ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 16:40
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ރާއްޖެއެމްވީ
އެމްޑީޕީ ޕީޖީ ގްރޫޕް ޕްރެސް
އާދޭސް ކުރަމުންދާއިރުވެސް މަސްވެރިކަމާ ބެހޭ ވަޒީރަށް މަސްވެރިންނާ ހަމައަށް ވަޑައެއް ނުގެންނެވުނު: އެމްޕީ ނާޒިލް
މަސްވެރިންނަށް ދޭން އަދިވެސް 80 މިލިއަން ރުފިޔާ އެބައޮތް
މަސްވެރިންގެ ހައްގުތަކަށް ހުރަސް އަޅަން ފުލުހުންނާ ސިފައިން ބޭނުން ކުރަން ސަރުކާރުން އޮތީ ރާވާފައި
ސަރުކާރު އޮތީ މަސްވެރިންގެ ކަންކަމުގައި ފަހަތު ފަޔަށް ބުރަވެފައި

ހުކުރު ދުވަހު އައްޑޫ ސިޓީގެ މަސްވެރިން، އެމީހުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން މުޒާހަރާ ކުރަމުން ދާއިރު މިހާ ހިސާބަށް އައި އިރު ސަރުކާރުން އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް މިހެން ވިދާޅުވީ، އައްޑޫ މަސްވެރިން ކުރަމުންދާ މުޒާހަރާ އާ ގުޅޭ ގޮތުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އާދިއްތަ ދުވަހު ރައްޔިތުން މަޖިލީސް ކުރާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

އޭގެ ބަދަލުގައި ފެންނަނީ ފުލުހުންނާ ސިފައިން ބޭނުންކޮށްގެން މަސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާތަން މިހާރު ފެންނަމުން މިދަނީ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ސަރުކާރުން މުޒާހަރާ ކުރާ ތަނަށް ފުލުހުންނާ ސިފައިން ފޮނުވައިގެން މަސްވެރިން އެތަނުން ބޭރު ކުރުމަށް ރާވައިގެން އެގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ހޮނިހިރު ދުވަހު ސަރުކާރަށް ވަނީ 3 ޑިމާންޑެއް ހުށަހަޅާފައެވެ. އެއީ ވަޒީރު އެމީހުންގެ ގާތައް ވަޑައިގެން އެމީހުންގެ ކަންބޮޑުވުން ތަކަށް ޖަވާބު ދެއްވުމަށާއި، އީދު ބަންދުގެ ކުރިން މަސްވެރިންނަށް ދޭން ހުރި ފައިސާ އެކީ އެއްފަހަރާ ދައްކާ ޚަލާސް ކުރުމަށާއި، ކުރިއަށް އޮތްތާ ކިރާ މަހަށް ގިނަވެގެން 15 ދުވަސް ތެރޭ ފައިސާ ދެއްކުމަށް ސަރުކާރުން އެއްބަސް ވުމެވެ.

ވަޒީރަކަށް އެތަނަކަށް ވަޑައެއް ނުގެންނެވުނު.... ނިމިދިޔަ އިންތިޚާބުގެ ތެރޭގައި ވަޒީރެކޭ ގޮވާލާއިރަށް ވަޒީރު ހުންނަނީ ރައްޔިތުންގެ ކައިރީގައި، އެމްޑީއެއް ވަޒީރެއް ނެތި ނުދޭ އައްޑޫގައި އިންތިޚާބު ތެރޭގައި. މިހާރު ރައްޔިތުން އާދޭސް ކުރާ އިރުވެސް ވަޒީރަށް އިޖާބައެއް ނުދެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް

ހުކުރު ދުވަހު އައްޑޫ މަސްވެރިން ފެށި އިހްތިޖާޖު އާ ބެހޭ ގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ހޮނިހިރު ދުވަހު މެންދުރު ކުރެއްވި ޓްވީޓެއްގައި "ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަޑުއަހަމުން، އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް މިދަނީ ހިއްސާ ކުރަމުން" ކަމަށް ވިދާޅުވެފައިވެއެ.

ނާޒިލް ވިދާޅުވީ ސަރުކާރު ވަރަށް ބޮޑަށް ވެސް ފަހަތު ފަޔަށް ބުރަވެފައި އޮތްތަން ފެންނަމުން ދާ ކަމަށެވެ.

ނާޒިލް ފާހަގަ ކުރެއްވި ގޮތުގައި އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަމުންދާއިރު، އައްޑޫގައި މަހައްދާ 345 މީހުން ތިބި ކަމަށެވެ. ފައިސާ ނުލިބި ގިނަ ދުވަސް ވުމުން އެ މީހުންގެ އާއިލާތައް ތިބީ ވަރަށް ދަތި ހާލުގައިކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ލާރި ނުދެވި 80 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަން ވެސް ނާޒިލް ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިވަގުތު މުޒާހަރާގައި ބައިވެރިވާ ދޯނި ތަކަށް އެކަނިވެސް 11.8 މިލިއަން ރުފިޔާ ސަރުކާރުން ނުދީ އޮތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ 120 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން އޮއްވާ އީދުގެ ކުރިން ސަރުކާރަށް ދެވުނީ 40 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ 80 މިލިއަން ރުފިޔާ އަދިވެސް ދޭން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ހޯމަ ދުވަހު މަޖިލިސް ފެށޭއިރު މަޖިލިސް ތެރެއިން މަސްވެރިންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
- ގުޅުންހުރި