Advertisement
ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 19:05
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ
އައިޔޫއެމް
ރާއްޖޭގެ ތައުލީމީ ނިޒާމު
މަތީ ތައުލީމަށް ލޯބިކުރާ މީހުންގެ އަދަދު މައްޗަށް، ރަނގަޅު އަހުލާގުގެ ބައި ދަށަށް: ފަނޑިޔާރު މަހާޒު
ރާއްޖޭގައި ތައުލީމީ މީހުން ނިސްބަތުން ގިނަ
ދީނާ ދެކޮޅު އެންމެހާ ކަންކަމަށް ނޫނެކޭ ބުނަންޖެހޭ
ތިމާއަށް ހައްގެއް ލިބޭ ކަމަށްވާނަމަ އެ ހައްގާއި ގުޅިގެން ވާޖިބެއްވާކަން ހަނދުމަ ކުރަންޖެހޭ

ރާއްޖޭގައި މަތީ ތައުލީމަށް ލޯބިކުރާ މީހުންގެ އަދަދު ދަނީ މައްޗަށް ކަމަށާއި، ނަމަވެސް އަހުލާގުގެ ލައިން ދަނީ ދަށަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަހާޒު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއޭ ބުނުމަށް ޖެހެލުންވެގެން ނުވާނެ ކަމަށާއި، އެކަމާއި ފަހުރުވެރިވާން ޖެހޭ ކަމަށެވެ. އެއީ އިސްލާމިކް ޔުނިވާސިޓީ ތަފާތުވާނެ ކަމަށް މަހާޒު ވިދާޅުވިއެވެ.

Advertisement

ދަސްވެނިންނަށް އިޝާރާތް ކުރައްވައި މަހާޒު ވިދާޅުވީ އިސްލާމީ ވަންތަކަން ދަމަހައްޓާނީ އަހުލާގުން ކަމަށެވެ. ދީނާ ދެކޮޅު އެންމެހާ ކަންކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށާއި، އިޖްތިމާއީ ކަންކަމުގައި ވެސް ބަސްބުނާއިރު މިންގަނޑު ބަލަންޖެހޭ ކަމަށް މަހާޒު ވިދާޅުވިއެވެ.

ދަސްވެނިންގެ ހައިސިއްޔަތުން މި އިސްލާމީ ވަންތަންކަން އަޅުގަނޑުމެން ދަމަހައްޓާނީ ކިހިނެތްތޯ މިކަމާ މެދު އަޅުގަނޑުމެން އުފާކުރާނީ ކިހިނަކުންތޯ. މިއިސްލާމީ ވަންތަކަން ދަމަހައްޓާނީ އަޅުގަނޑުމެންގެ އަހުލާގު. މި ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއަކުން ކޮންމެ ކުއްލިއާއަކުން އަޅުގަނޑުމެން ގްރެޖުއޭޓް ވީކަމުގައި ވިޔަސް އަޅުގަނޑުމެންގެ ކިބައިގައި އާއްމު އެއް ކަމެއް ފެންނަން ޖެހޭނެ. އިސްލާމީ ވަންތަކަން ފެންނަންޖެހޭނެ. އިސްލާމް ދީނާ މެދު ފަހުރުވެރިވާންޖެހޭނެ. ދީނީ ބަޔަކަށްވާންޖެހޭނެ. ދީނާ ދެކޮޅު އެންމެހާ ކަންކަމަށް އަޅުގަނޑުމެން ނޫނެކޭ ބުނަންޖެހޭނެ. އަޅުގަނޑުމެން ދީނީ ކަމަކާ ގުޅިގެން އިޖްތިމާއީ ކަމަކާގުޅިގެން ބަސް ބުނާއިރު ބުނަންޖެހޭ ބަހާ އެބަސް ބުނަންޖެހޭ ވަގުތާ އަދި ހަމައެހެންމެ އެބުނަންޖެހޭ ބަސް އަޅުގަނޑުމެން އިހުތިޔާރުކުރަންވާނީ މިދެންނެވި ގިއުގަނޑުގެ ތެރޭގައި.
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު

މިރާއްޖެ ތައުލީމީ ނިޒާމަށް އަލިއަޅުއްވާލައްވާ މަހާޒު ވިދާޅުވީ ތައުލީމީ މީހުން ނިސްބަތުން ގިނަ ކަމަށާއި، މަތީތައުލީމަށް ދޭ އަހައްމިއްޔަތުކަން ބޮޑު ކަމަށެވެ. ކޮންމެ އަހަރަކު ވެސް ގިނަ ދަރިވަރުންތަކެއް މަތީތައުލީމު ހާސިލްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް މަހާޒު ވިދާޅުވިއެވެ. އެހެންކަމުން މި މުޖުތަމައު ހޭލުންތެރިވެ އަހުލާގީ ފޭރާން ރަނގަޅުވާން ޖެހޭ ކަމަށް މަހާޒު ވިދާޅުވިއެވެ.

ނަމަވެސް ގްރާފަކުން ލައިން ދަމާއިރު، އަހުލާގީ ލައިން ދަނީ ދަށަށް ކަމަށް މަހާޒު ވިދާޅުވިއެވެ.

މިޖުތަމައުގެ ހާލަތު އެނގޭ ތަފާސްހިސާބުތަކަށް ޖެހިލާއިރުގަ ވޭތުވެދިޔަ 4 އަހަރުގެ މަތީތައުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު މިރާއްޖެއިން ތައުލީމު ހާސިލްކޮށްގެން 11254 ދަރިވަރުން ދަސްވެނިވި. 2020 ވަނަ އަހަރު މިއަދަދު 7245 އަކަށް ތިރިވި. އެއީ ކީއްވެގެންކަން އެނގިލައްވާނެ. 2021 ވަނަ އަހަރު މިއަދަދު ދެގުނަ މައްޗަށް ޖެހިލައިފި 12837. 2022 ވަނަ އަހަރު އަނެއްކާވެސް މިއަދު ކޮންމެވެސް ވަރަކަށް ހަހާހަށް ވެއްޓިއްޖެ. މިދެންނެވި ތަފާސްހިސާބުތަކުގެ ތެރެއިން ޔުނިވާސިޓީތަކަށް އެންރޯލްވެފައިވާ ރާއްޖޭގެ ޔުނިވާސިޓީތަކަށް އެންރޯލްވެފައިވާ އަދަދުތަކަށް ބަލާއިރު 2019 ގައި 26000 އޮތް އަދަދު 2022އާ ހަމައަށް އައިރު 29000 ވުރެ ވަނީ މަތިވެފައި.
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު

އިންސާނުންނަކީ އަބަދުވެސް އެހެން މީހުންނާއެކު އުޅޭ ބައެއްކަން ފާހަގަކުރައްވައި މަހާޒު ވިދާޅުވީ އިޖްތިމާއީ ގުޅުންތަކަށް ރައްކާތެރިވާންޖެހޭ ކަމަށާއި، ޒިންމާ ނަގަންޖެހޭ ކަމަށެވެ. ބުނާބަހަކުން އަނެކާގެ ހިތަށް ކުރާނީ ކޮން އަސަރެއްތޯ ބަލަންޖެހޭ ކަމަށާއި، ބަސްބުނުމުގެ ކުރިން ވިސްނުމަށް މަހާޒު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މަހާޒު ވަނީ އަނެކާގެ އަނބުރަށް އަރައިގަނެވޭ ގޮތްތަކާއި އަހުލާގާ ގުޅުންހުރި ގިނަ މިސާލުތައް ޖައްސަވާފައެވެ. އަދި ދަސްވެނިންގެ ކިބައިން މި ކަންކަން ހައްލު ކުރުމަށް މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.

މިސްކިތްތަކުގައި ދޮރުފަތްތަކެއް ނެތް ނަމަ، އަޅުގަނޑުމެން ނަމާދަށް ސައިކަލުގައި ގޮސް ޕާކު ކުރީހީ މިހުރާބާއި މިމްބަރާ ދެމެދުގައި. ފިހާރަތަކަށް ވަންނަން އަޅުގަނޑުމެން ސައިލުގައި ގޮސްފި ކަމަށްވާނަމަ ފިހާރާތަކަށް ވަދެވޭ ނަމަ، ސައިކަލް ޕާކު ކުރާނީ ސޭޓާއި ކައުންޓަރާ ދެމެދުގައި މިކަހަލަ މިސާލުތައް ކިތަންމެހޭ ވެސް ގިނައިން ދެއްކިދާނެ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު

މަހާޒު ވިދާޅުވީ ދަސްވެނިން މުޖުތަމައުގެ ތެރޭގައި މިންގަނޑެއް ގެންގުޅެންޖެހޭ ކަމަށާއި، އަހުލާގެއްގެ ވެރިބަޔަކަށްވާންޖެހޭ ކަމަށެވެ. ތިމާއަށް ހައްގެއް ލިބޭ ކަމަށްވާނަމަ އެ ހައްގާއި ގުޅިގެން ވާޖިބެއްވާކަން ހަނދުމަ ކުރަންޖެހޭ ކަމަށް މަހާޒު ވިދާޅުވިއެވެ.

މަހާޒު ވިދާޅުވީ ގްރެޖުއޭޓްވި ނަމަވެސް ތައުލީމާ ދުރަށް ނުދިއުމަށާއި، ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސު ތަރައްގީ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އިލްމަކީ މާތްﷲ ދެއްވާ ނޫރެއް ކަމަށާއި، ދެއްވާ ނިއުމަތެއް ކަމަށެވެ. އެއްވެސް ނިއުމަތެއް އެނިއުމަތެއް ދެމެހެއްޓުމަށްޓަކައި މަސައްކަތް ނުކުރާ ކަަމަށްވާނަމަ ނޭނގި ތިއްބާ އަތުން ބީވެގެން ހިނގާދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް