ކ. މާލެ
|
27 މެއި 2024 | ހޯމަ 18:34
އާރކް އިން ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތެއްގައި ފިޔަވަތީގެ ކުދިންތަކެއް ބައިވެރިވަނީ
އާރކް އިން ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތެއްގައި ފިޔަވަތީގެ ކުދިންތަކެއް ބައިވެރިވަނީ
ރާއްޖެއެމްވީ
އާކް ޕްރޮގްރާމްތައް
ސްކޫލް ޗުއްޓީގެ ތެރޭގައި އާކުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގައިފި
މި ހަރަކާތްތަކުގައި ގްރޭޑް 1ން ގްރޭޑް 10ށް ދާ 58 ކުދިން ބައިވެރިވި

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކު) އިން ޚާއްޞަ ޚަރަކާތްތަކެއް ހިންގައިފިއެވެ.

މިއީ ސްކޫލްގެ ބޮޑު ޗުއްޓީގެ ތެރޭގައި ކުދިންގެ މުނިފޫހި ފިލުވުމުގެ އިތުރުން ކުދިންގެ ތަފާތު ހުނަރުތައް ތަރައްޤީކުރުމާއި ކުދިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގި މި ޙަރަކާތްތަކުގައި ގްރޭޑް 1ން ގްރޭޑް 10ށް ދާ 58 ކުދިން ބައިވެރިވިއެވެ.

ކްލޭއިން ތަކެތި ހެދުމުގެ ޕްރޮގްރާމް:ކްލޭ ސްޓޫޑިއޯ މޯލްޑިވްސްއާއެކު ހިންގި ކްލޭއިން ތަކެތި ހެދުމުގެ ޕްރޮގްރާމްގައި ކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށް ކްލޭއިން ތަފާތު އެއްޗެހި ހެދުމުގެ ފުރުޞަތު ކުދިންނަށް ލިބުނެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންގެ އާޓިސްޓިކް ހުނަރާއި ކުދިންގެ އަތާއި އިނގިލީގެ ޙަރަކާތްތައް ނުވަތަ މޯޓަރ ސްކިލްސްވެސް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ކެރަމް ޗެލެންޖު:ކެރަމް އެސޯސިއޭޝަނާއެކު ކުރިޔަށް ދިޔަ ކެރަމް ސެޝަންތަކުގެ ތެރެއިން ކުދިން ޝައުޤުވެރިވާނެ މާޙައުލެއްގެ ތެރޭގައި ކުދިންގެ ތޫނުފިލިކަން އިތުރުކުރުމާއި މޯޓަރ ސްކިލްސް އިތުރުވެގެން ދިޔައެވެ. ޤައުމީ ކެރަމް ޓީމްގެ ކުޅުންތެރިން އިންސްޓްރަކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި މި ސެޝަންތަކުގައި ކެރަމްގެ ޤަވައިދުތަކާއި ސްޓްރެޓެޖީތައް ކުދިންނަށް ކިޔައިދިނެވެ. އަދި މީގެ އިތުރުން ކުދިންނަށް ދައްކާލުމުގެ ގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިން އެގްޒިބިޝަން މެޗެއްވެސް ކުރިޔަށް ގެންދިޔައެވެ.

ކުލަ ޖެއްސުން، އާޓްސް އެންޑް ކްރާފްޓްސް އަދި ވާހަކަ ކިޔުން:ކްރިއޭޓިވް ޖޫސް އާޓް ސްޓޫޑިއޯ އަދި އޯލަ އެޕްއާ ގުޅިގެން ހިންގި މި ޙަރަކާތުގައި ކުރެހުމާއި، ކުލަޖެއްސުމާއި، ކްލޭއިން ތަކެތި ހެދުން އަދި ތަފާތު އާޓްސް އެންޑް ކްރާފްޓްސް ކުރިޔަށް ދިޔައެވެ. މީގެ ތެރެއިން ކުދިން އެންމެ ޝައުޤުވެރިވީ ސައިންސް އެކްސްޕެރިމެންޓެއްގެ ގޮތުގައި ސްލައިމް ހެދުމެވެ.

ޓޭބަލް ޓެނިސް ސެޝަންސް: ރާއްޖެ ސްޕޯޓްސް އެކަޑަމީއާ ގުޅިގެން ހުޅުމާލެ ޓީޓީ ހޯލްގައި ކުރިޔަށްދިޔަ ޓޭބަލް ޓެނިސް ސެޝަންތަކުގައި ފުޓްވަރކް، ފޯހޭންޑް އަދި ބެކްހޭންޑް ފަދަ ޓޭބަލް ޓެނިސް ކުޅުމަށް މުހިއްމު ހުނަރުތައް ކުދިންނަށް ދީ އެ އެ ހުނަރުތައް ތަޖުރިބާކުރުމުގެ ފުރުޞަތު ކުދިންނަށް ލިބުނެވެ.

މޫދު ކުޅިވަރުގެ ޙަރަކާތްތައް: ބީޗްކްލަބް މޯލްޑިވްސް އާ ގުޅިގެން ކުރިޔަށް ގެންދިޔަ މޫދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރޭގައި ބަނާނާ ބޯޓް، ޖެޓްސްކީން އަދި ކެނޯއިން ފަދަ މޫދު ކުޅިވަރުތަކުގައި ކުދިން ބައިވެރިވިއެވެ. މީގެ އިތުރުން ތަފާތު ބީޗް ކުޅިވަރުތަކުގައިވެސް ކުދިން ބައިވެރިވިއެވެ.

މި ޕްރޮގްރާމްތަކުގައި ބައިވެރިވި އާކްގެ ޕާޓްނަރުންނާއި ކުދިންނަށް ޓްރާންސްޕޯޓް ހަމަޖައްސަވައިދެއްވި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ޓީ.ސީ.) އަދި އާކްގެ ވޮލަންޓިއަރުންގެ މަސައްކަތް އާކުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. މިފަދަ ފަރާތްތަކުގެ ބައިވެރިވުމާނުލާ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާނުލެވޭނެ ކަމަށް އާކުން ދެކެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް