ދެކުނު އެފްރިކާގެ ވެރިކަން ހިންގާ ޕާޓީ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އަށް އެ ގައުމުގެ އާއްމު އިންތިޚާބުގައި މަޖިލީހުގެ މެޖޯރިޓީ ގެއްލި ސަރުކާރު އެކުލަވާލަން ކޯލިޝަންއަކަށް ދާން ޖެހިއްޖެއެވެ.
ނެލްސަން މަންޑޭލާ އެއްދުވަސް ވަރެއްގައި ލީޑް ކުރެއްވި އޭއެންސީ އަށް 400 ގޮނޑިން ކާމިޔާބު ކުރެވުނީ 159 ގޮނޑިއެވެ. ކުރިން އޭއެންސީ އަށް މަޖިލީހުގައި 230 ގޮނޑި ލިބިފައިވެއެވެ.
އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވިދާޅުވީ، އޭއެންސީ އަށް ކުރިމަތިވީ ނަތީޖާއަކީ ގޮންޖެހުން ބޮޑު ނަތީޖާއެއް ކަމަށެވެ. އެހެން ނަމަވެސް ނަތީޖާ އަކީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބެއް ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި އިންތިޚާބުގައި %58 ހޯދި އޭއެންސީ އަށް މި ފަހަރުގެ އިންތިޚާބުގައި ހުރިހާ ވޯޓެއް ގުނާ ނިމުނު އިރު ލިބިފައިވަނީ ވޯޓުގެ %40 އެވެ.
ދެކުނު އެފްރިކާގައި 1994 ގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައި ނެސްލަން މަންޑޭލާ އެ ގައުމުގެ ރައީސް ކަމަށް ވަޑައިގަތް ހިސާބުން ފެށިގެން މިފަހަރުގެ އިންތިޚާބާ ހަމައަށް ކޮންމެ ފަހަރަކު ވެސް އޭއެންސީ އަށް %50 ށް ވުރެ މަތިން ވޯޓު ލިބިފައިވެއެވެ.
ޕާޓީ އަށް އޮތް ތާއީދު ފަހަކަށް އައިސް ގެއްލެމުން ދިޔުމުގައި އޭއެންސީގެ ވެރިކަމުގައި ކަރަޕްޝަން އިތުރު ވެގެން ދިއުމާއި، އިގްތިސާދީ ކާމިޔާބުތައް ނުހޯދުމާއި، ވަޒިފާ ނެތް މީހުން ގިނަވުމާއި، ކުށްކުރުން ކޮންޓްރޯލް ނުވުން ހިމެނެއެވެ.