ބޮސްނިއާގެ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން އދ. ގައި ވޯޓު ނުދިނީ ކީއްވެ ކަމެއް ސަރުކާރުގެ ތަރުޖަމާނަށް ވެސް ނޫސްވެރިންނަށް ސާފުކޮށްދެވޭ ގޮތެއް ނުވިއެވެ.
އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ގަތުލްއާންމު ބަލައިގަތުމަށް އދ. އަށް ހުށަހެޅި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވޯޓު ނުދިން މައްސަލާގައި ރަސްމީ ޖަވާބެއް ދެވޭނީ އިތުރަށް ބަލާފައި ކަމަށެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު މިކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުގައި ހީނާ ވިދާޅުވީ ބޮސްނިއާގެ ހިނގި ގަތުލުއާއްމު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއިން މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންނަށް އުފާވެރި އަމާން ރައްކާތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ގޮތަކަށް ކަމަށް ހީނާ ވިދާޅުވިއެވެ.
ބޮސްނިއާގައި ހިނގީ ގަތުލުއާއްމެއް. އަޅުގަނޑުމެން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެ ގަތުލުއާއްމުގައި މިހާތަނަށް ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭން މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންނަށް އުފާވެރި އަމާން ރައްކާތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ގޮތަކަށް. ދެން އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކަށް އަދި އެންމެ ހެޔޮ ގޮތް އެދުމުގައި އަޅުގަނޑުމެން އަބަދުވެސް އެކަމަށް ވަކާލާތު ކުރާނަން. އެއީ ފަލަސްތީނުގެ ކަމެއް ވިޔަސް. ދެން ވޯޓާ ގުޅޭގޮތުން ތި ވިދާޅުވި ސުވާލަަށް އަޅުގަނޑު އިތުރަށް ބަލާފައި ޖަވާބެއް ދޭނަން.ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
193 މެންބަރުން ހިމެނޭ އދ. ގެ އާންމު މަޖިލީހުގައި މެއި މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި 84 ގައުމުން ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާއްމުގެ ހިތްދަތި ހަނދާން އައު ކުރުމަށް ކޮންމެ އަހަރަކު ދުވަހެއް ފާހަގަކުރުމަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ދީފައެވެ. 19 ގައުމަކުން އެ ގަރާރާއި ދެކޮޅަށް ވޯޓު ދިން އިރު 68 ގައުމުން ވަކިކޮޅަކަށް ވޯޓު ނުދެއެވެ. ވަކި ކޮޅަކަށް ވޯޓު ނުދޭ ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ.
ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާންމާއި ގުޅިގެން ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ނުދޭ ހަމައެކަނި މުސްލިމް ގައުމަކީވެސް ރާއްޖެއެވެ.
މިކަމާ ގުޅިގެން ރާއްޖެ ފަދަ 100 އިންސައްތަ މުސްލިމު ގައުމަކުން ގަތުލުއާއްމާ ދެކޮޅު ހެދުމުގެ ގޮތުން ވޯޓު ނުދިނީ ކީއްވެގެންތޯ އާންމުން ވަނީ ސުވާލު އުފައްދާފައެވެ. އަދި މިހާރު އޮތް ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާންމުން އަންނަނީ މި މައްސަލައިގައި ފާޑުކިއަމުންނެވެ.
މިއާއެކު މިނިވަން ހާރިޖީ ސިޔާސަތަކަށް ރާއްޖެއިން އަމަލުކުރަމުން އަންނަ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެތައްހާސް މުސްލިމުންނެއް މަރާލި ގަތުލުއާންމު ރާއްޖެއިން ކުށްވެރިނުކޮށް އެކަމާ ދެކޮޅު ހަދާފައި ނުވަނީ މި މައްސަލައިގައި ފޮރިން މިނިސްޓްރީން ރިޝްވަތު ނަގައިގެންތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.