ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިން ފޯވާށް ޑިއޭގޯ ކޮސްޓާ ހޯދުމަށް ޝައުގުވެރިވާ ކަމަށް އިޓަލީގެ އޭސީ މިލާނުން ބުނެފިއެވެ.
މިލާންގެ ރަސްމީ ވެބްސައިޓުގައި ނެރެ އާންމުކޮށްފައިވާ ރިޕޯޓެއްގައި މިކަން ހާމަކުރަމުން ބުނެފައި ވަނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެގޮތުން ކޯސްޓާ އާއި އޯބަމަޔަންގް އަދި ކަލިނިޗް ފަދަ ކުޅުންތެރިންނަކީ މިލާނުގެ ޓާގެޓްގައިވާ ކުޅުންތެރިން ކަމަށެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ޑިއޭގޯ ކޯސްޓާގެ ސޮއި ހޯދުމަށް ކަމަށް ވެސް މިލާންގެ މި ވެބްސައިޓުގައި ބުނެފައިވެއެވެ.
ޑިއޭގޯ ކޮސްޓާގެ ހޯދުމުގެ ރޭހުގައި މިލާނުން ބައިވެރިވާން ޝައުގުވެރިކަން ހުންނަކަމުގައި އެޓީމުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާއިރު މިލާނުން ވަނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސްއަށް ނިމިގެންދިޔަ ސީޒަނުގައި ކުޅުނު ބޮނޫޗީ ، ޕޯޓޯއަށް ކުޅެމުންއައި ޒުވާން ފޯވާޑް އެންޑްރޫ ސިލްވާ، ޖަރުމަނުގެ ވުލްފްބާގަށް ކުޅެމުންއައި ރިކޯޑޯ ރޮޑްރިގޭޒް، ލާޒިއޯއަށް ކުޅެމުންއައި ޑިފެންސިވް މިޑްފީލްޑަރ ލޫކަސް ބިޖިލިއާގެ އިތުރުން ސަންޑަލޭންޑަށް ކުޅެމުންއައި ފަބިއޯ ބޮރީނީ ހިމެނެއެވެ.
މިލާންގެ ސްޕޯޓިން ޑިރެކްޓަރ މަސިމިލިއާނޯ އާ ހަވާލާދީ މިލާންގެ ވެބްސައިޓުގައި ބުނެފައިވަނީ އެކުލަބުން ބޭނުންވާ ބައެއް ކުޅުންތެރިން އަދިވެސް އެބަތިބި ކަމަށާއި އޭގެތެރެއިން އެންމެ ބޮޑަށް އިސްކަންދޭނީ ކޮސްޓާއަށް ކަމަށެވެ. ކޮސްޓާ އަކީ މޮޅު ފިނިސިން ރަނގަޅު ކުޅުންތެރިއެއް ކަމަށާއި މިލާނުން ބޭނުންވަނީ ވެސް އެކަހަލަ ކުޅުންތެރިއެއްކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.
ކޮސްޓާ ހޯދުމަށް މިލާނުން ޝައުގުވެރިވާކަން ހާމަކޮށްފައިވާއިރު އޭނާ މިވަގުތު ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރިނަމަވެސް އޭނާއަށް ވަނީ ޗެލްސީން ފުރުސަތު ލިބޭގޮތް ނުވެފައެވެ. އެގޮތުން ޗެލްސީން ދާދި ފަހުން ޕްރިސީޒަން މެޗުތަކެއް ކުޅެފައިވާއިރު އެ މެޗުތަކުގައި ކޮސްޓާ ބައިވެރިކޮށްފައެއް ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮސްޓާ ޗެލްސީ ދޫކޮށް ދިއުން އެންމެ ގާތީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށެވެ.
މީގެ އިތުރުން މިލާނުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑަށް ނިމިގެން ދިޔަ ސީޒަނުގައި ކުޅެފައިވާ ސްވިޑަޏްގެ ސްޓްރައިކާ ޒަލަޓާން އިބްރަހިމަވިޗް ވެސް ގެނައުމަށް ވާހަކަ ދައްކަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން އަންނަ މިލާނުން ދަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދަމުގެ މަސައްކަތް ކުރަމުންނެވެ.