ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 09:25
ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފެލިކްސް
ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފެލިކްސް
ރޮއިޓާރސް
ބާސެލޯނާ
ފެލިކްސް ބޭނުން ވަނީ ބާސެލޯނާގައި މަޑު ކުރަން
އެއް އަހަރު ދުވަހަށް އެކުލަވާލި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރު

އޭނާ ބޭނުން ވަނީ ސްޕެއިންގެ ބާސެލޯނާގައި މަޑު ކުރަން ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލް ޔާއޯ ފެލިކްސް ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު، އުމުރުން 24 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު އެވެ. އެއް އަހަރު ދުވަހަށް އެކުލަވާލި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރު އެވެ. އެއްބަސްވުން ހަމަވާއިރު، ދާއިމީ ގޮތެެއްގައި ފެލިކްސް ހޯދޭނެ މާއްދާ އެއްބަސްވުމުގައި ހިމަނާފައި ނެތެވެ. އެހެންކަމުން، ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ފެލިކްސް އަށް ޖެހޭނީ އެނބުރި އެތުލެޓިކޯ އަަށް ދާށެވެ.

ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފެލިކްސް ބުނީ، އޭނާ ބާސެލޯނާ އަށް ކުޅެމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އެއީ އޭނާގެ އަތް މަތީގައި އޮތް ނިންމުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ވިސްނުން ވަރަށް ސާފުކަން ފާހަގަ ކުރަމުން ފެލިކްސް ބުނީ، ބާސެލޯނާ ދެކެ ވަރަށް ލޯބިވާ ކަމަށާއި، ބޭނުން ވަނީ އެ ކުލަބުގައި ހުންނަން ކަމަށެވެ.

މީގެ އިތުރުން ފެލިކްސް ބުނީ، އޭނާ ބާސެލޯނާގައި ހުންނަން ބޭނުންވި ނަމަވެސް، އެކަން ބިނާވެފައި އޮންނާނީ ބައެެއް އެހެން ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އެކަންކަމާއެކު ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތެއް ބަލަން ތިބެން ޖެހޭ ކަމުގައި ފެލިކްސް ބުންޏެވެ. އެހެންކަމުން އިންތިޒާރު ކުރާނީ އެހާތަނަށް ކަންތައް ނިމޭނެ ގޮތަކަށް ކަމަށް ފެލިކްސް ވަނީ ބުނެފަ އެވެ.

ފެލިކްސްގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރަށް އޭނާ އެ ކުލަބުގައި ބަަހައްޓަން ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ދާދި ފަހުން ވިދާޅުވެފައި ވަނީ އެ ކުލަބުން ބޭނުން ވަނީ ފެލިކްސް ބަހައްޓަން ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ވެސް ބާސެލޯނާ އިން ކުރާނެ ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ފެލިކްސް ވަނީ ބާސެލޯނާ އަށް ބަދަލުވެ، އެ ކުލަބަށް ކުޅެދިން 44 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް އެންމެ އިސްކަން ދެމުން އައި ކުޅުންތެރިންގެ ތެރޭގައި ވެސް ފެލިކްސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް