ތުރުކީން އިސްރާއީލާއެކު ހިންގާ ވިޔަފާރީގެ ހުރިހާ މުޢާލަމަލާތެއް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ތުރުކީގެ ޓްރޭޑް މިނިސްޓްރީން ބުރާސްފަތި ދުވަހުގެރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، "ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ހިލާފަށް ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަރުކަށި އަމަލުތަކުގެ ސަބަބުން" އިޒްރޭލާއެކު އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމުގެ ހުރިހާ އޮޕަރޭޝަނެއް ޣައްޒާއަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ހުއްދަ ލިބެންދެން ތުރުކީ އިން މެދުކަނޑާލާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ތުރުކީން ވަނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު 54 ޕްރޮޑަކްޓް ކެޓަގަރީއެއްގެ އުފެއްދުންތައް އިޒްރޭލަށް އެކްސްޕޯޓް ކުރުން މަނާކޮށްފައި ކަމަށާއި، މި ފިޔަވަޅަށް ފަހުވެސް އިސްރާއީލު ސަރުކާރުން ހަރުކަށި ސިޔާސަތު ގެންގުޅެ، ފަލަސްތީނުގައި އިންސާނީ ހިތާމަވެރި ހާދިސާ އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ހިލާފަށް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގާތްގަނޑަކަށް 35،000 އާންމުންގެ ފުރާނަ ގެއްލި، ގާތްގަނޑަކަށް 78،000 މީހުން ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި އޮކްޓޯބަރު 7، 2023 އިން ފެށިގެން ތުރުކީ ދަނީ އެންމެ މަތީ ފެންވަރުގައި އިސްނަގައިގެން ޑިޕްލޮމަސީގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަމަނުޖެހުންތައް ހުއްޓުވުމަށާއި އިންސާނީ ގެއްލުންތަކާއި ޖިސްމާނީ ގެއްލުންތައް ހުއްޓުވުމަށާއި ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުމަށާއި ދެ ދައުލަތުގެ ހައްލެއް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރަމުން ކަމަށް އެ ބަޔާނުގައި ވެއެވެ.
ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެންގެ ގައުމު ވަނީ ޣައްޒާގެ ރައްޔިތުންގެ އެހީއަށް އަވަސްވެ، އުޅަނދުފަހަރާއި މަތިންދާބޯޓުތަކުން، ހާއްސަކޮށް ކާބޯތަކެއްޗާއި ސިއްހީ އަދި ޒަރޫރީ އެހީގެ ސާމާނުން އެ ސަރަހައްދަށް އެތައް ހާސް ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީ، އެތައް ހާސް ޕޭޝަންޓުން ނަށް ފަރުވާދީ، މި ދަތި ދުވަސްތަކުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާ އެކު ތެދުވެފައިތުރުކީގެ ޓްރޭޑް މިނިސްޓްރީގެ ބަޔާނުގައިވޭ
އެހެން ނަމަވެސް، އިސްރާއީލުގެ ސަބަބުން މީހުން މެރުމާއި، އިންސާނީ ކާރިސާއާއި، ޖިސްމާނީ ގޮތުން ލިބުނު ގެއްލުންތައް ދެމިގެން ދިޔަ ކަމަށާއި، އިސްރާއީލު ސަރުކާރުން ބައިނަލްއަގްވާމީ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކަށް އިހުމާލުވެ، އިންސާނީ އެހީ ދިނުން ހުއްޓުވި ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން މެދުނުކެނޑި އަދި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލު ސަރުކާރުން ދެންދެން، މި އައު ފިޔަވަޅުތައް ހަރުކަށިކޮށް އަދި ކަނޑައެޅިގެން ތަންފީޒު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އަދި ތުރުކީގެ ޓްރޭޑް މިނިސްޓްރީ އާއި ފަލަސްތީނުގެ ނޭޝަނަލް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ނިކަމެތި ޙާލުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް މި ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް އަސަރެއް ކުރިޔަ ނުދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ރިޕަބްލިކް އޮފް ތުރުކިޔޭއިން އަބަދާއަބަދު ވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.