ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަނިކޮށް ގެއްލިގެން ރިޕޯޓުކުރި ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދޯނި ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ ''AAA-37'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 5:20 ހާއިރު ކަމަށެވެ. އަދި އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންދާއިރު، އެ ދޯނި ހޯދުމުގެ މަސައްކަތުގައި، މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ވެސް ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވާ ކަމަށެވެ. އަދި އެ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.
ހުޅަނގު މޫސުމާއެކު މުޅި ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:30ން ހަވީރު 5:30ށް ޔެލޯ އެލާޓް ނެރިފައެވެ. ބޯކޮށް ވާރޭވެހި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ވައިގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.