ކ. މާލެ
|
17 ޖޫން 2024 | ހޯމަ 19:05
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ
ރާއްޖެއެމްވީ
ބައި އިލެކްޝަންގެ ނިޒާމު
ބައި އިލެކްޝަންގެ ނިޒާމު އޮތް ގޮތާއި މެދު ވިސްނަން ޖެހޭ، ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލްވޭތޯ ސުވާލު އުފެދޭ - ހަސަން
މިކަމާއި ގުޅޭ ދިރާސާތައް ކޮށް، ބައި އިލެކްޝަންތައް ފުލުފުލުގައި ބާއްވަން ޖެހޭ މައްސަލަ އަށް ހައްލު ގެންނަން ޖެހޭ ކަަމަށް ވެސް ހަސަން ވަނީ ވިދާޅުވެފަ
އިލެކްޝަންތައް ބޭއްވުމުގެ ކަންކަން ހުންނަ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ހަކަތަ އާއި ވަގުތުގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ ބައި އިލެކްޝަންތަކަށް

ބައި އިލެކްޝަންގެ ނިޒާމު އޮތް ގޮތާއި މެދު ވިސްނަން ޖެހޭ ކަމަށާއި ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލްވޭތޯ ސުވާލު އުފެދޭ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޒަކަރިއްޔާ ވިދާޅުވީ ބައި އިލެކްޝަންތައް ބޭއްވުމުގެ ކަންކަން ހުންނަ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ހަކަތަ އާއި ވަގުތުގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ ބައި އިލެކްޝަންތައް ބޭއްވުމަށް ކަމަށެވެ. އެގޮތުން ކިތަންމެ ކުޑަ ބައި އިލެކްޝަނެއް ބޭއްވިޔަސް އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ތިބެން ޖެހެނީ ކޮންމެވެސް ބައި އިލެކްޝަނަކަށް ތައްޔާރުވުމުގެ މަސައްކަތުގައި ޝާމިލްވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން އިންތިޚާބުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ލިބޭ މިންވަރު ވަރަށް ކުޑަ ކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައި އިލެކްޝަންތައް ކައިރީގައި ބޭއްވުމަކީ މާލީ ގޮތުން ބެލިއަސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެއް ކަމަށެވެ. ކައިރި ކައިރީގައި ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުން އިންތިޚާބުކުރަން ޖެހުމަކީ އެއީ ރައްޔިތުން އެންމެ ބޭނުންވާ ގޮތް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ. އެކަންކަމަށް ހޭދަ ކުރާ ފައިސާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާކަން ފާހަގަކުރައްވާ ޒަކަރިއްޔާ ވިދާޅުވީ މި ނިޒާމް މިހާރު އެކުލަވާލާފައިވާ ގޮތާއި މެދު ވިސްނަން ޖެހޭ ބައެއް ކަންކަން އެބަ ހުރި ކަމަށެވެ. މިކަމާއި ގުޅޭ ދިރާސާތައް ކޮށް، ބައި އިލެކްޝަންތައް ފުލުފުލުގައި ބާއްވަން ޖެހޭ މައްސަލަ އަށް ހައްލު ގެންނަން ޖެހޭ ކަަމަށް ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް މައުލޫމާތު ދޭން އުޅޭނެ ވަގުތެއް ނެތް. ވަރަށް ގިނަ މަދަނީ ޖަމިއްޔާތަކުން ވެސް އެ ވާހަކަ އެބަދައްކާ. މިއީ އެންމެ ރަނގަޅު ނިޒާމްތޯ. މި ފަހުން ޑަބްލިއުޑީސީވެސް އިތުރު ވެއްޖެ. ބައެއް ރަށްރަށުގައި މަތިމައްޗަށް ތިން ބައި އިލެކްޝަން އެބަ ބާއްވާ. ހަމަ ހޮވީ އިސްތިޢުފާ ދޭނީ. މި ވާހަކަ މިހާރު ތަންކޮޅެއް ބޮޑަށް ދެކެވެން ޖެހޭ. ރައްޔިތުންގެ ފައިސާ އިން އަގު އަދާކުރަނީ. މި ވާހަކަ ސިއްރު ކުރާނެ ކަމެއް ނެތް. މި ގޮތަށް ތޯ މިކަން ކުރަން އެންމެ ރަނގަޅީ އެބަ ޖެހޭ ސުވާލު އުފައްދަން. ބަދަލު ކުރަންޏާ ބަދަލުކުރަންވީ ވަގުތު މިއީ. މިކަން ސިއްރުކޮށްގެން ތިބޭނެ ކަމެއް ނެތް.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ

ކުރިއަށް ވެސް ގިނަ ބައި އިލެކްޝަންތަކެއް އެބަ ހުއްޓެވެ.

އެގޮތުން ޖުލައި މަހު މާލެ ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކުގެ އިލެކްޝަން ވެސް އެބަ އޮތެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާ އިއުލާން ކުރި ބައި-އިލެކްޝަން ތަކުގެ ތެރެއިން ވާދަ ކުރާނެ އިތުރު ފަރާތެއް ކުރިމަތި ނުލުމުގެ ސަބަބުން 3 ބައި-އިލެކްޝަނެއް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ކާމިޔާބުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް