އާއިލީ ޒިންމާތައް ހުންނަ ގޮތުން ކަނބަލުންނަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން އުދަނގޫކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ހަސަން ވަނީ ސިޔާސީ މައިދާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުން އިތުރުކުރުމަށް ހަމައެކަނި ކޯޓާ އެއް ކަނޑައެޅުމުން ބާރު ލިބިގެން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވަނީ އަންހެނަކަށް ވީތީ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވޭ ކަަމަށް ވެސް ވިދާޅުވެފައެވެ. ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ގިނަ ކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް ހަސަން ވަނި ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުވާ އެއް ސަބަބަކީ އާއިލީ ޒިންމާތައް އުފުލަމުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން އުދަނގޫވުން ކަމަށެވެ. ހަސަން ވިދާޅުވީ ބައެއް ކަނބަލުން އާއިލީ ކަންކަން ބަލަހައްޓަމުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވި ނަމަވެސް ހުރިހާ އެންމެންނަށް އެފަދަ ފުރުސަތުތަކެއް ފަހިވެފައި ނުހުންނަ ކަމަށެވެ. އެގޮތުން އާއިލީ ޒިންމާތައް ހުންނަ ގޮތުން ސިޔާސީ ކަންކަމަށް ވަގުތު ހުސްކުރުން ދަތިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ތައުލީމީ ނިޒާމް އޮތް ގޮތުން ކުދިން ސްކޫލަށް ގެންދިއުމާއި ހޯދުން ފަދަ ކަންކަން އިންތިޒާމްކުރަން ޖެހޭ ގޮތުން ކަނބަލުންނަށް ގޮންޖެހުންތަކާއި ދިމާވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ތައުލީމީ ނިޒާމް ރޭވިފައިވާ ގޮތް ބަދަލުކޮށްގެން ކަނބަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުން ވަރަށް ބޮޑުތަނުން އިތުރުކުރެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެކަނިވެރި މައިންނާޢި، އާއިލާ އާ ދުރުގައި ފިރިމީހާ އާ ދުރުގައި އުޅުއްވާ ކަނބަލުން ވަރަށް ގިނަ. ވަރަށް ޤާބިލު، ޝައުގުވެރިކަން ހުރި ކަނބަލުން ތިއްބަވާފާނެ. ސިޔާސީ ކަންކަމަށް ވަގުތު ހުސްކުރަން ގޮންޖެހުމަކަށް ވޭ ސްކޫލް ނިޒާމް އޮތް ގޮތުން. ކުދިން ސްކޫލަށް ގެންގޮސްފައި، ޓިއުޝަނަށް ގެންގޮސްފައި، ގުރުއާން ކުލާހަށް ކުއްޖާ ގެންގޮސްފައި ވަރަށް އުދަނގޫވޭ ވަގުތު ހުސްކުރަން. ގިނައިން އާއިލީ ޒިންމާ ނަގާ އަންހެނުން ނިސްބަތުން ތިބީ. އެއްކަލަ މަންމަ ދަރިފުޅުގެ ކަންކަން ބަލަމުން ސިޔާސީ ކަންކަމަށް ސިކުނޑި ގެންދާނެ ވަގުތެއް ނެތް. އެހެން މީހަކަށް ކަންކަން ބަރޯސާ ނުވެ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް އެބަ ޖެހޭ އެކަށައަޅަން. މިސާލަކަށް އެކަށީގެންވާ ޑޭ ކެއަރ ނިޒާމެއް. ދަރިން ބަލާނެ ނިޒާމެއް ނެތުމުން ސިޔާސީ މައިދާނަށް ނުނިކުމެވޭ މީހުންނަށް ހައްލަކަށް ވާނެ ތައުލީމީ ނިޒާމުން ވެސް. ސްކޫލަށް ދަރިފުޅު ގެންގޮސްފައި ދެވޭނެ ސިޔާސީ މަސައްކަތަށް. މަސައްކަތަކުން އަންނަމުން ބަލާދެވޭނެ. އެހެންވީމަ ވަރަށް ގޮންޖެހުން ބޮޑުއިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ
އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި އިތުރު ކުރެވޭނީ އިޖުތިމާއީ ގޮތުން މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެން ކަމަށް ހަސަން ވިދާޅުވިއެވެ. އަންހެނުންނަށް ސިޔާސީ މައިދާނުގައި ފުރުސަތު ދިނުމަށް ކައުންސިލްތަކުގެ ވަކި އިންސައްތަ އެއް އަންހެނުން ހިއްސާކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.