ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 15:17
މ އަތޮޅުގައި ކުރިއަށް ގެންދިޔަ އިބަމަ
މ އަތޮޅުގައި ކުރިއަށް ގެންދިޔަ އިބަމަ
ޖެންޑާ މިނިސްޓްރީ
އިބަމަ ޕްރޮޖެކްޓް
މިދިޔަ ސަރުކާރުގައި ފެށި އިބަމަ މ. އަތޮޅުގައި ގާއިމްކޮށްފި
މ. އަތޮޅުގެ ހަ ރަށަކުން ޖުމްލަ 34 މީހުން ބައިވެރިވެފައިވޭ
މިހާތަނަށް ރާއްޖޭގެ 12 އަތޮޅުގެ ރަށްރަށުގައާއި 3 ސިޓީއެއްގައި އިބަމަ ވަނީ އުފައްދާފައި

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރަށްރަށުގައި ޤާއިމްކުރަން ފެށި އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މ. އަތޮޅުގައި ޤާއިމްކޮށްފިއެވެ.

މުލަކު އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)ގެ ގްރޫޕްތައް އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ.  

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅުގެ ރަށްރަށުގައާއި 3 ސިޓީއެއްގައި އިބަމަ ވަނީ އުފައްދާފައެވެ.

ތިން ދުވަހުގެ މުއްދަތަށް މ. މުލީގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި މ. އަތޮޅުގެ ހަ ރަށަކުން ޖުމްލަ 34 މީހުން ބައިވެރިވެފައިވެއެވެ. ޔުނިސެފްގެ އެހީގައި މި މިވުޒާރާއިން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާތަކާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުވާންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ޙާލަތު ރަގަޅު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި މީގެ އިތުރުން  މިމަސައްކަތްތައް ކުރުމަށް އިބަމަ މެމްބަރުންނަށް ބޭނުންވާނޭ ތަފާތު އެކި ހުނަރުތައް ތަރައްޤީ ކުރުމަށްވެސް މި ތަމްރީން ޕްރޮގްރާމްގައި މަސައްކަތްކުރެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި ތަމްރީނު ޕްރޮގްރާމް ނިމުމާއެކު މިވުޒާރާގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މ. މުލީގައި މިހާރު ތިބި ޓީމާއެކު، ތަމްރީނުކުރެވުނު އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް، އެ ރަށްރަށުގައި ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އަތޮޅުގެ ހަ ރަށެއްގައި މި ހަފުތާ ތެރޭގައި ކުރިއަށްގެންދެވޭނެއެވެ.

މ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމަކީ "އިބަމަ"ގެ މަސައްކަތް ކުރިން ކުރަމުން އައި ގޮތް މުރާޖަޢާކުރުމަށްފަހު މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ހިމަނައިގެން އާ ޕްލޭނެއް އެކުލަވާލުމަށްފަހު ބޭއްވޭ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ޕައިލެޓް ކުރުމުގެ ގޮތުން މިދިޔަ މާޗު މަހު ވަނީ ޅ. އަތޮޅުގެ ރަށްރަށުގެ އިބަމަ ގްރޫޕްތަކަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އަލަށް އެކުލަވާލެވުނު ޕްލޭންގެ ދަށުން މިހާތަނަށް އިބަމަ އުފައްދާފައި ނުވާ އަތޮޅުތަކުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި، ޓްރޭނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްވެސް ފަސް ދުވަހުގެ މުއްދަތަށް މިދިޔަ މެއި މަހުގެ ތެރޭގައި މާލޭގައި ވަނީ ބާއްވައިފައެވެ.

އިބަމައިގައި ހިމެނޭ މެންބަރުން އެންމެ އިސްކަމެއް ދީގެން ރަށްރަށުގައި ކުރާނެ އެއް މަސައްކަތްކަމަށްވާ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އެސެސްމަންޓް ޓޫލާއި އިންޓަވެންޝަން ޕްލޭން އެކުލަވާލާނެ ގޮތުގެ ގައިޑްލައިނެއްވެސް އަލަށް އެކުލަވާލެވުނު ޕްލޭންގައި ވަނީ ހިމަނައިފައެވެ. މުރާޖަޢާކުރެވި އަލަށް އެކުލަވާލެވުނު މި ޕްލޭންއާއެކު ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރޭވުންތެރިކަމާއެކު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އިޖުތިމާޢި ޚިދުމަތް ފޯރުކޮށްދިނުމަށް ފަހިވާ ގޮތަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ލިބެންހުރި ޚިދުމަތްތަކާއި، ވަސީލަތްތައް ދެނެގަނެ އެކަންކަމުގެ މަޢުލޫމާތު ފަސޭހައިން ހޯދޭނެ ޑޭޓާ ބޭސްއަކާއި، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތާ ގުޅޭ އަދާހަމަ މައުލޫމާތު ފެންނަން ހުންނާނެ ޑޭޓާ ބޭސްއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

ރައީސް ޞާލިހުގެ ސަރުކާރުން އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) ފެށީ ރާއްޖޭގެ މުޖްތަމައުތަކުގައި 'ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް' ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމައުގެ އިޖްތިމާއީ ހާލަތު ދެނެގަނެ، މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާއީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމައެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތައް ނެރުމަށެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ގާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ސިއްހީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތްތެކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ރާއްޖޭގެ މުޅި މުޖުތަމައުގެ އިންސާނީ ހައްގުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާއީ ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ހައްގުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް