ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 18:21
ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދެއްކުން
ނުދައްކާ ހުރި ބިލްތަކަށް ޕްރައިވެޓް ސެކްޓަރއާ އެސްއޯއީތަކާއެކު ސަރުކާރުގެ މުއައްސަސާތަކަށް 11.3 ބިލިއަން ރުފިޔާ ދައްކައިފި
ކޮންމެ މަހަކު ވެސް މުސާރަ ނުދެވޭ ހާލަތަކަށް ނުގޮސް ވޭތޯ ވަރަށް ބޮޑަށް ބަލާ ދަނީ ސަބްސިޑީ ދެމުން
މިހާރު ވެސް ދެ ބިލިއަން ރުފިޔާ ބިލްތަކަށް ދައްކަން ވަނީ ޖެހިފައި
ދައުލަތުން ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދަނީ ދައްކަމުން

ޕްރައިވެޓް ސެކްޓަރގެ ނުދައްކާ ހުރި ބިލްތަކަށް މިހާތަނަށް 4.9 ބިލިއަން އަދި އެސްއޯއީތަކާއެކު ސަރުކާރުގެ މުއައްސަސާތަކަށް 6.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ދައުލަތުން ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދައްކަމުންދާ ކަމަށާއި، މިހާތަނަށް ޕްރައިވެޓް ސެކްޓަރގެ ނުދައްކާ ހުރި ބިލްތަކަށް 4.9 ބިލިއަން އަދި ސަރުކާރުގެ އެސްއޯއީތަކާއެކު ސަރުކާރުގެ މުއައްސަސާތަކަށް 6.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަަމަށެވެ.

މިނިސްޓަރު ޝަފީގު ވިދާޅުވީ ފައިސާ ހޯދައިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް ބިލްތަކަށް ފައިސާ ދައްކަން ކަމަށެވެ. ކުރެވިފައިވާ މަސައްކަތުން ފައިސާ ނުދެއްކި ހުރި މުއްދަތު ކުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ޝަފީގު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް ދެ ބިލިއަން ރުފިޔާ ބިލްތަކަށް ދައްކަން ޖެހިފައިވާ ކަމަށެވެ.

މިހިސާބަށް އައިރުގައި ދައުލަތުން ވަނީ ޕްރައިވެޓް ސެކްޓަރއަށް ވެސް 4.9 ބިލިއަން ފައިސާ ދޫކޮށްފައި. އެއީ އެގޮތަށް ފާހަގަކުރެވުނު ބިލްތަކަށް އަދި އެނގިވަޑައިގަންނަވާނެ މިއީ ހަމަ ކޮންޓިނިއު ސަރުކާރެއް. މިހާރު ވެސް އޮޕަރޭޝަން ކުރިއަށްދަނީ. ޕްރޮގްރާމްތައް ހިންގެމުންދަނީ. އެހެންވީމަ މި މުއްދަތު އައިއިރުގައި އަޅުގަނޑުމެންނަށް އެބައިން ޕްރައިވެޓް ސެކްޓަރއަށް 4.9 ބިލިއަން ޑިސްޕާސް ކުރެވިފައި. ސަރުކާރުގެ އެސްއޯއީތަކާއެކު ސަރުކާރުގެ މުއައްސަސާތަކަށް 6.4 ބިލިއަން ޑިސްޕާސް ކުރެވިފައި. އެހެންވީމަ މިފައިސާއަކީ އަޅުގަނޑުމެންނަށް ހަމަ ފައިސާ ހޯދިގެން ދޫކުރެވިފައިވާ ފައިސާ. މި ބަލަނީ މުސްތަގުބަލުގައި ވީހާ ވެސް އަވަހަކަށް ދެން ހުރި ބިލްތަކަށް ސެޓަލް ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ. ޕެންޑިން ބިލްތަކުގައި އަޅުގަނޑަށް ފާހަގަކުރެވެނީ އެސްއޯއީތަކަށް ވެސް އެސްއޯއީތަކަކީ ވެސް ސަރުކާރު ހިއްސާވާ މިސާލަކަށް ފެނަކަ، އެމްޓީސީސީ، ރޯޑް ކޯޕްރޭޝަން ފަދަ ތަންތަން އެބަހުރި. އަޅުގަނޑު ވަރަށް ބޮޑަށް މި ބަލަނީ އެކުންފުނިތަކަށް އެކުންފުނިތަކުން އެފައިސާ ހަމަޖެއްސުމުގެ ކަންތައް ކުރުމަށްޓަކައި. އެކުންފުނިތައް ޒިންމާދާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެން.
ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު

މިނިސްޓަރު ޝަފީގު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ކޮންމެ މަހަކު ވެސް މުސާރަ ނުދެވޭ ހާލަތަކަށް ނުގޮސް ވޭތޯ ވަރަށް ބޮޑަށް ބަލާ ކަމަށެވެ. އެއުސޫލުގެ ތެރެއިން ސަބްސިޑީ ދެމުން ގެންދާ ކަމަށް މިނިސްޓަރު ޝަފީގު ވިދާޅުވިއެވެ. އަދި ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެކުންފުނިތަކުން މަސައްކަތްތައްކޮށް، ހަރުދަނާ ކުރުމަށް ބާރު އަޅާ ކަމަށް މިނިސްޓަރު ޝަފީގު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް