ލިވަޕޫލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފިއެވެ. ބާސެލޯނާއިން ކުޓީނިއޯ ގަންނަން ހުށަހަޅާފައިވަނީ 90 މިލިއަން ޕައުންޑެވެ.
ބާސެލޯނާއިން ވަނީ މިދިޔަ ޖުލައި މަހުވެސް ކުޓީނިއޯއަށް ބިޑުކޮށްފައެވެ. އެ ފަހަރު ބާސާއިން ބިޑުކޮށްފައިވަނި 72 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް އެ ފަހަރުވެސް ލިވަޕޫލްއިން ވަނީ ކުޓީނިއޯ ހިފަހައްޓާފައެވެ.
މި ޓްރާންސްފާ މާކެޓުގައި ބާސާއިން އަންނަނީ އެޓީމުގެ މިޑްފީލްޑް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަމުންނެވެ. މިގޮތުން ބާސާއިން އެންމެ ފުރަތަމަ ބިޑުކޮށްފައިވަނީ ޕީ.އެސް.ޖީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑާ މާކޯ ވެރާޓީއަށެވެ. އެހެން ނަމަވެސް ޕީ.އެސް.ޖީއިން ވަނީ ވެރާޓީ އެޓީމުގައި މަޑުކުރުވާފައެވެ.
ބާސެލޯނާގެ ޓްރާންސްފާ ބަޖެޓް ވަނީ ނޭމާ ޕީ.އެސް.ޖީއަށް ބަދަލުވުމާއެކު ވަރަށް ބޮޑުތަން އިތުރުވެފައެވެ. ނޭމާ ޕީ.އެސް.ޖީއަށް ބަދަލުވެފައިވަނީ 200 މިލިއަން ޕައުންޑަށެވެ. މިއި ދުނިޔޭގެ ރިކޯޑެކެވެ. އަދި މި ފައިސާ ހަރަދު ކުރެވޭނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކަމަށް ބާސާގެ ރައީސް ވަނީ ބުނެފައެވެ.
އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ.
ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.