ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 19:34
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް
ރޮއިޓާސް
ރަޝިއާ ޗައިނާ ގުޅުން
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ އިންޒާރު ޗައިނާ އަށް، ރަޝިއާ އަށް އެހީވަންޏާ އޭގެ އަގު އަދާ ކުރަން ޖެހޭނެ
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޔޫކްރެއިންގެ ހަނގުރާމައިގައި ރަޝިއާ އަށް ޗައިނާ އިން އެހީވަމުން ގެންދާ ކަމަށް ވާނަމަ އޭގެ ހިތި ނަތީޖާ އާ ޗައިނާ އަށް ކުރިމަތިލާން ޖެހޭނެ ކަމުގަ

ޔޫކްރެއިން ހަނގުރާމައިގައި ޗައިނާ އިން ރަޝިއާ އަށް އެހީވާ މައްސަލައިގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ ވަރުގަދަ އިންޒާރެއް ޗައިނާ އަށް ދެއްވައިފިއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ހޯމަ ދުވަހު ވިދާޅުވީ، ޔޫކްރެއިންގެ ހަނގުރާމައިގައި ރަޝިއާ އަށް ޗައިނާ އިން އެހީވަމުން ގެންދާ ކަމަށް ވާނަމަ އޭގެ ހިތި ނަތީޖާ އާ ޗައިނާ އަށް ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.

ޔޫކްރެއިންގެ ހަނގުރާމަ ދިގުލައިގެން ދިއުމާއެކު އެކަމަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވާ މައްސަލައިގައިވެސް ސްޓޮލްޓެންބާރގް ވާހަކަފުޅު ދެއްކެވިއެވެ.

އޭނާ ވިދާޅުވީ، ޔޫކްރެއިނަށް މާލީ އެހީތެރިކަން އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދެވޭނެ މަގު އޮންނަންވާނީ ހަމަޖެހިފައި ކަމަށެވެ. ސްޓޮލްޓެންބާރގް ވަނީ ނޭޓޯގެ މެމްބަރު ގައުމުތަކުން އެ ގައުމުތަކުގެ އަސްކަރީ ބަޖެޓް ބޮޑު ކުރިކަން ފާހަގަ ކުރައްވާފައެވެ.

ނޭޓޯ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އަންނަ މަހު އެމެރިކާގެ ވޮޝިންގޓަނުގައި ޚާއްސަ ސަމިޓެއް ބާއްވާން ހަމަ ޖެހިފައި ވާއިރު، އެ ސަމިޓުގައި ޔޫކްރެއިނަށް ދިގު މުއްދަތެއްގައި އެހީވާނެ ގޮތަކާ މެދު އެއްބަސް ވުމަށް ނޭޓޯގެ މެމްބަރު ގައުމުތަކުން އުއްމީދު ކުރެއެވެ.

ވޮޝިންގޓަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓޮލްޓަންބާރގް ވިދާޅުވީ، ޔޫކްރެއިންގެ ހަނގުރާމަ ގޯސް ވުމުގެ ފަހަތުގައި ވަނީ ޗައިނާ ކަމަށެވެ.

ސްޓޮލްޓަންބާރގް ގެ ވާހަކަފުޅުގައި ޗައިނާގެ ރައީސް ޔޫކްރެއިން ހަނގުރާމައިގައި ވަކިކޮޅަކަށް ޖެހިވަޑައިނުގަންނަވާ މަންޒަރު ދައްކަވައިގެން، އުޅުއްވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކި ވަޑައިގެން އިގްތިސާދަށް އެނގުމެއް ވިޔަ ނުދެއްވައެވެ.

ނަމަވެސް ސްޓޮލްޓަންބާރގް ވިދާޅުވީ، ހަގީގަތަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގައި ހިނގަމުން ދާ އެންމެ ބޮޑު އަސްކަރީ ހަމަ ނުޖެހުމަށް ތެޔޮ އަޅަމުން ގެންދަނީ ޗައިނާއިންނެވެ. އެއާ އެކު ޗައިނާ އިން ހުޅަނގުގެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވަންވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޮލްޓަންބާރގް ވިދާޅުވީ ޗައިނާ އަށް ދެ މޮޅެއް ނުލިބޭނެ ކަމަށެވެ. ޗައިނާގެ މިސްރާބު ބަދަލު ނުކުރާ ނަމަ ނޭޓޯގެ ގައުމުތަކުން ޖެހޭނީ އޭގެ އަގު ދައްކަން ޗައިނާ އަށް ޖެއްސުން ކަމަށްވެސް ސްޓޮލްޓަންބާރގް ވިދާޅުވިއެވެ.

ޗައިނާ އިން ބުނަމުން ދަނީ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ކަން ކުރަމުންދާ ގޮތައް އެއްވެސް ފަރާތަކަށް ޗައިނާ އިން ހަތިޔާރު ފޯރުކޮށް ނުދޭ ކަމަށެވެ.

އަންނަ މަހު ވޮޝިންގޓަނުގައި އޮންނަ ނޭޓޯގެ އަހަރީ ސަމިޓުގެ މެމްބަރު 32 ގައުމުގެ އިތުރުން، ނޭޓޯގެ މުހިންމު އެކުވެރިންގެ ގޮތުގައި ދެކޭ، އޮސްޓްރޭލިއާ، ޖަޕާން، ނިއުޒީލެންޑް އަދި ދެކުނު ކޮރެއާއަށް ވަނީ ދައުވަތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި