ކ. މާލެ
|
22 މެއި 2024 | ބުދަ 12:49
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ދިފާއީ ވަޒީރު ޔޯވް ގަލަންޓް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ދިފާއީ ވަޒީރު ޔޯވް ގަލަންޓް
ރޮއިޓާރސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
 
ޔޫރަޕިއަން ޔޫނިއަންގެ ތަރުޖަމާނު ވިދާޅުވީ އައިސީސީ އިން އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތައް އެ އިއްތިހާދުން ތާއީދު ކުރާ ކަމަށް

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ޔައޯވް ގަލާންޓް ހައްޔަރު ކުރަން ހުށަހެޅުމުން ބައިނަލްއަގްވާމީ މުޖްތަމައުން އެކަމަށް ތާއީދު ކޮށްފިއެވެ.

އަމުރު ނެރުމުގެ މައްސަލައިގައި އެމެރިކާ އާއި އިޒްރޭލުން ނުރުހުން ފާޅުކޮށް އިދިކޮޅު ހަދަމުން ދަނިކޮށް ޔޫރަޕިއަން ޔޫނިއަންގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ އައިސީސީ އިން އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތައް އެ އިއްތިހާދުން ތާއީދު ކުރާ ކަމަށެވެ. ވިލާތުގެ އިއްތިހާދުގެ ތަރުޖަމާނު ޕީޓަރ ސްޓާނޯ ވިދާޅުވީ އައިސީސީ އަކީ މިނިވަން ބައިނަލް އަގްވާމީ މުއައްސަސާއެއް ކަމަށް އިއްތިހާދުން ބަލައިގަންނަ ކަމަށެވެ.

ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި އެތައް މަސްތަކެއް ވަންދެން ކާބޯތަކެތި ލިބޭނެ ގޮތްތައް ބަންދުކޮށް ގާޒާގެ ރައްޔިތުން ބަނޑަށްޖެއްސުމަށް ބޮޑުވަޒީރު ނަތަންޔާހޫ އާއި އިޒްރޭލުގެ ދިފާއީ ވަޒީރު ގަލާންޓް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބެލެވިފައެވެ. އޭގެ އިތުރުން ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށް ގަސްތުގައި ދީފައިވާ ހަމަލާތަކަކީ ވެސް ސީދާ މި ދެ ފަރާތުގެ ބައިވެރިވުން އޮވެގެން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާ ތަކެއްކަން އައިސީސީގެ ޕްރޮސެކިއުޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ގަލާންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުމުގެ މަސައްކަތައް ދެކުނު އެފްރިކާއިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ހޯމަ ދުވަހު ދެކުނު އެފްރިކާގެ ރައީސް މިކަމާ ގުޅިގެން ނެރުއްވި ބަޔާނުގައި ވަނީ ބައިނަލް އަގްވާމީ ގާނޫނުތައް ނެގެހެއްޓޭނީ އެންމެންގެ މައްޗަށް ހަމަހަމަ ކޮށް ގާނޫނު ހިންގައިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކޮށް އަނިޔާ ލިބޭ ފަރާތައް ހައްގު ހޯދައިދެވޭނީ އެގޮތައް މަސައްކަތްކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޑެންމާކުގެ ޚާރިޖީވަޒީރު އަންގާރަ ދުވަހު ވިދާޅުވީ، އައިސީސީގައި ހައްޔަރު ކުރުމުގެ އަމުރު ނެރެން އެދުމުގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ޑެންމާކުން ދެކޭ ކަމަށެވެ.

ބެލްޖިއަމުންވެސް ވަނީ އައިސީސީގެ ޕްރޮސެކިއުޓަރގެ ނިންމުމަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. ޑެންމާކުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ކުށްކުރި ފަރާތެއް ބެލުމެއް ނެތި ގާޒާ ގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް އެންމެ މަތީ ފެންވަރުގައި ތަހުގީގު ކޮށް ބަލަންޖެހޭނެ ކަމަށެވެ. އޭގެ އިތުރަށް އޭނާ ވިދާޅުވީ ބައިނަލް އަގްވާމީ އަދުލު އިންސާފު ގާއިމް ކުރުމަށް ކުރެވޭ މަސައްކަތައް ބެލްޖިއަމުން އެހީތެރިކަން ދޭނެ ކަމަށެވެ.

އޮސްޓްރިއާގެ ޗާންސެލަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައިސީސީގެ ނިންމުންތަކަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަޔަރލޭންޑް ގެ ޔޫރަޕް އާ ބެހޭ ވަޒީރު ޖެނިފަރ މެގްނެއިލް ވިދާޅުވީ އައިސީސީން ކުރަން ޖެހޭ މަސައްކަތް އެތަނުން ކުރުމަށް އަޔަރލޭންޑުން އެއްބާރުލުން ދޭނެ ކަމަށެވެ.

ނަތަންޔާހޫ އާއި ގަލާންޓް އާއި ހަމާސްގެ އިސް 3 ފަރާތެއް ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީގައި އެދޭނެ ކަމަށް އެކޯޓުގެ ޕްރޮސެކިއުޓަރ ޚާން ހާމަ ކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

ކޯޓުގައި ދެން އޮންނާނީ ޕްރޮސެކިއުޓަރުން ހުށަހެޅި ހެކި ދިރާސާ ކޮށް އަމުރު ނެރުމާ މެދު ގޮތެއް ނިންމުމެވެ. އެކަން ކުރާނީ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

ކޮމެންޓް