ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 09:10
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް
ރޮއިޓާސް
ޔޫރޯ 2024
ފްރާންސް އިން ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޑެޝޯމްޕްސް
މެޗުގައި ފްރާންސް އަށް ލަނޑެއް ނުޖެހި، މެޗު އެއްވަރުވި ނަަމަވެސް މެޗުގައި ފްރާންސްގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުރިއަށް ދާން ފްރާންސް އިން ބަލާއިރު، ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ދެ ވަނަ މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ފުރަތަމަ މެޗުގައި ފްރާންސް އިން އޮސްޓްރިއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ، ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނެދަލެންޑްސްއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗަށްފަހު ޑެޝޯމްޕްސް ބުނީ، އެޓޭކުގައި ފްރާންސް އިން އަންނަނީ ރަނގަޅު ކަންތައްތަކެއް ކުރަމުން ކަމަށެވެ. ފްރާންސް އިން ކުޅުނު ދެ މެޗަށް ބަލާއިރު ވެސް، ގިނަ ޕޮސިޓިވް ކަންތައްތަކެއް ހުރިކަން އޭނާ ފާހަގަ ކުރި އެވެ. މިހާތަނަށް ފްރާންސް އިން އޮސްޓްރިއާ އަދި ނެދެލަންޑްސްއާ ދެކޮޅަށް ކުޅުނު ދެ މެޗަކީ ވެސް، ވަރަށް ވަރުގަދަ ދެ މެޗު ކަަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އިދިކޮޅަށް ކުޅެން ޖެހުނު ދެ ޓީމުގެ ވަރުގަދަކަން އޭނާ ފާހަގަ ކުރި އެވެ.

ޑެޝޯމްޕްސް ބުނީ މެޗުތައް ކާމިޔާބު ކުރުމަށް ފްރާންސް އިން ލަނޑު ޖަހަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތް މެޗުގައި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެއީ ކޮންމެހެން ވެސް ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ފްރާންސް އިން ޙާސިލު ކުރަން ބޭނުންވާ ލަނޑު ދަނޑި ޙާސިލު ކުރުމުގައި، އެކަން ރަނގަޅު ކުރެެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

މެޗުގައި ފްރާންސް އަށް ލަނޑެއް ނުޖެހި، މެޗު އެއްވަރުވި ނަަމަވެސް މެޗުގައި ފްރާންސްގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ގޯލެއް ޖެހުމުގައި ފްރާންސް އަށް ކާމިޔާބު ނުހޯދުނުއިރު، އެކަމާ އިންތިހާ އަށް ކަންބޮޑުވީ ނަމަވެސް، ކުޅުންތެރިން އެ ކުރި މަސައްކަތާއިި، ދެއްކި ހިތްވަރު ބަލައި ގަންނަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސް ނިކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ފްރާންސް އަށް އޮންނާނެ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ، ޕޮލެންޑަށް ވަނީ މުބާރާތް ނިމިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް