ކ. މާލެ
|
7 ޖޫން 2024 | ހުކުރު 13:54
ފަލަސްތީންގެ ކުޑަ ދެ ކުދިން
ފަލަސްތީންގެ ކުޑަ ދެ ކުދިން
ރެޑިފް.ކޮމް
ހުކުރު ޚުތުބާ
ފަލަސްތީން ވަނީ އިސްލާމީ އުންމަތުގެ ކަރާމާތައި ގުޅިފައި، ފަލަސްތީނަށްޓަކާ އަދާކުރަން ޖެހޭ އަހުލާގީ ވާޖިބުތަކެއް އެބަހުރި - ޚުތުބާ
ޚުތުބާގައި ހައްޖުމަހު އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އަޒުމު ކަނޑައެޅުމަށް އިރުޝާދު ދީފައިވޭ
އިސްތިޢުފާރުކުރުމަށާއި އިސްލާމީ އުންމަތަށް ނަސްރުދެއްވުން އެދި ދުއާކުރުމަށް ޚުތުބާގައި ގޮވާލާފައިވޭ
އަލްއަޤްސާ މިސްކިތް މިނިވަންކުރުމަކީ މުޅި އިސްލާމީ އުންމަތަށް އޮތް ދީނީ ވާޖިބެއް ކަމަށް ޚުތުބާގައި ވަނީ ބުނެފަ

ފަލަސްތީނުގެ ފަސްގަނޑަކީ އިސްލާމީ އުންމަތުގެ ކަރާމާތާއި ގުޅިފައިވާ ފަސްގަނޑެއް ކަމަށާއި ފަލަސްތީނަށްޓަކާ މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަހުލާގީ ވާޖިބުތަކެއް އެބަހުރި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެފައި ވަނީ ފަލަސްތީނާއި މެދު އުންމަތުގެ މަސްޢޫލިއްޔަތު، މި މައުޟޫއަށެވެ. ޚުތުބާގައި ބުނެފައިވަނީ މިއަދު މުސްލިމް އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް އިވެނީ ފަލަސްތީނުގެ އަޑު ކަމަށެވެ. އަދި ޚުތުބާގައި ފަލަސްތީނަކީ ޝާމްކަރައިގެ ބައެއް ކަމަށާއި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ ދައުވަތާއި އެ ބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެއް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ތާރީހަށް ވެސް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ބައިތުލްމަޤްދިސްގެ ތަޅުދަނޑި ހަވާލުކުރެއްވުމާއިި، އަލްއަޤްސާ މިސްކިތް ތާހިރުކުރެއްވުން އަދި ބައިތުލްމަޤްދިސްގައި އިސްލާމީ ނިޒާމް ޤާއިމްކުރެއްވުމަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ސަލާހުއްދީނުލްއައްޔޫބީ ސަލީބީންގެ އަތްދަށުން އަލްމަސްޖިދުންއަޤްސާ މިނިވަންކުރެއްވި ގޮތަށް ޚުތުބާގައި ވަނީ ބަލާލާފައެވެ.

މިފަދަ ވާހަކަތަކަކީ އެ ވާހަތަކުން މިއަދު މުސްލިމުން ޢިބުރަތް ހާސިލްކުރަން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ޚުތުބާގައި ބުނެފައި ވަނީ އެފަދަ ހާލަތުތަކުގައި ވެސް މުސްލިމުން އަމަލު ކުރީ ރިވެތި އަހުލާގުގެ މަތީގައި ކަމަށެވެ. އިސްލާމް ދީނުގައި ވަނީ އަނިޔާވެރިވުން ހަރާމްކުރައްވާފައިކަން ހުކުރު ޚުތުބާގައި ހަނދުމަކޮށްދީފައިވެއެވެ. އެއްވެސް ދީނެއްގެ މީހަކަށް ނުހައްގުން އަނިޔާ ދިނުން ހުއްދަވެގެން ނުވާކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ވެސް ކުޑަކުދިންނާއި މުސްކުޅިން ގަތުލުކުރުމާއި، ގަސްގަހާއި ގެހި ހަލާކުުކުރުމާއި، ޖަނަވާރުމެރުމަކީ ނަހީކުރައްވާފައިވާ ކަމެއްކަމަށް ޚުތުބާގައިވެއެވެ. އެއީ ހަނގުރާމައިގެ ހާލަތުގައި ވެސް އިސްލާމީ އަހުލާގިއްޔާތުކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. ޚުތުބާގައި އިތުރަށް ބުނެފައި ވަނީ ފަލަސްތީނާއި، ބައިތުލްމަޤްދިސާއި، އަލްމަސްޖިދުލްއަޤްސާގެ ވާހަކަ ދެކެވޭ އިރު އިސްރާއާއި މިއުރާޖުގެ މުއުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެ ކަމަށެވެ. އެ މުއުޖިޒާތަކީ މާތް ﷲ، ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމައަށް ދެއްވި މަތިވެރި މުއުޖިޒާތެއް ކަމަށް ޚުތުބާގައިވެއެވެ. ޚުތުބާގައި ވަނީ އިސްރާ އާއި މިއުރާޖުގެ ތަފްސީލް ހިއްސާކޮށްފައެވެ.

އަލްމަސްޖިދުލްޙަރަމާއި އަލްމަސްޖިދުލްއަޤްސާ އާއި ދެމެދު އޮތީ ދުނިޔެ ދެމި އޮތްހާ ދުވަހަކު ނިމުމެއް ނުވާ ވަރުގަދަ ގުޅުމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަލްއަޤްސާގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެއީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށެވެ. އަދި އަލްއަޤްސާ މިސްކިތް މިނިވަންކުރުމަކީ މުޅި އިސްލާމީ އުންމަތަށް އޮތް ދީނީ ވާޖިބެއް ކަމަށްވަނީ ބުނެފައެވެ. މީގެ އިތުރުން ޢައްޒާ އާއި ރަފަޙާއި އެ ނޫންވެސް ފަލަސްތީނުގެ އަވަށްތަކުގައި ސަޙްޔޫނީން ދެމުންދާ އުދުވާނީ ހަމަލާތައް ދެނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކާ ކަަމަށައި އެއީ ޖަރީމާތައް ކަަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އަޑު އުފުލާ، ފަލަސްތީނުގެ ހައްގުގައި ހެޔޮދުއާކުރުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ހައްޖުމަހު އިސްލާހީ މަސައްކަތްތަކެއް ކުރުމަށް އަޒުމުކަނޑައެޅުމަށް އިރުޝާދު ދީފައިވެއެވެ. އެ ދުވަސްތަކުގައި އިސްތިޢުފާރުކުރުމަށާއި އިސްލާމީ އުންމަތަށް ނަސްރުދެއްވުން އެދި ދުއާކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް
- ގުޅުންހުރި