ކ. މާލެ
|
20 މެއި 2024 | ހޯމަ 17:53
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އަވަސް
ބައްސާމުގެ މައްސަލަ
ބައްސާމަށް ކުށް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަނުދެއްކުމަށް ކޯޓުން އަންގައިފި
މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެއް
ބައްސާމްގެ ފަރާތުން ވަނީ ނޫސް ކޮންފަރެންސްތަކުގައާއި ނޫސް މެދުވެރިކޮށް އެގޮތަށް މައުލޫމާތު ނުފެތުރުމަށް އެދިފައި
ބައްސާމްގެ އަސާސީ ޙައްޤަށް އުނިކަން އަންނަކަން ބަޔާންކޮށް ބައްސާމްގެ ފަރާތުން ކޯޓަށް ސިޓީއެއް ހުށަހަޅާފައިވޭ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއްކަމުގައިވާތީ، އެ ކޯޓުގައި ހިނގަމުންދާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބައްސާމު ޢަދީލް ޖަލީލް (ނަންބަރު 70,71/Cr-C/2024) ގަޒިއްޔާގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި، ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީއިން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކޮށް، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގާ ކަމަށެވެ.

ކްރިިމިނަލް ކޯޓުން މިގޮތަށް އަމުރެއް ނެރެފައިވަނީ ޕީޖީ އޮފީހުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ބައްސާމްގެ އަސާސީ ޙައްޤަށް އުނިކަން އަންނަކަން ބަޔާންކޮށް ބައްސާމްގެ ފަރާތުން ވަނީ ކޯޓަށް ހުށަހެޅި ސިޓީއާއި ގުޅިގެންނެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ހޯމަ ދުވަހުގެ އަޑުއެހުމުގައި ދިފާއީ ވަކީލު އަލިއަޅުވާލެއްވިއެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ ބައްސާމްއާ ގުޅޭގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތު ޕީޖީ އޮފީހުގެ ވެބްސައިޓުން އުނި ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގައި އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވެފައިވާކަމަށް ބަޔާންކޮށް، ބައްސާމްއަކީ ކުށްވެރިއެއްކަމަށް ދޭހަވާގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކުރާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ބައްސާމްގެ ފަރާތުން ވަނީ ނޫސް ކޮންފަރެންސްތަކުގައާއި ނޫސް މެދުވެރިކޮށް އެގޮތަށް މައުލޫމާތު ނުފެތުރުމަށް އެދިފައެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އާންމު މަސްލަޙަތު ބޮޑު މައްސަލަތަކާ ގުޅޭ ހޯދުންތަކުގެ މައުލޫމާތު ހާމަ ކުރުމުގެ ބާރު ޕީޖީ އޮފީހަށް އޮންނާނެ ކަމަށެވެ.  

މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެކެވެ.

މި މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް