ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 15:23
ޙައްޖުގެ އަޅުކަން އަދާ ކުރަން ދާން ބޭނުންވާ މީހުން، ފަލަސްޠީނުގެ ކަމާ ބެހޭ ފަރާތްތަކުން އެކުލަވާލާފައި ވާ ދަފުތަރުގައި ނަން ނޯޓު ކުރުމަށް ފަހު އެތައް އަހަރެއް ވަންދެން ތިބެންޖެހެނީ އިންތިޒާރުގަ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޙައްޖުވުމަށް އެތައް އަހަރެއް ވަންދެން ކުރި އުންމީދުގައި ނިރުބަވެރިން ކޮޅުފައިން ޖެހިއިރު އަހަރެމެންނަށް ކޮށްދެވުނީ ކީއް؟
ޙައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި ބައެއް މީހުން، އެ މީހުންގެ މުޅި ޢުމުރު ދުވަހު މަސައްކަތް ކުރޭ
ޣައްޒާގެ ޚާން ޔޫނިސްގައި މަޙްމޫދުގެ ދެމަފިރިން މިހާރުވެސް ދިރިއުޅެމުން ދަނީ، އިޒްރޭލުގެ ގަތުލުއާންމުގައި ސުންނާފަތިކުރި އަމިއްލަ ގެދޮރުގަ

ފަލަސްޠީނުގެ ބިންތަކަށް ވެރިވަގުތުމުގެ ވަޙްޝުގައި ޖެހިފައި ތިބި އިޒްރޭލުގެ ނިރުބަވެރި ޔަހޫދީން، ޣައްޒާގައި ގަތުލުއާންމު ހިންގާތާ މިހާރު 8 މަހަށް ވުރެ ގިނަ ދުވަސް ވީއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވުނު ހަމަ އެއް ކަމެއްވެސް ނެތެވެ. އެންމެ ކުޑަ މިނުން، ޣައްޒާގެ ވަޒަންވެރިންނަށް އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަ ކުރުމުގެ ޙައްޤުވެސް ހޯދައި ނުދެވުނެވެ. އަހަރުގެ ތެރޭގައި ބައްދަލު ކުރާ އެންމެ މާތް މައްސަރު ކަމަށް ވާ، ބަރަކާތްތެރި ރަމަޟާން މަސްވެސް ޣައްޒާގެ އަޚުންނާއި އުޚުތުން ހޭދަ ކުރީ ގަތުލުއާންމުގެ ވޭނާއި ބިރުވެރި ކަމުގެ ތެރޭގައެވެ. ހައިހޫނު ކަމާއި މާޔޫސް ކަމުގެ ތެރޭގައެވެ. ދެން މި ބައްދަލު ކުރީ ޛުލްޙިއްޖާ މަހެވެ. ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަކީ، ޣައްޒާގެ މުސްލިމުންގެވެސް އުންމީދަށް ނުވެނުދާނެތާއެވެ. އެކަމަކު، އެ ނަޞީބުންވެސް މިއަދު އެ މީހުން ވަނީ މަހްރޫމު ކޮށްފައެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި ބައެއް މީހުން، އެ މީހުންގެ މުޅި ޢުމުރު ދުވަހު މަސައްކަތް ކުރެއެވެ. އިންތިޒާރުގެ ވަގުތުތައް އެތައް އަހަރަކަށް ދިގުލައި ދެއެވެ. ފާޠިމާއާއި މަޙްމޫދު ޖަރްޣޫންއަކީ ޒަވާޖީ ޙަޔާތުގެ ދުވަސްތައް، ފޮނި އުންމީދަކާއެކު ވޭތި ކުރަމުން ދިޔަ ދެމަފިރިންނެވެ. ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަކީ ދެމަފިރިންވެސް ދެކެމުން ދިޔަ އެންމެ ފޮނި ހުވަފެނެވެ. ޙައްޖަށް ދިއުމަށްޓަކައި މަޙްމޫދުގެ ދެމަފިރިން ވަނީ، އެ މީހުންގެ އަތުގައި ހުރި ހުރިހާ ގަހަނާއެއްވެސް ވިއްކާލާފައެވެ. ނަމަވެސް، ޣައްޒާއިން ފޭބޭނެ އެއްވެސް ގޮތެއް ހަމަ ނެތެވެ. އެއާއެކު، ހުވަފެންތައްވެސް ވިއްސިވިހާލިވެ ދިޔައީއެވެ.

ޢުމުރުން މިހާރު 67 އަހަރު ފުރިފައި ވާ މަޙްމޫދު ސިފަ ކުރި ގޮތުގައި އެ ދެމަފިރިންނަށް މިއަދު ދިރިއުޅެން މަޖުބޫރުވެފައި ވަނީ ޖަލެއްގައެވެ. ޙަޤީޤީގަތުގައި، ޤައިދީއަކަށްވެސް އެއަށްވުރެ ގިނަ ޙައްޤުތަކާއި މިނެއް ނެތް މިނިވަންކަން ލިބިފައިވެއެވެ. ރަފަޙުގެ ބޯޑަރު ނެތުމާއެކު، ޣައްޒާއިން ބޭރަށް ނުކުމެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ރަފަޙު ބޯޑަރުން ނުކުމެވެން އޮންނަނީ މިޞްރަށެވެ. މެއި މަހުގެ ތެރޭގައި އިޒްރޭލުން ރަފަޙަށް ވެރިވެގަތް ފަހުން މިޞްރުން ވަނީ ރަފަޙު ބޮޑަރު ހުރަސް ނުކުރެވޭ ގޮތަށް، މިޞްރާ ވީ ފަޅިން ބަންދުކޮށްފައެވެ.

ޣައްޒާގެ ޚާން ޔޫނިސްގައި މަޙްމޫދުގެ ދެމަފިރިން މިހާރުވެސް ދިރިއުޅެމުން ދަނީ، އިޒްރޭލުގެ ގަތުލުއާންމުގައި ސުންނާފަތިކުރި އަމިއްލަ ގެދޮރުގައެވެ. ކޮންމެ ދިމާއަކަށް ބަލައިލި ކަމުގައިވެސް މިއަދު ފެންނަން އޮތީ ފުނޑުފުނޑު ކޮށްލާފައި ވާ ފޮނިފޮނި އުންމީދުތަކެކެވެ. ގަތުލުއާންމުގެ ސަބަބުން ނަފުސަށް ލިބެމުން ދިޔަ ނަފުސާނީ އަދި ޖިސްމާނީ އަނިޔާގެ ރިހުންތައް އިތުރަށް ގަދަވީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެވޭނެ ގޮތެއް ނެތް ކަން ޤަބޫލު ކުރުމަށް މަޖުބޫރުވި ހިސާބުންނެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ސުންނާފަތި ކޮށްފައި ވާ ގެ އަލުން ކޮޅަށް ޖަހާ، މަރާމާތު ކުރުމަށް އޭނާގެ އަތުން 20000 އެއްހާ ޑޮލަރު ޚަރަދު ވާނެ ކަމަށް މަޙްމޫދު ބުނެއެވެ. ދެން ބަންދު ކުރީ ބޯޑަރެވެ. 20 އަކަށް އަހަރު ވަންދެން ޙައްޖަށް ދާން ކުރި މަސައްކަތުގައި ބަޔަކު ކޮޅުފައިން ޖެހީ މުސްކުޅިވެ، ގައިބާރު ދެރަވި ދުވަހުއެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރަން ދާން ބޭނުންވާ މީހުން، ފަލަސްޠީނުގެ ކަމާ ބެހޭ ފަރާތްތަކުން އެކުލަވާލާފައި ވާ ދަފުތަރުގައި ނަން ނޯޓު ކުރުމަށް ފަހު އެތައް އަހަރެއް ވަންދެން ތިބެންޖެހެނީ އިންތިޒާރުގައެވެ. އެ މީހުންގެ ފުރުޞަތު ޖެހޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޢުމުރުން 65 އަހަރުގެ ފާޠިމާ ކިޔައިދިން ގޮތުގައި، ޙައްޖުގެ އަޅުކަން އަދާ ކުރަން ހުއްދަ ލިބޭ މީހުންގެ ލިސްޓުގައި މި ފަހަރު އެ ދެމަފިރިންގެ ނަން އޮތުމުން އިންތިހާއަށް އުފާ ކުރި ކަމަށެވެ. އެކަމަކު، ވަގުތު ޖެހުނު އިރު ހުރިހާ ހުވަފެނެއް ވިއްސިވިހާލިވެ، އިންތިހާ ހިތްދަތި ކަމުގައި ދުވަސްތައް ގުނަން މަޖުބޫރުވެފައި އޮތް ކަންވެސް އޭނާ ފާހަގަ ކުރިއެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ އިންތިހާ އެހީ ލިބިގަނެގެން އޮތް ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގައި ގަތުލުއާންމު ހިންގަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުއެވެ. އެއީ ހުރިހާ ކޮޅަކުން ބައްދާ، ފިއްތާފައި އޮތް ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން، އިޒްރޭލަށް ދިން ޙަމަލާތަކެއްގެ ރައްދުގައި ކަމަށް ބުނެ، އިޒްރޭލުން ވަނީ ޙުއްޖަތް ދެއްކުމަށް މަސައްކަތް ކޮށްފައެވެ. ޤާނޫނީ ގޮތުން ބަޔަކަށް ލިބޭނެ އިންތިހާ ބާރާއި ނުފޫޒު ލިބިފައި ވާ ބައިނަލްއަޤުވާމީ ކޯޓުތަކަށްވެސް ކުރެވުނު ކަމެއް ނެތެވެ. އިޒްރޭލުގެ ގަތުލުއާންމަކީ މިފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ދަށު ދަރަޖައިގެ ޖަރީމާއެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން އިޒްރޭލުން ދެމުންދާ ސިލްސިލާ ޙަމަލާތަކުގައި ޣައްޒާއިން ބައިލައްކައެއްހާ މީހުންގެ ފުރާނަ ދުއްވާލާފައި ވާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް