ކ. މާލެ
|
13 މެއި 2024 | ހޯމަ 22:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
3785 ކޮމިޓީ ބައްދަލުވުން 19 ވަނަ މަޖިލީހުގައި ބާއްވާފައިވޭ
ޖުމްލަ 513 ޖަލްސާއެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާއްވާފައިވޭ

1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އުފެދުނު ފަހުން ހިނގަމުންމިދާ 92 އަހަރު ތެރޭގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރި މަޖިލީހަކީ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ފެށިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖުމްލަ 513 ޖަލްސާއެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާއްވާފައިވާއިރު އެންމެ ފަހު ޖަލްސާ ނިންމަވާލައްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޖަލްސާތަކުގައި މެމްބަރުން 1461 ގަޑިއިރު ހޭދަކުރައްވާފައިވާކަމަށެވެ.

3785 ކޮމިޓީ ބައްދަލުވުން 19 ވަނަ މަޖިލީހުގައި ބާއްވާފައިވާއިރު ކޮމިޓީތަކުގައި މެމްބަރުން 4434 ގަޑިއިރާއި 23 މިނެޓް ހޭދަކުރައްވާފައިވެއެވެ.

ޖުމްލަ 178 ބިލާއި 73 ގަރާރާއި ސަރުކާރުން ހުށަހެޅި 152 މައްސަލަ، ރިޔާސަތުން ހުށަހެޅި 104 މައްސަލަ، 108 ކުއްލި މައްސަލަ، މެމްބަރުން ހުށަހެޅި 48 މައްސަލަ އެކި މައްސަލަތަކާއި ގުޅޭ 153 ރިޕޯޓް، ވަޒީރުންނާއި ސުވާލުކުރުމުގެ 384 މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައި
މުހައްމަދު އަސްލަމް /ރައްޔިތުންގެ މަޖިލީހުގެ ރައީސް

އަސްލަމް އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މަޖިލީހުގެ މަސައްކަތްތައް މެދުނުކެނޑި ކުރިޔަށްގެންދެވުނުކަމަށާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު އިޖުތިމާއީ އަދި އިގްތިޞާދީ ބިލުތަކެއްގެ މަސައްކަތްތައް މި މަޖިލީހުން ނިންމާފައިވާކަމަށެވެ.

އަސްލަމް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިންމު ބިލުތައް ފާހަގަކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިންމު ބައެއް ބިލުތައް:

  1. ރިޔާސީ ކޮމިޝަންގެ ބިލު
  2. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު
  3. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު
  4. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު
  5. ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމާ ބެހޭ ބިލު
  6. ކުޑަކުދިންގެ އަދަލުގެ ބިލު
  7. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު
  8. ދަނޑވެރިކަމުގައި ބޭނުންކުރާ ޕެސްޓް ސައިޑް ބިލު
  9. އާމްދަނީން ޓެކްސް ނެގުމުގެ ބިލު
  10. ފެނާއި ނަރުދަމާގެ ބިލު
  11. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ބިލު
  12. މުދާ ގަންނަ ފަރަތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރާ ބިލު
  13. ދިވެހިރާއްޖޭގެ ޗަރޓާޑް އެކައުންޓެންޓުންގެ ބިލު
  14. ތައުލީމީ ބިލު
  15. ޔޫޓިލިޓީ ރެގިޔުލޭޓްރީ އޮތޯރިޓީ ބިލު
  16. އިންތިގާލީ އިންސާފުގެ ބިލު
  17. ދިވެހި ފުލުހުންގެ ބިލު
  18. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލު
  19. މަދަނީ އިޖުރާއަތުގެ ބިލު

މީގެއިތުރުން އަސްލަމް ވަނީ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް އިންތިޚާބުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ފާހަގަކުރައްވާފައެވެ.

އަސްލަމް ވަނީ މަޖިލީހުގެ މެންބަރުންނާއި އަމީންއާންމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިތުރުން ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން މަޖިލިސް މެންބަރުންނަށް ދެވުނު ނުރައްކާތެރި ހަމަލާތަކާއި އިންޒާރުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާ އަސްލަމް ވަނީ ރައްކާތެރިކަމާއެކު ބިރެއް ނެތި އަންނަ ދައުރުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާ ކުށްވެރި ކުރައްވައި އިންސާފު ހޯދައިދިނުމަށް ވެސް އަސްލަމް ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް