ކ. މާލެ
|
19 ޖޫން 2024 | ބުދަ 09:06
އިންގްލެންޑުގެ ޖޫޑް ބެލިންހަމް
އިންގްލެންޑުގެ ޖޫޑް ބެލިންހަމް
ޓްވިޓަރ
ޔޫރޯ 2024
ބެލިންހަމް: އިންގްލެންޑުގެ އެހެން ކުޅުންތެރިންނާ ތަފާތު!
ބައެއް މީހުން މިސާލު ނަގާފައިވާ ގޮތުގައި، އަންގި ލައިގެން ގޯލު ކީޕަރަކަށް އަރަން ޖެހިއްޖެ ނަމަ، އެކަމަށް ވެސް ބެލިންހަމް ތައްޔާރު

އިންގްލެންޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަކީ މީގެ ކުރިން ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ކުޅުންތެރިޔެކެވެ. އިންގްލެންޑުގެ ކުރީގެ ޖީލުތަކުގެ ކުޅުންތެރިންގެ ކިބައިގައި ނެތް ފަދަ ވިސްނުމާއި، ތޫނުފިލިކަން އަދި ހުނަރު ލިބިގެންވާ ކުޅުންތެރިޔެއް ކަމަށް ގިނަ މީހުންނަށް ޤަބޫލު ކުރެވެ އެވެ.

ޒުވާން ކުޅުންތެރިޔާ ވަނީ އިންގްލެންޑުން ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާގެ ފެންބަރު ދައްކައިދީފަ އެވެ. ސާބިއާއާ ދެކޮޅަށް އިންގްލެންޑު ކުޅުނު މެޗުން އެ ޓީމު މޮޅުވީ ބެލިންހަމް ޖެހި ލަނޑުންނެވެ. މެޗުގައި އިންގްލެންޑުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވެސް އޭނާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ބެލިންހަމް އެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެ މެޗުގައި ބެލިންހަމް ހަމައެކަނި ލަނޑު ޖެހީއެއް ނޫނެވެ. ހުރިހާ ދިމާލެއްގައި ވެސް ބެލިންހަމް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބައެއް މީހުން މިސާލު ނަގާފައިވާ ގޮތުގައި، އަންގި ލައިގެން ގޯލު ކީޕަރަކަށް އަރަން ޖެހިއްޖެ ނަމަ، އެކަމަށް ވެސް ބެލިންހަމް ތައްޔާރެވެ. އެހާ ވެސް އޭނާގެ ކުޅުން ފެނުނީ ރަނގަޅަށެވެ.

ސާބިއާއާ ދެކޮޅަށް އިންގްލެންޑުން ދެއްކި ޖުމުލަ ކުޅުމަކީ ވަރަށް އާދަޔާ ހިލާފު ކުޅުމެކެވެ. ނަމަވެސް އެހެން ސަބަބަކާ ހުރެ މުޅިން ތަފާތު އިހުސާސެއް ކުރެވުނެވެ. އެއީ މީގެ ކުރިން އިންގްލެންޑަށް ލިބިފައި ނެތް ފަދަ ކުޅުންތެރިޔަކު މިހާރު ޓީމުގައި ހުރުމެވެ. ޒުވާން ކުޅުންތެރިޔާ ބިނާވެފައި ވަނީ އިންގްލެންޑުގެ އެހެން ކުޅުންތެރިންނާ ތަފާތު ގޮތަކަށެވެ.

އޭނާގެ 16 ވަނަ އުފަން ދުވަހަށް އެއް މަސް ފަހުން ބާމިންހަމް އަށް ފުރަތަމަ ފަހަރަށް ތައާރަފުވި ހިސާބުން ފެށިގެން، މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީން އޭނާ ހޯދުމަށް ކުރި މަސައްކަތަށް ބެލިންހަމް ވަނީ ދެކޮޅު ހަދައިފަ އެވެ. އެއަށްފަހު އޭނާ ބަދަލުވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. އެހިސާބުން ބެލިންހަމް ވަނީ އޭނާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން ވެސް ސާބިތުކޮށްދީފަ އެވެ.

ޑޯޓްމަންޑުގައި ބެލިންހަމް ދައްކަމުން އައި ޖާދުވީ ކުޅުމާއެކު، ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ހޯދަން ބޭނުންވި އެވެ. ރެއާލުން ހުށަހެޅި ފުރުސަތުގައި ބެލިންހަމް އެ ކުލަބަށް ސޮއި ކުރީ އެއްވެސް ފަސް ޖެހުމެއް ނެތި އެވެ. ރެއާލުން ބެލިންހަމް ހޯދީ ކުލަބުގެ ތާރީޚުގައި ވެސް ދެ ވަނަ އަށް އެންމެ އަގު ބޮޑު ސޮއިގެ ގޮތުގަ އެވެ. ރެއާލަށް ކުޅެދިން ފުރަތަމަ 15 މެޗުގައި ވެސް ބެލިންހަމް ވަނީ އެ ކުލަބުގެ ލެޖެންޑުންނާ އެއް ފެންވަރެއްގައި ލަނޑު ޖަހައިފަ އެވެ.

ސާބިއާއާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗާ ގުޅިގެން ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފަހަރުގެ ޔޫރޯގައި އިންގްލެންޑުން އެންމެ ތަފާތު ކުޅުންތެރިޔަަކަށް ވާނީ ވެސް ބެލިންހަމް އެވެ. ޚާއްސަކޮށް އޭނާ ކުރަމުން މަސައްކަތާއި، ހިތްވަރަކީ އެހެން ކުޅުންތެރިންނަށްވުރެ ބޮޑަށް، އިންގްލެންޑުން އޭނާ އަށް ބަރޯސާ ވާން ޖެހޭނެ ކަމެއް ކަމަށް ވެސް އެމީހުންނަށް ޤަބޫލު ކުރެވެ އެވެ.

އިންގްލެންޑުން މުބާރާތުގެ ދެ ވަނަ މެޗަށް ކުރިމަތިލާން ތައްޔާރުވަމުން އަންނައިރު، ބޭނުން ވާނީ މޮޅެކެވެ. އެއީ މުބާރާތުގައި އެ ޓީމު ކުރިއަށް ދާން ވިސްނާއިރު، އެ ޓީމަށް މޮޅު ނޫން ގޮތަކުން ފައުޖައްސާލެވެން ނެތީތީ އެވެ. އެއީ މުބާރާތުގައި ކުރިއަށް ދާން ހުރަހަަކަށް ވެދާނެތީއެއް ނޫނެވެ. އެއީ މުބާރާތުގައި އިންގްލެންޑުގެ ސާބިތުކަމާއި، އެ ޓީމުގެ ފެންވަރު ކޮންމެހެން ސާބިތު ކޮށްދޭން ވެސް ޖެހޭތީ އެވެ.

މިއަހަރުގެ ޔޫރޯގައި އިންގްލެންޑަކީ މުބާރާތުގެ ފޭވަރިޓުންނަށްވާއިރު، ކުރިއަށް ދިޔުމުގައި ޓީމުން ރުކުރަވާލަން ޖެހޭ ކަންކަމަށް ކޯޗު ގަރެތު ސައުތުގޭޓް ވަރަށް ބޮޑަށް ވިސްނާނެ އެވެ. ބެލިންހަމްގެ އިތުރުން ދެން ތިބި ކުޅުންތެރިންނާއެކު، މިވަގުތު އިންގްލެންޑުގައި އޮތް ސްކޮޑަކީ، ސައުތުގޭޓަށް ލިބޭނެ އެންމެ ފުރިހަމަ ސްކޮޑު ކަމަށް ވެސް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް