ތަރައްގީގެ މަޝްރޫއުތަކުން ވެއްޓަށް ބަދަލު އަންނަ ކަމަށާއި، ތަރައްގީއަށް ސައްހަ މައުލޫމާތު ވަރަށް މުހިންމު ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ތާރިގު މިހެން ވިދާޅުވީ ''ޑިވެލޮޕިންގ ނެޝަނަލް ސިސްޓަމް އޮފް އިކޮނޮމިކް އެންޑް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް އެންޑް އެކައުންޓްސްގެ މަގުޗާޓް" އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަލީ ހައިދަރު އަހުމަދެވެ.
ޑިވެލޮޕިންގ ނެޝަނަލް ސިސްޓަމް އޮފް އިކޮނޮމިކް އެންޑް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް އެންޑް އެކައުންޓްސްގެ މަގުޗާޓުގެ ދަށުން ކުރު އަދި ދުރު ރާސްތާގެ އަމާޒުތައް ކަނޑައަޅާފައިވެއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން މިނިސްޓަރު ތާރިގު ވިދާޅުވީ ތަރައްގީ އާއި ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ތިމާވެށްޓާއި އިގްތިސާދީ ތަފާސްހިސާބުތައް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.
ތަރައްގީއަށް ގެންނަންޖެހޭ މަޝްރޫއުތަކަކީ ރާއްޖޭގެ ކުރިމަގާއި ގުޅިފައިވާކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ތާރިގު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވެއްޓަށް ބަދަލުތައް އަންނަ ކަމަށާއި، އަންނަ ބަދަލުތަކުގެ ސަބަބުން ސީދާ އިގްތިސާދަށް އަސަރުކުރާ ކަމަށެވެ. އެހެންކަމުން މިމަސައްކަތް ކުރުމަށް ސައްހަ މައުލޫމާތު ބޭނުންވާ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ. އަދި ނުރަނގަޅު މައުލޫމާތު ސަބަބުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ވެސް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ޑިވެލޮޕިންގ ނެޝަނަލް ސިސްޓަމް އޮފް އިކޮނޮމިކް އެންޑް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް އެންޑް އެކައުންޓްސްގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކުގެ ސަބަބުން އިގްތިސާދަށް ލިބެމުންދާ ގެއްލުން ބެލުމާއި އަންނަ ބަދަލުތަކުގެ ތަފާސްހިސާބު ރައްކާކުރާނެ ކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގައި މިމަގުޗާޓުގެ އަލީގައި އެއްކުރެވޭ މައުލޫމާތުގެ ބޭނުންކުރާނެ ކަމަށެވެ.