރު ނަމާދުކޮށްގެން. ރޭގަނޑު ޕްރެކްޓިސް އޮންނަނަމަ މަޢުރިބް ކޮށްލާނެ. ނޫނީ ލިބޭ ހުސްވަގުތުގައި އިޝާ ނަމާދު ވެސް ދަނޑުމަތީގައި ކޮށްލާނެ. މެޗު ކުޅޭ ދުވަސްދުވަހުވެސް މުޅި ޓީމު ލައްވައި ޗޭންޖިން ރޫމުގައި ނަމާދު ކުރުމަށް އިސްނަގައި އެކަން ކުރުވާނީ އޭނާ.
ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީގެ މެނޭޖަރުކަން ކުރި އަބްދުއްލަތީފް

އޭނާ އަކީ އަބަދުވެސް މިސްކިތުން ފެންނަ ކުޅުންތެރިއެކެވެ. ބަރާބަރަށް ނަމާދު ކުރުމާއި ގަޑިއަށް ޕްރެކްޓިހަށް ދިއުމަކީ އޭނާގެ އާދައެކެވެ. ރާއްޖޭގެ ޒުވާން ޖީލުގެ ކުޅުންތެރިންނަށް ދަނޑުމަތީގައި ނަމާދުކޮށް، ހުސްވަގުތުގައި އަޅުކަން އަދާކޮށް ދީނަށް ލޯބި ޖެއްސުމުގައި އޭނާ އަދާކޮށްދިނީ އަގުހުރި ދައުރެކެވެ.