ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 17:33
ދުންފަތުގެ އިސްއުމާލުކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް މިލިއަން މީހުން މަރުވޭ
ދުންފަތުގެ އިސްއުމާލުކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް މިލިއަން މީހުން މަރުވޭ
ޝަޓާ ސްޓޮކް
ދުންފަތާއި ވޭޕާއި ޝީޝާ
ދުންފަތާއި ވޭޕާއި ޝީޝާ - ސަޅިކަމެއްކަމަށް ދެކުނަސް އެތައް ގޮތަކުން ނުރައްކާ!
ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވޭ
އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރޭ
އުމުރުން 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ދުންފަތުގެ ބާވަތެއް ބޭނުންކުރާ ކުދިން

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައި ވަނީ“Protecting Children from Tobacco Industry Interference”އެވެ."ކުޑަކުދިން ދުންފަތުގެ ޞިނާޢަތުގެ ނުފޫޒުން ސަލާމަތް ކޮށް ދަފަރާ ކުރުން"އެވެ. މި ދުވަހުގެ މި ޝިޢާރަކީ ދުންފަތުގެ ސިނާއަތުގެ އަމަލުތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރުމަށް ހޭލުންތެރިކަން އިތުރުކޮށް މިކަމަށް ވަކާލާތުކުރުމަށް ބާރުއެޅުމުގެގޮތުން އެކުލަވާލެވިފައިވާ ޝިޢާރެކެވެ.

މިގޮތުން، ދުނިޔޭގެ ފެންވަރުގައި  ކުޑަކުދިން އަދި ޒުވާނުންނާ ގުޅުންހުރި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ދުންފަތް ކޮންޓްރޯލް ކުރުމަށް ވަކާލާތުކުރާ ފަރާތްތަކަށް މި މައްސަލައާ ބެހޭގޮތުން މަޝްވަރާކޮށް، ދުންފަތުގެ ސިނާއަތުގެ އުކުޅުތަކާއި އުސޫލުތަކުން ޒުވާނުން ރައްކާތެރިކޮށްދޭ ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުމަށް ގޮވާލުމަށް މި ޝިއާރު ބާރުއަޅައެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަނެވޭގޮތަށް އުފެއްދުންތަކާއި އިޝްތިހާރުތައް ބޭނުންކޮށް، ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރެއިން ކުރަމުންދިއުމާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓީން ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި މިވަނީ އާންމުވެ މަގްބޫލުވެފައެވެ. 2022 ވަނަ އަހަރުގެ ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ދުންފަތުގެ ބާވަތެއް ބޭނުންކުރާ ކުދިންނެވެ.

ދިވެހިރާއްޖޭގައިވެސް ފުރާވަރު ކުދިންނާ ޒުވާނުންގެ މެދުގައި މިފަދަ ބާވަތްތައް ބޭނުންކުރުން އާންމުވެ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށައެޅުމަކީ އެކަމުގެ ސަބަބުން ތަފާތުއެކި ގިނަ ބަލިތަކަށް ހުށައެޅިގެންދާ ކަމެކެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު ދިގުމުއްދަތަށް ބަލި ތަޙައްމަލުކުރަންޖެހޭ ފަރުވާކުރުމުގައި ބޮޑެތި ހޭދަކުރަންޖެހޭ އަދި ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުންނެވެ. ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ ތެރޭގައި މިފަދަ ޙާލަތްތައް ދިމާވެ ވަޒީފާ އަދާނުކުރެވޭފަދަ ހާލަތްތަކުގައިވާ މީހުން ގިނަވަމުންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.   

ރާއްޖެއަށް، ދުންފަތުގެ ބާވަތްތައް އެތެރެކުރާ ހިސާބުތަކަށް ބަލާއިރު އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރެއެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދައެވެ. މީގެ އިތުރުން ޝީޝާގައި ބޭނުން ކުރާ ދުންފަތާ އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތަކެއް ލައްކަ ރުފިޔާ އަހަރެއްގެ މައްޗަށް ހޭދަ ކުރެއެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް، އާސަންދައިން ބޮޑު ހޭދައެއް ކުރާއިރު، މިބަލިތައް ތަހައްމަލު ކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ޤައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީއާއި އިޤްތިޞާދަށް ކުރުމެވެ.

ދުންފަތާއި ޢާއްމު ޞިއްޙަތު

ދުންފަތުން އިންސާނާގެ ޞިއްޙަތަށް ވާ ގެއްލުމަކީ އެކަމާމެދު ސުވާލެއް ނުއުފެދޭވަރަށް ދިރާސާތަކުން ޘާބިތުވެފައިވާ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ ވިހަ މާއްދާތަކަށް ހުށަހެޅޭ ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ތަފާތު ޞިއްޙީ ގެއްލުން ދުންފަތާއި ދުންފަތުގެ ދުމަށް ހުށައެޅުމުގެ ސަބަބުން ލިބެއެވެ. އަދި މިކަމުން އެމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ހުރަސް އެޅެއެވެ. ފުއްޕާމޭގެ ކެންސަރު ޖެހުމުގެ %90 ހިރާސްއަކީ ސީދާ ދުންފަތުގެ ދުން ކަމުގައި ވީހިނދު ކެންސަރުގެ އިތުރުން ގައިންގަޔަށް ނާރާ އެހެން ބަލިތަކުގެ ހިރާސް ކަމުގައިވެސް ދުންފަތް ހިމެނެއެވެ. ދިގު މުއްދަތަށް ނުވަތަ އުމުރު ދުވަހަށް ފަރުވާ ކުރަންޖެހޭ ސްޓްރޯކް، ހިތުގެ ބަލި، ފުއްޕާމެއާ ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރުބަލީގެ ހިރާސްއަކަށްވެސް ދުންފަތް ވެއެވެ.  ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޓީ.ބީ ޖެހުމަށް މަގުފަހިކޮށްދޭ އަދި ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަނގަޅަށް ލިބުމަށް ހުރަސްއަޅާ ކަމެކެވެ. ދަރިމައިވުމުގެ ޞިއްޙަތަށް ބަލާއިރު، ދަރިން ނުލިބުމަށް މެދުވެރިވުމާއި، ބައިގެން ދިއުމާއި، އުފަންވާއިރު އައިބު ހުރުމާއި، އުފަންވުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި، ތުއްތު ދަރިފުޅަށް ނޭވާހިއްލުން ފަދަ ކަންތައްތައް މެދުވެރިވުމަކީ މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ނުވަތަ ދުންފަތުގެ ވިހަތަކަށް ހުށަހެޅުމުން ދިމާވާ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ދިވެހިރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު) ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާ ކުރެއެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި އަދި ދިގުމުއްދަތުގެ ބަލިތަކެކެވެ. އެހެންކަމުން ބަލިމީހާއާއި ޢާއިލާތަކުން އެތައް ހިތްދަތިކަމަކާއި ވޭންތަކެއް ތަޙައްމަލު ކުރަން ޖެހޭ ބަލިތަކެވެ.  

ދުންފަތުން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަންޖެހޭ މުހިއްމު ބައެއް ކަންކަން

ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރެއިން، ކުރެވޭ މަސައްކަތާއި ޚަރަދަށް އެންމެ ގިނަ ފައިދާ ލިބޭ (cost-effective) ފިޔަވަޅުތައްވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ތަޖްރިބާއިންނާއި ސައިންސުގެ ޢިލްމުން ދިރާސާކޮށް ހޯދާފައެވެ. މި ފިޔަވަޅުތަކަކީ ރާއްޖެއަށްވެސް އެކަށީގެންވާ ފިޔަވަޅު ތަކެކެވެ.  ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ، "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" (FCTC) ގެ ދަށުން މެންބަރު ޤައުމުތަކުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ ޙާލަތާއި، ތަންފީޛު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ބަލައި، އާބާދީގެ ގިނަބަޔަކަށް ފައިދާ ލިބޭނޭ އަދި އެންމެ ފަސޭހައިން ތަންފީޛު ކުރެވޭނޭގޮތަށް މިކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ.

  • ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ޤަވާޢިދުތަކަށް ޢަމަލުކުރުން އިތުރަށް ހަރުދަނާކޮށް ޢާއްމު މާޙާއުލުތަކުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ޤާނޫނީ ޙައްޤު ކަށަވަރުކުރުން.
  • ދުންފަތަށް އަލަށް ހުށަހެޅޭ ފަރާތްތައް މަދުކުރުމަށް، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް މާރކެޓް ކުރުން ހުއްޓުވުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުން.
  • ދުންފަތުގެ އިސްތިޢުމާލުކުރުމާ އަދި ދުންފަތުގެ ވިޔަފާރިއާ އަދި ދުންފަތުގެ ބާވަތްތަކުން މީހުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލާ މޮނިޓަރކޮށް އަދި ކުރަންޖެހޭ ދިރާސާތައް ކޮށް އެ މަޢުލޫމާތު ތަކުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޛު ކުރުން.
  • ދުންފަތުގެ ނުރައްކަލާބެހޭ ގޮތުން މީހުން ހޭލުންތެރިކަން އިތުރު ކުރުން.
  • ދުންފަތުގެ ބާވަތްތަކުން ނަގަންޖެހޭ ޓެކްސް އިތުރުކުރުމުގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރެވޭ ގޮތަށް އެޓެކްސް އިތުރުކުރަންޖެހޭ އުޞޫލްތައް އެކުލަވާލައި، އަދި ޓެކްސްގެ ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށާ ހެލްތު ޕްރޮމޯޝަން އަށް ހޭދަކުރުން.
  • ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަންގެ ޚިދުމަތް އިންތިޒާމް ކުރުން.

މީގެ އިތުރުން، ދައުލަތުގެ މުއައްސަސާ ތަކުގެ މެދުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ވިލަރެސް ކުރުމަށް ނިޒާމެއް ޤާއިމު ކުރުމާއި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތައް ރައްކާތެރި ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް