ކޮމިއުނިޓީ ޝީލްޑްގައި އާސެނަލްއިން ޕެނަލްޓީ ޖަހައިގެން ޗެލްސީ މައްޗަށް ކުރި ހޯދުމާއެކު މި ސީޒަންގައި އާސެނަލްއަށް ސަޕޯޓް ކުރާ ގިނަބަޔަކު ދެކޭނީ ހަމަ ގައިމު ވެސް ޕްރިމިއާ ލީގުގެ ތަށިވެސް ގެންދާނީ އެ ޓީމުން ކަމަށެވެ.
04/2003 ގެ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ޕްރިމިއާ ލީގު ހޯދިފަހުން އާސެނަލްއިން އެތަށި އަލުން ހޯދާފައެއް ނުވެއެވެ. މި ސީޒަނަކީ އެ ޓީމުން ޕްރިމިއާ ލީގުގެ ތަށި ގެންދާނެ ސީޒަނެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ގޯލާއި ރައްޓެހި ފޯވާޑެއް ހުރުން
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލްއިން ވަނީ ކްލަބް ރިކޯޑް ފީއަކަށް ލިޔޯންއަށް ކުޅެމުންދިޔަ ފްރާންސްގެ ފޯވާޑް އެލެކްސެންޑާ ލަކަޒެޓް ގެނެސްފައެވެ.
ލަކަޒެޓްއަކީ ވަރަށް ހަލުވި ގޯލާ ރައްޓެހި ކުޅުންތެރިޔެކެވެ. އަދި ފޯވާޑްލައިންގެ ކޮންމެ ޕޮސިޝަނަކަށް ކުޅުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވެއެވެ. ލަކަޒެޓް ވަނީ މިދިޔަ ސީޒަންގައި ލިޔޯންއަށް ކުޅުނު 45 މެޗުގައި އެޓީމަށް 37 ގޯލު ކާމިޔާބު ކޮށްދީފައެވެ.
ކޮމިއުނިޓީ ޝީލްޑަށް ފަހު އާސެނަލްގެ ކޯޗުވަނީ ލަކަޒެޓްއަކީ ވަރަށް މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކޮށް އޭނާގެ ކުޅުމަށް ތައުރީފު ކޮށްފައެވެ. ލަކަޒެޓް ވަނީ ޕްރީސީޒަންގައި މިހާތަނަށް އާސެނަލްއަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ.
އާ ފޯމޭޝަނަކަށް ވެންގާ ޓީމު ފެއްތުން
އާސެނަލްއިން އާންމު ގޮތެއްގައި ކުރިން ބޭނުން ކުރަމުން ދިޔައީ 3-3-4 ފޯމޭޝަނެވެ. އެހެން ނަމަވެސް ވެންގާ މިހާރު ޓީމު ކުޅުވަނީ 3-4-3 ފޯމޭޝަނަށެވެ.
މިދިޔަ ސީޒަނުގެ ފަހު 10 މެޗުގައި އާސެނަލް ކުޅެފައިވަނީ މި ފޯމޭޝަނަށެވެ. މި ފޯމޭޝަންގައި އެޓީމުން ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗު ކާމިޔާބު ކޮށްފައިވެއެވެ. އެ ޓީމުން ވަނީ މި ފޯމޭޝަންގައި ކުޅެ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.
އާސެނަލްއަކީ އަބަދުވެސް ޑިފެންސިވް މައްސަލަތަކާ ކުރިމަތިވާ ޓީމެކެވެ. އެހެން ނަމަވެސް މި ފޯމޭޝަނާއެކީ ވެންގާ ވަނީ މިކަމަށް ހައްލު ހޯދާފައެވެ.
ޗެމްޕިއަންސް ލީގު ކުޅެން ނުޖެހުން
މިސީޒަނަކީ 19 އަހަރަށްފަހު އާސެނަލްއިން ޗެމްޕިއަންސް ލީގުގައި ވާދަނުކުރާ ފުރަތަމަ ފަހަރެވެ. މިއީ ކްލަބަށްލިބޭ ކުރިއެރުމަކަށް ނުވިޔަސް މިއީ ލީގަށް އެންމެ ފުރިހަމައަށް ސަމާލުކަންދީ ތައްޔާރުވާން ލިބޭ ފުރުސަތެއް ކަމަށް ވެންގާ ހާމަކޮށްފައިވެއެވެ.
ބޭރުގެ މީޑިއާ ރިޕޯރޓްތައް ބުނާގޮތުން ޔޫރޮޕާ ލީގުގައި އާސެނަލް ވާދަކުރިޔަސް އެ ޓީމުން އެ މުބާރާތަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. މިގޮތުން ޓީމުގެ ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގައި ފުރުސަތު ދޭނެކަމަށާއި ޓީމުގެ ތަރިންނަށް ޔުރޮޕާ ލީގުން ރެސްޓް ދޭނެ ކަމަށް ވެންގާ ބުނެފައިވެއެވެ.
ހަފްތާގެ މެދުން އާސެނަލްގެ ކުޅުންތެރިން އެހެން މެޗުތައް ކުޅެންނުޖެހުން ވެގެންދާނީ ޕްރިމިއާ ލީގަށް ވާދަކުރާ އެހެން ޓީމުތަކުގެ ކުޅުންތެރިންނަށް ވުރެ އާސެނަލްގެ ކުޅުންތެރިން ފިޓުކޮށް ތާޒާކޮށް ތިބުމަށް ލިބޭ ފުރުސަތަކަށެވެ.
ގްރަނިޓް ޒާކާގެ ތަފާތު ފެނިގެން ދިޔުން
މިދިޔަ ސީޒނަކީ ޒާކާ ހަނދާނުން ފޮހެލަން ބޭނުންވާނެ ސީޒަނެކެވެ. އޭނާއަށް މިދިޔަ ސީޒަންގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ރެފްރީންގެ ކާޑުތަކުގެ ޝިކާރައަކަށް ޒާކާ ވެގެން ދިޔުންވީ ސަޕޯޓަރުންގެ މެދުގައި ވެސް އޭނާގެ އަގު ވެއްޓިގެން ދިޔަ ކަމަކަށެވެ.
އެހެން ނަމަވެސް ޒާކާ ވަނީ މިދިޔަ ސީޒަންގެ ހަދާންތައް ފޮހެލުމަށް ފަހު ޕްރީސީޒަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އޭނާވަނީ ކޮމިއުނިޓީ ޝީލްޑްގައި މޭން އޮފް ދަ މެޗުގެ އެވޯޑް ހާސިލް ކޮށްފައެވެ.
ޒާކާގެ މޮޅެތި ޕާސްތަކާއި ޓެކަލްތައް ވެގެންދާނީ އާސެނަލްއަށް ލީގު ކާމިޔާބު ކުރުމަށް ލިބޭނެ އެންމެ ބޮޑު އެހީއަށެވެ.
ޓީމުގެ ތަރިން ޓީމުގައި މަޑުކުރުން
ޔޫރަޕުގެ އެތައް ޓީމުތަކަކުން ވަނީ އާސެނަލްގެ ތަރިން ކަމަށްވާ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އާއި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ގެންދަން މަސައްކަތް ކޮށްފައެވެ.
މި ދެކުޅުންތެރިންގެވެސް ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތުން ވެގެން ދިޔައީ އެ ކުޅުންތެރިން އާސެނަލްގައި މަޑުކުރުވަން ވެންގާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. އެހެންނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާ ޙިލާފަށް ވެންގާ ވަނީ މި ދެ ކުޅުންތެރިން ޓީމުގައި މަޑުކުރުވާފާއެވެ.
ސަންޗޭޒްއާއި އޮޒިލްގެ އިތުރަށް ލަކަޒެޓްއާއެކު އާސެނަލްގެ ފޯވާޑް ލައިން ވެގެންދާނީ އެހެން ޓީމުތަކުގެ ޑިފެންސްލައިންތަށް ބިރުގަންނާނެ ފޯވާޑް ލައިނަކަށެވެ. ހަމަގައިމުވެސް މި ފޯވާޑް ލައިންއަކީ އާސެނަލްއަށް ޕްރިމިއާ ލީގު ކާމިޔާބުކުރަން ލިބޭނެ އެންމެ ބޮޑު ބާރެވެ.