ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އއ.މާޅޮސް ޓީމުގެ ކުޅުން މިހާރު ރަނގަޅުވާނެ ކަމަށް އެޓީމުގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ނ.މިލަންދޫއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައްލޫމާތު ދެމުން ނިޝްތާރު ބުނީ ތިނަދޫ އަތުން 0-1 ގެ ނަތީޖާއިން މާޅޮސް ބަލިވި މެޗަށް ފަހު އެޓީމު އައީ މި ނިލަންދޫ މެޗަށް ތައްޔާރުވަމުން ކަމަށާއި، ކުރިއަށް ވުރެ ޓީމު މިހާރު ރަނގަޅުވާނެ ކަމަށެވެ.
ނިޝްތާރު ބުނީ ރާއްޖެ ތެރޭ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތު ލިބުނީ ވަރަށް ދުވަސްކޮށްފައި ކަމަށާއި، އެގޮތުން މާޅޮހާއެކު އޭނާ ވެސް މިކަންތަކާ ކުރިމަތިލީ ވަރަށް ބޮޑު ޗެލެންޖެއްކަން އެނގި ހުރެ ކަމަށެވެ.
މާޅޮސް ޓީމު މެޗު ކުޅެފައި ކޮންމެ ފަހަރަކު ރަށަށްދާންޖެހޭކަން ފާހަގަ ކުރަމުން ނިޝްތާރު ބުނީ އެޓީމަކީ ވަރަށް އެއްކޮށް އުޅޭ ކުދިން ތިބޭ ޓީމެއް ކަމަށާއި، މެޗު ކުޅުމަށް މާލެ އަންނަނީ ރަށުގައި ތަމްރީންތައް ހެދުމަށް ފަހު ކަމަށެވެ.
އެހެން ނަމަވެސް އޭނާ ބުނީ ހުކުރު ދުވަހު މެޗު ކުޅެން ބުރާސްފަތި ދުވަހު ޓީމު މާލެ އައިއިރު، ކަނޑު ގަދަކަމުން އުނދަގޫތަކާ ކުރިމަތިވި ކަމަށާއި، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެންޖެލް އަށް ޓީމާއެކު ދަތުރުކުރެވިފައި ވެސް ނުވާ ކަމަށެވެ.
ނިޝްތާރު ބުނީ ތިނަދޫ މެޗަށް ޓީމު ގޮވައިގެން ނިކުތީ މަގާމާ ހަވާލުވިތާ އެންމެ 11 ދުވަސް ފަހުން ކަމަށާއި، އެ މެޗުގައި ޓީމު ނެރުނު ނަތީޖާއާއެކު އުންމީދު ލިބިފައިވާ ކަމަށެވެ.
މާޅޮސް ޓީމަކީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނިގެން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމެކެވެ. އެޓީމުގައި ފުރަތަމަ ޑިވިޝަންގައި ކުޅޭ މަދު ކުޅުންތެރިން ހިމެނޭއިރު، ގިނައީ ހުސް އާ ކުޅުންތެރިންނެވެ.