ކ. މާލެ
|
28 މެއި 2024 | އަންގާރަ 11:07
ކުރީގެ މެމްބަރު ޔާސިރު
ކުރީގެ މެމްބަރު ޔާސިރު
ރާއްޖެއެމްވީ
ބޮސްނިއާ ޤަރާރުގެ މައްސަލަ
މި ސަރުކާރުން އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖެ ލަދުގަންނަވާލައިފި - ޔާސިރު
ގަރާރު ތަސްދީގު ކުރުމަށް ހުރަސް އެޅުމަށް ސާބިއާގެ ރައީސް އާއި ބޮސްނިއާ ސާބް ލީޑަޝިޕުން މުޒާހަރާތަކާއި ލޮބީ ކެމްޕޭނެއް ހިންގި
ބޮސްނިއާގެ މުސްލިމުން މަރާލި ގަތުލްއާންމާއި ގުޅިގެން ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ނުދޭ ހަމައެކަނި މުސްލިމް ގައުމަކީ ދިވެހިރާއްޖެ

މި ސަރުކާރުން އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި ރާއްޖެ ލަދުގަންނަވާލާފައިވާ ކަމަށް މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު އެފަދައިން ވިދާޅުވީ، ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮސްނިއާގެ މުސްލިމުންނާއި މެދު ހިންގި ގަތުލުއާއްމާ ގުޅޭ ޤަރާރު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ދީފައި ނުވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

193 މެންބަރުން ހިމެނޭ އދ. ގެ އާއްމު މަޖިލީހުގައި މެއި މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި 84 ގައުމުން ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާއްމުގެ ހިތްދަތި ހަނދާނުގައި ޚާއްސަ ކޮންމެ އަހަރަކު ދުވަހެއް ފާހަގަކުރުމަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ދީފައެވެ. 19 ގައުމަކުން އެ ގަރާރާއި ދެކޮޅަށް ވޯޓު ދިން އިރު 68 ގައުމުން ވަކިކޮޅަކަށް ވޯޓު ނުދެއެވެ. މި ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ. ޔާސިރު ވަނީ މި ގަރާރާއި އެއްކޮޅަށް ވޯޓުދޭން ސަރުކާރުން ޖެހިލުންވި ސަބަބާއި މެދު އާއްމުން ސުވާލު އުފައްދާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ކަމާއި މެދު ސަރުކާރުން އާއްމުންނަށް ޖަވާބުދާރީ ނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު މި ޤަރާރަށް ވޯޓު ނުދިން ސަބަބު ދިވެހިންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އެ ސަބަބު ހާމަނުކޮށްދޭ ނަމަ އެއީ ރާއްޖެ އާއި އިސްލާމީ އުއްމަތަށްވެސް ޤައްދާރުވުން ކަމަށް ޔާސިރު ވަނީ ސިފަކުރައްވާފައެވެ. ޔާސިރު ވަނީ މި މައްސަލައިގެ ހަޤީގަތް އޮޅުވާލަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ. ޔާސިރު ވަނީ އިސްލާމީ އުއްމަތަށް ދިމާވާ ދަތިތަކާއި މެދު ވަކާލާތުކޮށް ރާއްޖެ އަށް އެކަމާއި މެދު އެޅެން އޮތް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ޔާސިރު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންގެ ވާހަކަ ވެސް ސަރުކާރުން ދައްކަނީ ނުރަނގަޅު މަންފާތަކެއް ލިބޭ ގޮތަށް ކަމަށެވެ.

ސިޔާސީ މަގްސަދެއްގައި ކަންކަން ކުރަނީ. ފަލަސްތީން މައްސަލައިގައި ވެސް ސަރުކާރުން ކީއްވެތޯ އިސްރާއިލް ޕާސްޕޯޓް މަނާ ނުކުރަނީ. މިއަދު ދިވެހިން ގޮވަމުން ދަނީ ޕާސްޕޯޓް ބޭންކުރަން. ޕްރޮމޯޝަންއެއްގެ ގޮތުގައި އެކަން ވެސް ކުރަނީ. ބައެއް ބޭފުޅުން ވިދާޅުވޭ މި ގަރާރަށް ވޯޓު ނުދިނީ އެއީ ނުފޫޒު އޮވެގެންނޭ. އެކަމަށް ނޫނެކޭ ވިޔަސް ސަރުކާރުން ބުނަން ޖެހޭނެ. މިއީކީ އަޅުގަނޑުމެން އުންމީދު ކުރި ގޮތެއް ނޫން
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

އެ ގަރާރުގައި ޖުލައި 11 އަކީ 1995 ވަނަ އަހަރު ސްރެބްރެނިކާގައި ހިނގި ނަސްލު ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ބޮސްނިއާގެ 8،000 އަށް ވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ގަތުލުކުރުމާއި ގުޅިގެން އެ ދުވަހުގެ ހަނދާންތައް އައުކުރުމާއި ގުޅޭގޮތުން ހުށަހެޅި ގަރާރެކެވެ. އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް އަދި އިޓަލީ ފަދަ 32 ކޯ ސްޕޮންސަރުންނާ އެކު ޖަރުމަނާއި ރުވާންޑާއިން ސްޕޮންސަރ ކުރި ގަރާރު ތަސްދީގު ކުރުމަށް ހުރަސް އެޅުމަށް ސާބިއާގެ ރައީސް އާއި ބޮސްނިއާ ސާބް ލީޑަޝިޕުން މުޒާހަރާތަކާއި ލޮބީ ކެމްޕޭނެއް ހިންގިއެވެ.

ބޮސްނިއާގެ މުސްލިމުން މަރާލި ގަތުލްއާންމާއި ގުޅިގެން ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ނުދޭ ހަމައެކަނި މުސްލިމް ގައުމަކީ ދިވެހިރާއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް