ކ. މާލެ
|
21 މެއި 2024 | އަންގާރަ 17:40
ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެފައިވޭ
ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެފައިވޭ
އެކްސް/އެފްއެލް360އެއޮރޯ
ސިންގަޕޫރު އެއަރލައިންސް
ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެ
ބޯޓުގައި 18 ކްރޫންނާއި، 211 ފަސިންޖަރުން ތިބި
ތިރީހަކަށް ފަސިންޖަރުންނަށް އަނިޔާވެފައިވޭ
އެމަރޖެންސީކޮށް ބެންކޮކް ގައި ބޯޓު ވަނީ ޖައްސާފައި

ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި ބޯޓުން ދަތުރުކުރި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

މި ހާދިސާގައި މަރުވީ އުމުރުން 73 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލޭ ކަމުގައި ބެންކޮކްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އެއަރޕޯޓްގެ މެނޭޖަރ ހާމަ ކޮށްފައިވެއެވެ.

އެއަރލައިންގެ ފޭސްބުކް ޕޭޖްގައި މިހާދިސާގެ ތަފްސީލް ހާމަ ކުރަމުން ބުނެފައިވަނީ ބޮއިންގ 777 މަރުކާގެ މި ބޯޓު ކޮޅިގަނޑުގައި ޖެހުނު އިރު ދަތުރު ކުރަމުން ދިޔައީ އިނގިރޭސިވިލާތުގެ ލަންޑަނުން ފުރައިގެން ސިންގަޕޫރަށެވެ.

ބޯޓުގައި 18 ކްރޫންނާއި، 211 ފަސިންޖަރުން ތިއްބެވެ.

ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހުން - ސީ.އެން.އެން

މޫސުން ގޯސްވެ ބޯޓުގެ ހާލަތު ގޯސްވުމުން ދަތުރުގެ މިސްރާބު ބަދަލުކޮށް ބޯޓު ވަނީ އަންގާރަ ދުވަހު މެންދުރު ފަހު އިމަރޖެންސީކޮށް ބެންކޮކްގައި ޖައްސާފައެވެ.

ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން އަނިޔާވީ ކިތައް މީހުންނަށް ކަމެއް ސިންގަޕޫރު އެއަރލައިންސް އިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ތައިލެންޑްގެ އޮފިޝަލުންނާ ހަވާލާދީ 30ށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އަނިޔާވި މީހުން ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސިންގަޕޫރ އެއަރލައިންގެ ފޭސްބުކް ޕޭޖުން ހާމަކޮށްފައިވާ ގޮތުގައި ފަރުވާ ދިނުމަށްޓަކައި 18 މީހުން އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ.

ބޯޓަށް މި ހާދިސާ ކުރިމަތިވީ ގާތްގަނޑަކަށް ދަތުރަށް 11 ގަޑީއިރު ހޭދަވެ، އެންޑަމަން ކަނޑު ހުރަސްކޮށް ތައިލެންޑާ ވަރަށް ގާތްވެފައި ވަނިކޮށްނެވެ.

ބޯޓުން ދަތުރުކުރި މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ކުއްލިއަކަށް ބޯޓު ވަރަށް ބޮޑަށް ތެޅެން ފެށުމަށްފަހު އަރިއަޅާލުމާއެކު ތިރިއަށް ބޯޓު ވެއްޓުމުގެ ސަބަބުންނެވެ.

37،000 ފޫޓުން ދަތުރު ކުރަމުން ދިޔަ މި ބޯޓު ކުށްލިއަކަށް 31،000 ފޫޓަށް ތިރިއަށް ވެއްޓުނުކަން ފްލައިޓް ރާޑަރ24 އިން ހާމަ ކޮށްފައިވެއެވެ.

ކުއްލިއަކަށް ބޯޓު ތިރިއަށް ވެއްޓުމުން ސީޓް ބެލްޓް ނާޅާ ތިބި މީހުން މައްޗަށް ވިއްސައިގެން ގޮސް އޯވަރހެޑް ކެބިންގައި ބޯޖެހި ބައެއް މީހުންނަށް އަނިޔާވީ ކަމަށް އަލް ޖަޒީރާއަށް މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ބޯޓުން ދަތުރު ކުރި މީހަކު ބުނެފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރ ޗީ ހޮންގ ވަނީ ހިތާމަ ފާޅު ކުރައްވާ، ހާދިސާގައި މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް