އެއީ 2006 ވަނަ އަހަރެވެ. އެއް ދުވަހެއްގެ ހަވީރު ފޯނު ރިންގުވާން ފެށި އެވެ. ވާހަކަ ދެއްކެވީ ބާސްކެޓް ބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހާފިޒެވެ. އޭނާ އެދިލެއްވީ ހުސްވަގުތެއްގައި ބައްދަލުކޮށްލުމަށެވެ. އެރޭ އިރާކޮޅު ދެ މީހުން ބައްދަލުވުމުން، ޓައީ އަޅައި ފުރާފައި ހުރި ކޮތަޅެއް ދައްކާފައި ވިދާޅުވީ "ބައްދަލުކުރަން ބުނީ މިހެންވެ،" ކަމަށެވެ.
މިއީ އަހަރެން ކުރަހާފައި ތައްޔާރުކުރި ޓައީތަކެއް. ކުޅިވަރުގެ ބޭފުޅެއްވީމަ މީގެ ތެރެއިން ޓައީކޮޅެއް ދޭންވެގެން ގުޅާލީ. އަބަދު ޓީވީއަށް އަރައި އުޅޭއިރު ކުޅިވަރު ވާހަކަ ދައްކާލަން ކުޅިވަރާ ގުޅޭ ޓައީ އަޅަންވާނެއެއްނު.އަހުމަދު ހާފިޒް
ރަތް ފޮތީގައި ފުޓްބޯޅަ އާއި ފުޓްބޯޅަ ބޫޓު ކުރަހާފައިވާ ޓައީއަކާއި ފެހިފޮތީގައި ބާސްކެޓް މެޗެއްގެ މަންޒަރު ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓައީއެއް ހާފިޒް އެރޭ އަޅުގަނޑަށް ދެއްވި އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް މީގެ ތެރެއިން ބާސްކެޓް ޓައީ އަޅުގަނޑު ގެންގުޅުނީމެވެ. ހާފިޒްގެ ހަނދާނެއްގެ ގޮތުންނެވެ.
ހަވީރު ނޫހުގައި އަޅުގަނޑު މަސައްކަތް ކުރި ދުވަސްވަރު ވަރަށް ގިނައިން ހާފިޒާ ދިމާވެ އެވެ. މިއިން ކޮންމެ ފަހަރަކު ވެސް ޓައީ ކުރެހުމަށް ހިޔާލެއް ދެއްވަންވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. މީގެ ތެރެއިން އެއް ދުވަހަކު ވިދާޅުވީ ޓައީ ޑިޒައިން ކުރައްވަނީ ހިތުގައި އުފެދޭ އިހުސާސްތައް ޓައީގެ ޒަރީއާއިން ކިޔައިދޭން ވެގެން ކަމަށެވެ.
ދިވެހި ކުޅިވަރަށް ހާއްސަކޮށް ފުޓްބޯޅަ އާއި ބާސްކެޓަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި މި ހިދުމަތްތެރިޔާ އަވަހާރަވި ކަން އެނގުނީ ބުދަ ދުވަހު ހަވީރު އެވެ. ވަރަށް ދެރަވި އެވެ. މާތް ﷲ ހާފިޒް ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވާށި އެވެ. ސުވަރުގޭގެ މަތިވަރި ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވަމެވެ.
ސަރުކާރުގެ ގިނަ އިސް މަގާމުތަކެއް ފުރުއްވި ހާފިޒަކީ އަޅުގަނޑު ވެސް އެކުލަބަކަށް ސަޕޯޓްކުރާ ވެލެންސިއާގެ ސަޕޯޓަރެކެވެ. އަގުހުރި ހިދުމަތްތެރިއެކެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން ކުރައްވަން ފެއްޓުމާ ހަމައަށް އަދި ފަހުން ވެސް ވެލެންސިއާގެ ބާސްކެޓް ޓީމަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވި އެވެ.
ވެލެންސިއާގެ ފުޓްބޯޅަ ޓީމުގައި ހާފިޒްގެ ފެށުން އައީ 1996 ވަނަ އަހަރު އެވެ. އެ އަހަރުގެ ކަޕް ވިނާސް ކަޕާއި ޕޮމިސްކަޕް ވެލެންސިއާ ކާމިޔާބުކުރީ ހާފިޒްގެ މެނޭޖަރުކަމުގެ ދަށުންނެވެ. އަދި އެ އަހަރު ވެލެންސިއާ އަށް ގެނައި ހަންގޭރީގެ ކޯޗު ލާސްލޯ ކިސްގެ އަވަސް ހަރަކާތްތައް މައިތިރި ކުރެއްވުމުގައި ވެސް ހާފިޒަށް އަވަދިނެތި އުޅުއްވަން ޖެހިވަޑައިގެންނެވި އެވެ.
ހާފިޒް އަވަހާރަވި ވާހަކަ ކިސް ގާތުގައި ބުނުމުން ހަންގޭރީގެ ކޯޗު ބުނީ މިހެންނެވެ.
ކޯޗު ވަރަށް ދެރަވެއްޖެ. އެއީ ވަރަށް ރަނގަޅު މީހެއް. އަބަދުވެސް ވަރަށް ތެދުވެރިކޮށް ވާހަކަ ދައްކާނެ.ހަންގޭރީގެ ކޯޗު ލާސްލޯ ކިސް
ވެލެންސިއާގެ މެނޭޖަރުކަމާ ހާފިޒް ހަވާލުވެ ވަޑައިގެންނެވުމާއެކު އޭނާއާ ފުރަތަމަ ވެސް ކުރިމަތިވީ ބޮޑު ޖޮންޖެހުމެކެވެ. ކުލަބު ފުޓްބޯޅައިގެ އެންމެ ވާދަވެރި ދުވަސްވަރު ނިއުގެ މެދުތެރެ ބަލަހައްޓަމުންދިޔައީ އެވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށްވާ ހާފިޒްގެ ކޮއްކޮ އިސްމާއީލް މަހުފޫޒު (އިންމަ) އެވެ. ވެލެންސިއާގައި ހާފިޒްގެ އެންމެ ފުރަތަމަ ޓާސްކަކަށްވީ ވެސް ނޫ ޖާޒީ ބާލުވައި އިންމަ ވެލެންސިއާ އަށް ގެނައުމެވެ. ގަދަ ހިފުމަކަށް ފަހު އެކަން ކާމިޔާބުކުރައްވައި އަހަރުތަކެއް ވަންދެން އިންމަ ވެލެންސިއާގައި ބެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ހާފިޒެވެ.
ހާފިޒް އަވަހާރަވުމުން ވެލެންސިއާއިން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ އޭނާ އަކީ އެކުލަބަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބަދުވެސް ކުލަބު ކުރިއަރުވަން މަސައްކަތް ކުރެއްވި ހިދުމަތްތެރިއެއް ކަމަށެވެ.
ހާފިޒަކީ ރާއްޖޭގެ ބާސްކެޓްގެ މި ޒަމާނުގެ ބާނީ އެވެ. ބާސްކެޓް އެސޯސިއޭޝަނުގައި 1991 ވަނަ އަހަރު އޭނާ މަސައްކަތް ފެއްޓެވީ ޖެނެރަލް ސެކްރެޓަރީގެ ގޮތުގަ އެވެ. އޭގެ ފަހުން ސަރުކާރުން އޭނާ ރައީސް ކަމަށް ގެންނެވި އެވެ. އަދި ފުރަތަމަ ފަހަރަށް 2008ގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި އިންތިޚާބީ ރައީސްގެ ގޮތުގައި ވެސް ދެ ދައުރު ހޭދަކުރެއްވި އެވެ. އޭނާގެ އިތުބާރުކުރެވޭ ރަހުމަތްތެރިންނާއެކު ރާއްޖޭގެ ބާސްކެޓަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ.
މި ގޮތުން ރާއްޖޭގެ ބޭރުން ކޯޗަކު ގެނެސް ގަވައިދުން ގައުމީ ޓީމު ޓްރޭންކޮށް، އެ ކޯޗުގެ އެހީތެރިކަން ބާސްކެޓްގެ ޓީމުތަކާއި ކުޅުންތެރިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ. އިންވިޓޭޝަނަލް މުބާރާތްތައް ތައާރަފްކޮށް، ރާއްޖޭން ބޭރުން މޮޅު ޓީމުތައް ގެނެސް ދިވެހި ބާސްކެޓްގެ ފެންވަރު މަތިކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ގައުމީ ޓީމު ފުރަތަމަ ފަހަރަށް ބާސްކެޓުން މެޑަލް ހޯދީ ވެސް އޭނާގެ ލީޑަރޝިޕުގަ އެވެ. އަދި ފިރިހެން ޓީމު ސަރަހައްދުގައި ގަދަފަދަ ވާދައެއްކޮށް، މެޑެއްޔަކާ ގާތަށް ޖެހިލި އެވެ. ތްރީ އޮން ތްރީގައި ފުރަތަމަ ފަހަރަށް މެޑަލް ހާސިލްކުރީ ވެސް ހާފިޒް އިސްކޮށް ހުންނެވިކޮށެވެ.
އޭނާ އަކީ ދިވެހި ކުޅިވަރުގައި ހާއްސަކޮށް ބާސްކެޓް ބޯޅަ އާއި ކުލަބު ވެލެންސިއާގައި އޭނާ އަކީ ކާމިޔާބު އަދި އިހްލާސްތެރި ހިންގުންތެރިއެކެވެ. އަބަދުވެސް ނަމޫނާ ދެއްކެވި ހިކުމަތްތެރި ބޭފުޅެކެވެ.
މިކަން ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކުޅިވަރާބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސަރަހައްދީ ބާސްކެޓް ފެޑަރޭޝަނުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ހާފިޒަކީ މަސްވެރިކަމުގެ ވެސް ތަޖުރިބާކާރެކެވެ. 1991 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ވެސް ހާސިލްކުރެއްވި އެވެ.
ހޮބީއެއްގެ ގޮތުން އޭނާ ފަރުމާކުރަމުންދިޔަ ޓައީތައް ހާއްސަ ރަސްމިއްޔާތުތަކުގައި ބޭނުން ކުރައްވަމުން ގެންދެވީ އެދުވަހަކާއި އެ މުނާސަބަތަކާ ނުހަނު ގުޅޭ ގޮތަކަށެވެ. އޭނާގެ ހިދުމަތާއި ހިތްހެޔޮކަން ދިވެހި ކުޅިވަރުގެ ތެރެއިން ފަނޑުވެގެންނުދާނެ އެވެ.