ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 01:39
ރައީސް ޔާމީން ވިދާޅުވީ، މުއިއްޒު ޖައްސަވާ ހިސާބުތައް ދިމާ ނުވާކަމުގަ
ރައީސް ޔާމީން ވިދާޅުވީ، މުއިއްޒު ޖައްސަވާ ހިސާބުތައް ދިމާ ނުވާކަމުގަ
ދައުރު
ޕީއެންއެފް ޖަލްސާ
ރާއްޖޭގެ އިގްތިސާދުގައި ހަކަތައެއް، ދުޅަހެޔޮ ކަމެއް ނެތް: ރައީސް ޔާމީން
ސަރުކާރުގެ ކުންފުނިތަކަށް ލާރި ދިނީ ފެބްރުއަރީ މާޗު މަހު އެކަނި، އެއީ މަޖިލިސް އިންތިހާބަށް ނުފޫޒް ފޯރުވަން
ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި ކޮންމެ ދުވަހަކު ބޮޑު ކިއުއެއް އޮވޭ
މުވައްޒަފުންނަށް މުސާރާ ދޭނެ ފައިސާ ނެތިގެން ބީއެމްއެލް އިން ލޯނު ނެގި

ފައިސާ ޗާޕް ނުކޮށް ސަރުކާރުން ބޮޑެތި ޚަރަދުތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށާއި އިގްތިސާދު ރަނގަޅުވެ ލިބޭ އާމްދަނީން ކަންކަން ކުރައްވާކަމަށް ވިދާޅުވެ ރައީސް މުއިއްޒު އާދިއްތަ ދުވަހުގެ ރޭ، އެމަނިކުފާނުގެ ޕާޓީގެ މައި ހަރުގެ "ޕީއެންއެފް ހައުސް" ހުޅުވުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ރައީސް ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ދިވެހި ރައްޔިތުންނަށް ފައިސާ ޗާޕު ނުކޮށް އާމްދަނީ ހޯދައިގެން މި ސަރުކާރުން ބޮޑެތި ޚަރަދުތައް ފޫބައްދަމުން ގެންދަވާކަން ވިސްނައިދެއްވަން މަސައްކަތްޕުޅު ކުރެއްވިކަން ފާހަގަ ކުރެވުނެވެ.

ރައީސް މުއިއްޒު ފައިސާ ޗާފް ނުކުރައްވާ ޚަރަދުތައް ހަމަ ޖެއްސެވި ގޮތް ސާފުކޮށްދެއްވަމުން، ރައީސް ޔާމީން ވިދާޅުވީ، މުއިއްޒު ޖައްސަވާ ހިސާބުތައް ދިމާ ނުވާކަމުގައެވެ.

ޑރ މުއިއްޒު ވިދާޅުވީ، ވޭތުވެ ދިޔަ 7 މަސް ދުވަހުގެ ތެރޭގައި އަމިއްލަ ކުންފުނިތަކަށް 4 ބިލިއަން ރުފިޔާ، ސަރުކާރުގެ ކުންފުނިތަކަށް 7 ބިލިއަން ރުފިޔާ، ބޭރުގެ ދަރަނިތަކަށް 2.7 ބިލިއަން ރުފިޔާ ދައްކާ، ޖުމްލަ 13 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން ދައްކާ ހަލާސް ކުރި ކަމަށެވެ.

ޑރ. މުއިއްޒު މި ވިދާޅުވި ވާހަކަފުޅުތަކުގެ ހަގީގަތް ކިޔައިދެއްވަމުން ރައީސް ޔާމީން ހޯމަ ދުވަހުގެ ރޭ އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފް އިން ބޭއްވި "ފްރަންޓް އޮފީސް ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއަހަރު ފާސް ކޮށްގެން އުޅެނީ، 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، އާމްދަނީގެ ގޮތުގައި ދައުލަތައް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ އޭގެ ތެރެއިން 36 ބިލިއަން ރުފިޔާ ކަމަށެވެ.

ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި، ދައުލަތައް އެންމެ ރަނގަޅަށް އާމްދަނީ ލިބޭނީ އަހަރުގެ ފުރަތަމަ ކޮޅުގައި ކަމަށާއި އެހެން ނަމަވެސް ސަރުކާރަށް ލިބިގެން އުޅެނީ 12 ބިލިއަން ރުފިޔާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އަހަރުގެ މިހާ ހިސާބަށް އަންނަ އިރު ހޯދޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ ތެރެއިން މިހާރު އޮންނަން ވާނީ 18 ނުވަތަ 22 ބިލިއަން ރުފިޔާ ލިބިފައި ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ މިންވަރަށް އާމްދަނީ ނުލިބޭ ކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "އިގްތިސާދުގައި ހަކަތެއް ނެތް، އިގްތިސާދުގައި ދުޅަހެޔޮ ކަމެއް ނެތް" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު އާމްދަނީ ހޯއްދަވައިގެން ފައިސާ ޗާޕް ނުކުރައްވާ ޚަރަދު ކުރެއްވި ކަމަށް ވިދާޅުވިއިރު، އެ ވިދާޅުވި މިންވަރަށް އާމްދަނީ ލިބިފައި ނެތްކަން މީރާގެ ހިސާބުތަކުން ފެންނަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ވިދާޅުވި ޚަރަދުތައް ހަމަޖެއްސެވީ ކުރުމުއްދަތުގައި އަދާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދަރަންޏަށް ފައިސާ ނަންގަވައިގެން ކަމަށެވެ.

"އެމްއެމްއޭ އިން ލާރި ނަގައިގެން މިއުޅެނީ، އެއީ ފައިސާ ޗާފް ކުރުން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެކަށީގެންވާ މިންވަރަށް ދައުލަތައް އާމްދަނީ ނުލިބޭތީ ބޭންކް އޮފް މޯލްޑިވްސް އިން 600 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން މުވައްޒަފުންގެ މުސާރަ ހަމަޖެއްސިކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކަށް 7 ބިލިއަން ރުފިޔާގެ މާލީ އެހީ ދިންކަމަށް ޑރ. މުއިއްޒު ވިދާޅުވީ ވާހަކަފުޅާ ގުޅޭ ގޮތުން، ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާ ދޫކުރީ މި އަހަރުގެ ފެބްރުއަރީ މަހާ މާޗު މަހުގެ ތެރޭގައި އެކަނި ކަމަށާއި އެއީ ސީދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުންފުނިތަކަށް އިތުރަށް މުވައްޒަފުން ނެގުމަށް ކުރި ކަމެއް ކަމަށެވެ.

ސަރުކާރަށް އާމްދަނީ އެކަށީގެންވާ މިންވަރަށް ނުލިބޭކަން ހާމަ ކުރެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވީ، ބިލްތަކަށް ފައިސާ ހޯދަން ކޮންމެ ދުވަހަކު ދިގު ކިއުގައި ކުންފުނިތަކުން ތިބެން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި އިރު އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި އެތައް މަހެއް ވެފައިވާ ބިލްތައް ހުރިކަން އަމިއްލަ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. ބައެއް ކުދި ކުންފުނިތަކުން ސަރުކާރުގެ ކޮންމެވެސް އެޖެންޓަކަށް "ކަޓެއް" ދީގެން ނޫނީ ފިނޭންސުން ބިލަށް ފައިސާ ލިބޭނެ ގޮތެއް ނޯންނަ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ޑރ. މުއިއްޒުގެ ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި ގާއިމް ކުރާ ވާހަކަ އާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، އެފަދަ ބޭންކެއް ބޭރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ރާއްޖޭގައި ގާއިމް ކުރަންވީ ސަބަބެއް ސަރުކާރަށް ނުދެއްކޭ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް