ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 16:53
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ
ދަ އެކޮނޮމިކް ޓައިމްސް
އިސްރާއީލް ލަދުކުޑަ ލިސްޓުގައި ހިމެނުން
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
މިއީ މި ލިސްޓުގައި އދ އިން އިޒްރޭލް ހިމެނި ފުރަތަމަ ފަހަރު

ހަނގުރާމަ އާއި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމާ ބެހޭ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު އދ އިން އެކުލަވާލާ ރިޕޯޓުގެ އެނެކްސްގައި އޮންނަ "ލިސްޓް އޮފް ޝޭމް" ނުވަތަ ލަދު ކުޑަ ލިސްޓުގައި އިޒްރޭލް ހިމަނައިފިއެވެ.

މިއީ މި ލިސްޓުގައި އދ އިން އިޒްރޭލް ހިމެނި ފުރަތަމަ ފަހަރެވެ. އިޒްރޭލުގެ ނަން ލިސްޓަށް އެރި މިއީ ފުރަތަމަ ފަހަރު ކަމަށް ވިޔަސް މީގެ ކުރީގެ ރިޕޯޓު ތަކުގައިވެސް އިޒްރޭލުން ފަލަސްތީނުގެ ކުޑަ ކުދިންނަށް އަނިޔާވެރިވެ، ކުޑަކުދިންގެ ހައްގުތަކަށް އަރައިގެންފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ ކުރީ އަހަރުތަކުގައި އދ އިން އެކުލަވާލި "ލަދު ކުޑަ" ލިސްޓުގައި އިސްލާމިކް ސްޓޭޓް، ބޮކޯ ހަރާމް، ސޯމާލިއާ، އަލްގައިދާ، އަފްޣާނިސްތާން، އިރާގް، މިޔަންމާ، ޔަމަން ސީރިއާ ފަދަ ނަންތައް ފާހަގަ ކުރެވެއެވެ.

ލަދުކުޑަ ލިސްޓުގައި އިޒްރޭލު ހިމަނަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ނިންމެވިކަން ރަސްމީކޮށް ވަނީ އދ. ގައި ހުންނަ އިޒްރޭލުގެ ދާއިމީ މަންދޫބް ޖިލަޑް އާރޑަން އަށް އަންގާފައެވެ.

ލިސްޓުގައި އިޒްރޭލު ހިމެނުމުން އދ ގައި ހުންނަވާ އިޒްރޭލުގެ ދާއިމީ މަންދޫބު ވިދާޅުވީ، އިޒްރޭލުގެ އަސްކަރިއްޔާ އަކީ ދުނިޔޭގެ އަޚްލާގީ ފެންވަރު އެންމެ ރަނގަޅު އަސްކަރިއްޔާ ކަމުގައެވެ. މިކަމާ ވަރަށް ކޯފާވެ އޭނާ އިތުރަށް ވިދާޅުވީ، ބްލެކްލިސްޓް ކުރަންޖެހޭ ފަރާތަކީ އދ ގެ ސެކްރެޓަރީ ޖެނެރަލް ކަމަށެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވީ އދ ގެ މި ނިންމުމާ އެކު އިޒްރޭލާ އދ އާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން މި ރިޕޯޓް އެކުލަވާލީ އދ ގެ ސްޕެޝަލް ރެޕްރެސެންޓެޓިވް ފޯ ޗިލްރަން އެންޑް އާމްޑް ކޮންފްލިކްޓް ވާރޖިނިއާ ގެމްބާ އެވެ. މި ރިޕޯޓު ސެކިއުރިޓީ ކައުންސިލަށް ފޮނުވާނީ ޖޫން 14 ގައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދޭ ހަމަލާތަކުގައި މިހާތަނަށް 15،517 ކުޑަ ކުދިން މަރުވެފައިވާ ކަމަށް ގާޒާގެ އޮފިޝަލުން ހާމަ ކޮށްފައި ވެއެވެ.

މީގެ އިތުރުން އެތައްހާސް ކުދިންގެ މައިން ބަފައިން ގެއްލިފައިވެއެވެ. ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހިފައިވާ ކުޑަ ކުދިންނާއި، ހަށިގަނޑުގެ ގުނަވަނެއް ދާއިމީ ކޮށް ގެއްލިފައިވާ ކުދިންގެ އަދަދުވެސް އެތައް ހާހާކަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް