ކ. މާލެ
|
21 މެއި 2024 | އަންގާރަ 19:24
އެސްއެސްސީ ޕޭޕަރު މާކުކުރަން އައި ޓީޗަރުން މިނިސްޓްރީ ތެރޭގައި
އެސްއެސްސީ ޕޭޕަރު މާކުކުރަން އައި ޓީޗަރުން މިނިސްޓްރީ ތެރޭގައި
ޕޭޕަރު މާކު ކުުރަން އައި ޓީޗަރުން
އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
ޓީޗަރުންނަށް މި އަހަރުގެ މި ތަޖުރިބާ ފާހަގަކުރަނީ ހިތި، ހަނދާނުން ނުފިލާނެ ވަރުގެ ހިތްދަތި ކަމެއްގެ ގޮތުގައި

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ޓީޗަރުން ޕޭޕަރު މާކު ކުރަން އާދެއެވެ. އެ މަރުހަލާއަކީ ވަރަށް ބޮޑަށް އިންތިޒާމުވެގެން ވަރަށް އަމާންކޮށް ކުރިއަށްދާ މަރުހަލާއެކެވެ. ތެދުތެދަށް ބުނަނީ ނަމަ އެ މަރުހަލާ ކުރިއަށްދާކަން ގިނަ ފަހަރު އެހެން ބަޔަކަށް ރެއަކާ ވެސް ނުލައެވެ. އެތައް ޒަމާންތަކެއް ވަންދެން ހަރުދަނާކަމާ އެކު އަތުރާލާފައިވާ ވިއުގައިގެ ސަބަބުން ޕޭޕަރު މާކު ކުރުމުގެ ބުރަ މަރުހަލާ ކުރިއަށް ދަނީ ވަރަށް ބޮޑަށް ތަރުތީބުވެގެންނެވެ. ނަތީޖާ އަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ދިވެހި އަދި އިސްލާމް ޕޭޕަރު މާކު ކުރަން ޓީޗަރުން އަންނަމުންދާ ކަމެވެ. މި މަރުހަލާގައި ގިނަ ޓީޗަރުން ބައިވެރިވަނީ އާމްދަނީއެއް ހޯދުމުގެ ގޮތުންނެއް ނޫނެވެ. އެކަން ކުރަމުން އަންނަނީ ލޯތްބާއި ޝައުގާ އެކުގައެވެ.

ކޮންމެއަކަސް މިފަހަރު ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް އެކަންވީ ބޮޑު ތުރާލަކަށެވެ. މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކުން ޕޭޕަރު މާކު ކުރަން އައި މުދައްރިސުންނަށް އަމުދުން އެކަންވީ ބޮޑު ބޮލުގައި ރިހުމަކަށެވެ. ވެގެން އުޅޭ ގޮތް ބުނެލާނަމެވެ. މީގެ ކުރިން އެކެޑަމިކް އަހަރު އަތުރާލާފައި އޮންނަ ގޮތުން މާކު ކޮށް ނިންމާލުމަށްފަހު، ހަފްތާއެއްހާ ދުވަސް ޕޭޕަރު މާކު ކުރަން އަންނަ މުދައްރިސުންނަށް ވެސް ޗުއްޓީގެ ގޮތުގައި ލިބެއެވެ.

ނަމަވެސް މި ފަހަރު އެކެޑަމިކް ކަލަންޑަރު އޮތް ގޮތުން ޓީޗަރުން މަސައްކަތަށް ނުކުންނަން ޖެހެނީ މެއި 22ގައެވެ. އެކަން އެހެން އޮއްވާ މި ފަހަރު ޕޭޕަރު މާކު ކުރާނެ މުއްދަތެއްގެ ގޮތުގައި ފައިނަލް ކުރީ މެއި މަހުގެ 11 އިން ފެށިގެން މެއި 25 އަށެވެ. ޕޭޕަރު މާކު ކުރާ ޓީޗަރުންނާ އެކު ވީ އެއްބަސްވުމުގައި ވެސް ޕޭޕަރު މާކު ކުރާ މުއްދަތުގެ ގޮތުގައި ހަމަޖައްސާފައި އޮތީ މި ބުނި މުއްދަތެވެ.

ޕޭޕަރު މާކު ކުރާ ޓީޗަރުން ފައިނަލައިޒް ކުރުމުގެ ކުރިން އެކަމަށް ޚާއްސަ ވޯރކްޝޮޕެއް ބޭއްވިއެވެ. އެ ވޯރކްޝޮޕް ކުރިއަށްގެންދިޔައީ މެއި 7-9 އަށް މާލެ ސަރަަހައްދުގެ 2 ސްކޫލެއްގައެވެ. މާކު ކުރާ ޓީޗަރުން ފައިނަލް ކުރީ މި ބުނި ވޯރކްޝޮޕް އިން ހޮވާލި 40 ބޭފުޅުންނާ އެކު ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތު ދީފައެވެ. އެގޮތުން އިސްލާމް އަދި ދިވެހި ބައިން ކޮންމެ ބައެއްގައި 40 މާކަރުން، އިސް ބޭފުޅުންގެ ގޮތުގައި 14 ބޭފުޅުން، އެގްޒެމިނަރުން، މޮޑަރޭޓަރުން ފަދަ ބޭބޭފުޅުން، ކްލެރިކަލް ބައިގައި 8 މުވައްޒަފުން އަދި އެންޓަރ ކުރަން 2 މުވައްޒަފުން ހަރަކާތްތެރިވެއެވެ.

މާކ ކުރުމުގެ މަރުހަލާ ފެށި އިރު މުދައްރިސުންނަށް ޑިޕާޓްމަންޓް އޮފް އެގްޒެމިނޭޝަނުން ދިން މައުލޫމާތަކީ ސްކޫލަށް ޓީޗަރުން ނުކުންނަން ޖެހޭ މުއްދަތުގައި ޕޭޕަރު މާކު ކުރާ ޓީޗަރުންނަށް ރިލީޒް ލިބޭނެ ކަމަށް ބުނެ ދިން މައުލޫމާތެވެ. އެއީ މެއި މަހުގެ 22 އަދި 23 ވަނަ ދުވަހެވެ. ޓީޗަރުން މަސައްކަތް ކުރަމުން އައީ ވެސް އެ ބީދައިންނެވެ. ކަން މިހެން އޮއްވާ މީގެ 2 ދުވަސް ކުރިން ޓީޗަރުންނަށް ރިލީޒް ލިބިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. ފަހަރުގައި ޓީޗަރުންނަށް ރިލީޒް ނުލިބިދާނެ ކަމަށް އެންގިއެވެ.

މާކު ކުރުން ކުރިއަށް ދިޔަ ގޮތަށް ބަލާ ނަމަ، އާއްމުކޮށް މާކިން ފަށަނީ ހެނދުނު 7 ޖަހާއިރެވެ. 12 ޖަހާއިރު ބްރޭކް ލިބުނު ނަމަވެސް މާކު ކުރުން އެގަޑީގައި ވެސް ކުރިއަށް ދެއެވެ. ޓީޗަރުންނަށް ރިލީޒް ނުލިބިދާނެ ކަމަށް ލިބުނު ޚަބަރާ އެކު ބައެއް ޓީޗަރުން ރޭގަނޑު 10، 11 ޖަހަންދެން މަޑުކޮށްގެން ތިބެގެން މަސައްކަތްކޮށްގެން ވެސް މާކު ކުރުމުގެ މަރުހަލާ އަވަސްކުރެވޭތޯ ބެލިއެވެ. އެހެންނަމަވެސް މިފަދަ ހައްސާސް މަސައްކަތެއްގައި އަވަސް އަރުވާލުމަކީ ވެސް އެ ޓީޗަރުންނަށް އޮތް އިހުތިޔާރެއް ނޫނެވެ.

މީގެ ކުރިން ކުރި މުއާމަލާތާއި އެއްގޮތަށް އަތޮޅުތެރެއިން އައި މުވައްޒަފުން އަނބުރާ ރަށަށް ދާން ޓިކެޓް ނަގާފައި ވަނީ މެއި 25ގެ ފަހަށެވެ. އެހެންނަމަވެސް ކުއްލިއަކަށް ރިލީޒް ނުލިބޭނެ ކަމަށް އެންގުމުން ބައެއް ޓީޗަރުން އަނބުރާ ރަށަށް ދާން ޓިކެޓު ހޯދުމަށް އަވަސްވެގަތެވެ. އެހެންނަމަވެސް މިއީ ސްކޫލް ބަންދަށް ފަހު އަލުން ހުޅުވޭ ދުވަސްވަރަށްވުމާ އެކު ޓިކެޓު ބަދަލުކުރުން ވެސް އެއީ ފަސޭހައިން ކުރެވޭ ފަދަ ކަމަކަށް ނުވެއެވެ. ޕޭޕަރު މާކު ކުރަން ތިބި އިސް ފަރާތްތައް އެ ޓީޗަރުންނަށް ރިލީޒް ހަމަޖައްސައިދިނުމަށް ވަކާލާތު ކުރި ނަމަވެސް އެ މަސައްކަތަށް މިނިސްޓްރީން ދިނީ ފިނި ޖަވާބެކެވެ.

21 ވަނަ ދުވަހު މެންދުރު އަތޮޅުތެރެއިން އައި ޓީޗަރުންނަށް އެންގީ ދުވަހުން ދުވަހަށް ފުރައިގެން ދާށެވެ. ވީ ކަންބޮޑުވުމާއި މާޔޫސްކަން އިތުރުވެ، ހުރިހާ ޓީޗަރުން މާކު ކުރުން ހުއްޓާލާފައި މިސްރާބު ޖެހީ ވެލާނާގެއާ ދިމާލަށެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ދިމާލަށެވެ. މިނިސްޓްރީގައި 12:40 އިން ފެށިގެން ބައި ގަޑިއިރު ހޭދަކުރުމަށް ފަހު މިނިސްޓްރީން ފުރަތަމަ ޓީޗަރުންނަށް ދިނީ ރުންކުރު ޖަވާބެކެވެ. އެއީ އެއްވެސް ޓީޗަރަކަށް ރިލީޒް ދެވެން ނެތް ވާހަކައެވެ.

އަދި ޑިޕާޓްމަންޓް އޮފް އެގްޒޭމް އިން ޓީޗަރުންނަށް ރިލީޒް ދިނުމުގެ ވާހަކަ އެ ވުޒާރާއާ ހިއްސާ ނުކުރާކަަަމަށް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަނީ ޓީޗަރުންނާ ބައްދަލުކޮށް ވިދާޅުވެފައެވެ. އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާއަކާއި އެ ވުޒާރާގެ މުއާމަލާތު އެފަދަ ގޮތަކަށް ބަލިކަށިވެދާނެ ކަމަށް ބަލައިގަތުން އެއީ ޓީޗަރުންނަށް ފަސޭހަކަމަކަށް ނުވިއެވެ.

ކޮންމެއަކަަސް އެޑިއުކޭޝަން މިނިސްޓަރު ލަންޑަނުގައި ހުންނެވުމުން ދެން އިތުރު ޖަވާބެއް ލިބޭނީ ހަވީރުކަމަށް މިނިސްޓްރީން ޓީޗަރުންނަށް އެންގިއެވެ. ޓީޗަރުން ސުވާލެއްގެ ތެރެއަށް ދޫކޮށްލި އިރު އަތޮޅުތެރެއިން އައި ޓީޗަރުންނަށް އޭރުވެސް ރިލީޒް ލިބޭނެކަން ނުވަތަ ނޫންކަން އެނގެން ނެތުން ވީ ވަރަށް ބޮޑަށް ހިތަށް އުނދަނގޫވީ ކަމަކަށް ކަމުގައި ރާއްޖެ އެމްވީއާ ވާހަކަދެއްކި ބައެއް ޓީޗަރުން ބުނެފައިވެއެވެ. އަދި ޓީޗަރުންގެ ހައިސިއްޔަތުން ހަޅުތާލުކުރުން އެއީ އެއްގޮތަކަށް ވެސް ކުރަން ބޭނުންވި ކަމެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގީ ރިލީޒް ނުލިބޭ ނަމަ މާކު ކުރުން ހުއްޓާލާނެ ކަމަށެވެ. އަތޮޅުތެރެއިން އައި ޓީޗަރުން ނެތި، މާލޭގެ ޓީޗަރުން އެކަނި ޕޭޕަރު މާކު ކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް އެ ޓީޗަރުން ވެސް އެއްބަސްވީ ރިލީޒް ނުލިބޭނަމަ މާކު ކުރުން ހުއްޓާލާށެވެ. ކަންދިމާވި ގޮތުން، އެކެޑަމިކް ކަލަންޑަރަށް ސަރުކާރުން ގެނައި ބަދަލާ އެކު އަންނަ އަހަރު އޯލެވެލްގެ ދެ ޓެސްޓު ބުރު އޮންނާނެއެވެ. އެހެންކަމުން އަތޮޅުތެރޭގައި ތިބި ޓީޗަރުން މާލެ އަށް ނައިސް އެ މަރުހަލާ ކުރިއަށް ގެންދިއުން އެއީ ވާނީ ނުކަތާ ވަރު ބުރައަކަށެވެ. އެހެނީ އޯލެވެލްގައި 7000 އެއްހާ ކުދިން އިމްތިހާން ހަދާނެތީއެވެ.

އެހެންކަމުން އެންމެ ފަހުން ސަރުކާރަށް ގޮތް ހުސްވެ، ޓީޗަރުންނަށް ރިލީޒް ދޭނެ ކަމަށް އެންގިއެވެ. މިއީ އަލަށް ދިމާވި ހާލަތެއް ނޫނެވެ. ކޮވިޑް ހާލަތުގައި ވެސް ޕޭޕަރު މާކު ކުރި އިރުގައި ހަމަ މިފަދައިން ޓީޗަރުން މަސައްކަތަށް ނުކުންނަން ޖެހުނު ތާރީހުން ދެ ދުވަސް ރިލީޒް ދިނެވެ. އެކަން އުނދަގުލަކަށް ވެގެން ބަޔަކު މިނިސްޓްރީއަށް ސަލާން ޖަހަން ދާކަށް ނުޖެހެއެވެ. ތަފާތަކީ ހިންގުންތެރިކަން ކުޑަކަމެވެ. ރޭވުންތެރިކަން ދަށްކަމެވެ. އެތައް ދުވަހެއް ވަންދެން މި މަސައްކަތް ކުރަމުން އައި ޓީޗަރުންނަށް މި އަހަރުގެ މި ތަޖުރިބާ ފާހަގަކުރަނީ ހިތި، ހަނދާނުން ނުފިލާނެ ވަރުގެ ހިތްދަތި ކަމެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
22 މެއި 2024 | ބުދަ 06:52
މުދައްރިސެއް
ކަލަންޑަރަށް ގެނައި ބަދަލާއެކު އަހަރީ ޗުއްޓީގައި ދަރިވަރުންނަށްޓަކައި ޤުރުބާންވެ، އޯލެވެލް ކުރިއަށްދާތި ހެސްކިޔާފަ ދަރިވަރުންނަށް އިތުރު ގަޑި ނެގި މުދައްރިސުންނަށް އިތުރު ގަޑި ނުވަތަ އެޓެންޑެންސް އެލެވެންސް ވެސް ދިނުމުގެ އިންތިޒާމެއް ހަމަޖއްސަވައެއް ނުދިން. ހަމަ ނޯ. މާބޮޑު ހަރަދަކަށް އެވަނީ. އެޑިއުކޭޝަން މިނިސްޓްރީއިން ދެކެނީ އެއީ ކޮންމެހެން ނަގަންޖެހޭ ކްލާސްތަކެއް ނޫން ކަމަށް. އެކަމު ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުންނަށް އޯލެވެލް އެގްޒާމަށް އެންމެ ފަހުވަގުތު ނަގާ އެކްސްޓްރާ ވަރަށް މުހިއްމުވި. މިކަންވެސް ބައްލަވައި ރާއްޖެޓީވީއިންވެސް މިވާހަކަ ދައްކަވައި މުދައްރިސުން މިހާލުން ސާލާމަތް ކޮށްދެއްވާ.