ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 15:05
އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ޒަޚަމްވި ކުއްޖަކު (ފައިލް ފޮޓޯ)
އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ޒަޚަމްވި ކުއްޖަކު (ފައިލް ފޮޓޯ)
ދުއާ ރައުކާ/ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އެހީ ހޯދަން ގޮސް ތިބި ފަލަސްތީނު ބަޔަކަށް އިޒްރޭލު ސިފައިން ހަމަލާ ދީ 9 މީހުން މަރާލައިފި
އަލް ޖަޒީރާ އިން ބުނެފައިވަނީ އިޒްރޭލު ސިފައިންގެ މި ހަމަލާގައި މަދުވެގެން 30 ށް ފަލަސްތީނު މީހުން ޒަޚަމް ވެފައިވާ ކަމަށް.

ރަފަހް ގެ ހުޅަނގު ގެ ސަރަހައްދުތަކަށް ޓޭންކު ތަކާއެކު އިޒްރޭލު ސިފައިން ވަންނަމުން ދާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ. އަނެއް ކޮޅުން އެހީ ހޯދަން ގޮސް ތިބި ފަލަސްތީނު ބަޔަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ހަމަލާ ދީ މަދުވެގެން 9 މީހުން މަރާލައިފިއެވެ.

އަލް ޖަޒީރާ އިން ބުނެފައވަނީ އިޒްރޭލު ސިފައިންގެ މި ހަމަލާގައި މަދުވެގެން 30 ށް ފަލަސްތީނު މީހުން ޒަޚަމް ވެފައިވާ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ މަގްސަދަކީ ހަމާސް މުޅިން ނައްތާލެވެން ދެން ހަނގުރާމަ ކުރިއަށް ގެންދިއުން ކަމަށް ތަކުރާރު ކޮށް ހާމަ ކޮށްފައި ވާއިރު، ހަމާސް އަކީ ފިކުރެއް ކަމަށާއި ހަމަލާ ދީގެން ފިކުރެއް ނައްތާ ނުލެވޭނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފިއެވެ.

އިޒްރޭލުން ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އަރާ އެތަނުގެ ރައްޔިތުންނަށް ހަމަލާދޭން ފެށި އިރު ރަފަހްގެ އާބާދީ، އދ އިން އަންދާޒާ ކޮށްފައިވަނީ މިލިއަނަކަށް ވުރެ ގިނަ ވާނެ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އަނިޔާވެރި ކަމުން ސަލާމަތްވާން އެ ސިޓީ ދޫކޮށް ގިނަ މީހުން ހިޖްރަ ކުރަން މަޖުބޫރު ވުމުގެ ސަބަބުން އދ. ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އޮފީހުން އަންދާޒާ ކުރާ ގޮތުގައި ރަފަހް ގައި މިހާރު ތިބީ ގާތް ގަނޑަކަށް 65،000 ފަލަސްތީނު މީހުންނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،396 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 85،523 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާ ތަކުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް