ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 07:27
ގޯލު ދަނޑީގައި އަމިއްލަ އަށް ޗޭނު ޖެހިގެން ހުރި މީހާ ގާތުގައި ފުލުހުން ޙަރަކާތްތެރި ވަނީ
ގޯލު ދަނޑީގައި އަމިއްލަ އަށް ޗޭނު ޖެހިގެން ހުރި މީހާ ގާތުގައި ފުލުހުން ޙަރަކާތްތެރި ވަނީ
ރޮއިޓާސް
އަންހެނުންގެ ޔޫރޯ ކޮލިފިކޭޝަން
މުޒާހަރާ ކުރަން ހުރި މީހަކު، ގޯލު ދަނޑީގައި އަމިއްލަ އަށް ޗޭނު އެޅުވިއްޖެ
ގްލާސްގޯގެ ހެމްޕްޑެން ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދަނޑަށް ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗެއް

އަންނަ އަހަރު އޮންނަ ޔުއެފާ އަންހެން ޔޫރޯ ކޮލިފިކޭޝަންގައި ސްކޮޓްލެންޑާއިި އިސްރާއީލް ބައްދަލު ކުރި މެޗުގައި، އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރި މީހަކު އަމިއްލަ އަށް ގޯލު ދަނޑީގައި ޗޭނު އެޅުވިއްޖެ އެވެ.

ގްލާސްގޯގެ ހެމްޕްޑެން ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދަނޑަށް ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗެކެވެ. އެހެން ނަމަވެސް އެ މެޗު ފެށުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ އެވެ. އެއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރި އިހުތިޖާޖުގައި އެ މީހާ އަމިއްލަ އަށް ދަނޑުގައި ހުރި ގޯލުގައި ތަޅު އެޅުވިގެން ހުރުމުންނެވެ.

މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ދަނޑަށް އަރައި ނެގި ރަސްމީ ފޮޓޯ ގައި އިސްރާއީލްގެ އަންހެން ޓީމުން ވަނީ، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ، "ބްރިންގް ދެމް ހޯމް" ޖަހާފައިވާ ޓީޝާޓު ބޭނުން ކޮށްފަ އެވެ. މެޗު ފެށުން ގާތް ގަނޑަކަށް 45 މިނެޓަށް ލަސްވެގެން ދިޔަ އިރު، ސްކޮޓްލެންޑުން ވަނީ 4-1 އިން އެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ކުދި ސަންދޯއްތަކާއި، ފަލަސްތީނުގެ ދިދަތައް ހިފައިގެން އެތައް ސަތޭކަ ބަޔަކު ވަނީ މެޗު ކުރިއަށް ދިޔަ ދަނޑުގެ ބޭރުގައި އެއްވެ، އިހުތިޖާޖު ވެސް ކޮށްފަ އެވެ. މެޗުގެ ކުރިން ދަނޑަށް ވަތް ސަޕޯޓަރު، ގޯލު ދަނޑީގައި އަމިއްލަ އަށް ޗޭނު އެޅުވުމުން، އެ ޗޭނު ނައްޓައި، އޭނާ ދަނޑުން ނެރުނީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ.

މެޗު ފެށުނީ ބޭރުގައި މުޒާހަރާ ކުރާ މީހުން ހަޅޭ ލަވައި އަޑު ގަދަކޮށް، ކަށިގަނޑު އަދި ދުންމާރި ފަދަ ތަކެތި ފުމުމުގެ އިތުރުން، ބަޑި ބޭސް ފަދަ ތަކެތި ވެސް ބޭނުން ކުރަމުން ދަނިކޮށެވެ. ކޮލިފިކޭޝަންގެ އެހެން މެޗެއްގެ ކުރިން ވެސް، މުޒާހަރާގެ މަދު ބަޔަކު ވަނީ މުޒާހަރާކޮށް، އަޑުގަދަ ކޮށްފަ އެވެ.

އެ މެޗު ފެށުމުގެ ކުރިން، ދަނޑަށް އެރުމަކީ ރައްކާތެެރި ކަމެއްތޯ ނުވަތަ ނޫންތޯ، ކުޅުންތެރިންގެ މެދުގައި މަޝްވަރާ ކުރި މަންޒަރު ވެސް ފެނުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް