ކ. މާލެ
|
13 މެއި 2024 | ހޯމަ 15:48
މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާ ސްޓެފާން މަތިޖްސް އާއި އޭނާގެ އަންހެނުންނާއި ދެ ދަރިން
މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާ ސްޓެފާން މަތިޖްސް އާއި އޭނާގެ އަންހެނުންނާއި ދެ ދަރިން
ފާތިމަތު އުދުމާ
ވިސާ މައްސަލަ
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
ރާއްޖެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ
ވޯޓުގައި ބައިވެރިވި 29 މެންބަރުން އިއްތިފާގުން ވަނީ ގަރާރު ބަލައިގަތުމަށް ފާސްކޮށްފަ
ވޭތުވެދިޔަ ފަސް އަހަރު އަދި 9940 މީހުންނަށް ވަނީ ވިސާ ނުލިބި އަނބުރާ ފޮނުވާލެވިފައި

ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮންް އެރައިވަލް' އަދި 'އިލެކްޓްރޯނިކް އޮތޮރައިޒޭޝަން' ގެ ޚިދުމަތް ތައާރަފުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގައި ވަނީ ވޭތުވެދިޔަ 5 އަހަރު ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ ނުވަ މިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް އައްސަތޭކަ ހަތްދިހަ ހަތް މީހުން (9576877) މި ގައުމަށް ޒިޔާރަތް ކޮށްފާއިވާއިރު، މިހިނގާ 2024 ވަނަ އަހަރު ދެމިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ. ރާއްޖެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

މިވަގުތު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވިސާ ހޯދެން އޮތް ހަމައެކަނި ގޮތަކީ އޮން އަރައިވަލް ވިސާ ހޯދުން ކަމަށްވާތީ، އަދި އެފަރާތްތަކުން ރާއްޖެ އައުމަށްފަހު އޮން އެރައިވަލް ވިސާ ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭކަމުގެ ޝަކުވާ މިހާރު ވެސް ރާއްޖެއަށް ޒިޔާރާތްކުރާ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ގާރާރުގައި ބުނެފައިވަނީ ރާއްޖެއަށް އޮން އެރައިވަލް ވިސާގައި އެތެރެވުމަށް އަންނަ ބައެއް ފަރާތްތަކަށް އެކިއެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި އަނބުރާ ދާންޖެހޭ ހާލަތްތައް މެދުވެރިވުމުގެ ސަބަބުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނުވަހާސް ނުވަސަތޭކަ ސާޅީސް މީހުން (9940) ވަނީ އެކި ސަބަބުތަކާއެކު ރާއްޖޭގެ އިމިގްރޭޝަނުން ރާއްޖެއަށް އެތެރެވުމަށް ދޭ ހުއްދަ އެހެންގޮތަކަށް ބަޔާންކުރާނަމަ ވިސާ ނުލިބި އަނބުރާ ފޮނުވާލެވިފައި ކަމަށެވެ.

މީގެއިތުރުން މި ކަން ހައްލުކުރުމަށް ޓަކައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މިވަގުތު ހަމަޖެހިފައި ނުވާ ޓޫރިސްޓު ޕްރީ އެޕްރޫވްޑް ވިސާ އޮން އެރައިވަލް ނޫނީ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް ފުޅާކުރަން މި ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިއާލާ ވިސާ ނަގާކަށް ނުޖެހެއެވެ. އެމީހުންނަށް 30 ދުވަހުގެ ވިސާ ހިލޭ ލިބެއެވެ.

މި ގަރާރު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވި 29 މެންބަރުން އިއްތިފާގުން ވަނީ ގަރާރު ބަލައިގަތުމަށް ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް