ޔޫރޮޕާ ލީގު ޗެމްޕިއަން ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށް ފަހު، ޔޫއެފާ ސުޕަރ ކަޕް ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.
ރޭ ކުޅުނު މެޗުން ރެއާލްއިން ޔުނައިޓެޑުގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ.
މެސެޑޯނިއާގެ ގައުމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި، ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީ ވެސް ރެއާލްއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ކަވަހާލްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރ ކަސަމެއިރޯއެވެ.
ރެއާލް އިން މި ލަނޑުޖަހާ ލީޑު ނެގުމުގެ ކުރިން ވެސް އެޓީމަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ.
އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ގެރެތު ބޭލްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޔުނައިޓެޑްގެ ގޯލު ކުރިމަތީގައި ހުރެ، އޭނާ ފޮނުވާލި ހަމަލާ ދިޔައީ، ގޯލާ އަމާޒުނުގެ ބޭރަށެވެ. އަދި މެޗުގެ 15 ވަނަ މިނެޓްގައި ކަސަމެއިރޯ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ވަނީ ޔުނައިޓެޑްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.
ރެއާލް އިން ލީޑުނެގި މި ގޯލަށްފަހު ވެސް، ރެއާލްއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ބެންޒެމާ ފޮނުވާލި ބާރު ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ރެއާލް އިން މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ފެށިގެން އެހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ބޭލްގެ އެހީތެރިކަމާ އެކު މި ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި އިސްކޯއެވެ.
ރެއާލްގެ މި ލަނޑަށް ފަހު ޔުނައިޓެޑުން އިތުރަށް ކުޅުން ވަރުގަދަކުރި އިރު އެޓީމުން ދިޔައީ ރެއާލްގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ރެއާލްގެ ގޯލަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. ލުކާކޫ ހުސްކޮށް އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި މި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެހެން ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގުކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލުކާކޫ އެވެ. ލުކާކޫ މި ލަނޑުޖަހާފައިވަނީ އޭރިޔާ ބޭރުން ރެއާލްގެ ގޯލަށް އަމާޒުކޮށް މަޓިޗް ފޮނުވާލި ބާރު ހަމަލާއެއް ރެއާލްގެ ގޯލްކީޕަރުގެ އަތުގައިޖެހިފަ ނިކުތް ވަގުތުއެވެ.
މި ލަނޑަށް ފަހު ވެސް ޔުނައިޓެޑުން ރަނގަޅަށް ކުޅެމުންދިޔައިރު ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހުވަގުތުކޮޅުތެރޭ ޔުނައިޓެޑްގެ ޒުވާން ފޯވާޑް، މާކަސް ރަޝްފޯޑްއަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.
މިއީ ރެއާލްއިން، އެ ކްލަބުގެ ތާރީހުގައި ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކުރި، ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ އެޓީމު މި ކަޕް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ރެއާލްއަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ޗެމްޕިއަނުން ވެސް މެއެވެ.