އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
އާން ސްލޮޓް
ކ. މާލެ |

ނުވަ އަހަރު ފަހުން ޔާގެން ކްލޮޕް ލިވަޕޫލްގެ ކޯޗުކަން ހުސްކޮށްލާތީވެ، އައު ކޯޗަކަށް ނެދަލޭންޑްސްގެ އާން ސްލޮޓް، ގެންދަން އުޅޭ ވާހަކަ އަޑުއިވުމާއެކު އެންމެ އުފާވީ ފޭނޫޑްގެ ސަޕޯޓަރުންނެވެ. އެމީހުންނަށް މިކަންވީ "އަހަރުގެ އެންމެ އުފާވެރި" ހަބަރަށެވެ. އާންގެ ކޯޗުކަމުގައި ފޭނޫޑަށް މި ސީޒަނުގެ ޑަޗް ލީގުގެ ތަށި ދިފާއު ނުކުރެވުނެވެ. މޮޅަށް ކުޅުނަސް ވާދަވެރި އަޔެކްސް އަތުން 4-0އިން އަމިއްލަ ދަނޑުގައި ބަލިވެ، ފަހުން ކުޅުނު މެޗުން ބަލިވީ 6-0އިންނެވެ. އއެ ދެ މެޗުން ބަލިވެ، ލީގު ގެއްލުނުއިރު ޓޭބަލުގެ ފަސް ވަނާގައި އަޔެކްސް އޮތީ ފޭނޫޑަށްވުރެ 25 ޕޮއިންޓް ފަހަތުގަ އެވެ. އަޔެކްސް އަކީ ފޭނޫޑްގެ އެންމެ ބޮޑު ވާޑަވެރިޔާ އެވެ. ސަޕޯޓަރުންނަށް ހަޖަމްނުވީ މިހެންވެ އެވެ. އާން ކުލަބުން ބޭރުކޮށްލަން ގިނަ ބަޔަކު ބޭނުންވެފައިތިބީ މި ޖަޒުބާތުގަ އެވެ.

ލިވަޕޫލްގެ އައު ކޯޗަކަށް ގެންނަން އުޅޭ އާން ސްލޮޓް - ގޫގުލް

އެކަމަކު މީގެ ތިން އަހަރު ކުރިއަށް ނަޒަރު ހިންގާލަމާ ހެއްޔެވެ. އާން، ފޭނޫޑާ ހަވާލުވީ 2001ގަ އެވެ. އެއިރު އެ ޓީމު އޮތީ އަޔެކްސް މިހާރު އޮތް ފަދަ ދެރަވަރު ހާލަތެއްގަ އެވެ. ފައިސާއެއްނެތެވެ. ކުލަބުގެ ޒަމާންވީ ގަދަރާއި ހައިބަރު އޮތީ ދަށްވެފަ އެވެ. ޔޫރޮޕާ ލީގުގައި އޮސްޓްރިއާގެ ވުލްފުސްބާގާ އަތުން ދެ ފަހަރު ބަލިވިއިރު ކުޅުންތެރިންގެ ކިބާގައި ޖޯރެއްނެތެވެ. ޓީމުގެ ކުޅުމުގައި ސްޓައިލްގައި އޮމާންކަމެއްނެތެވެ. ރަނގަޅު ކުޅުންތެރިން ޓީމު ދޫކުރަމުންގޮސް ކެޕްޓަން އަދި ޓީމުގެ ތަރި ސްޓީވަން ބާގުއިސް ފޭނޫޑް ދޫކޮށް، އަޔެކްސް އަށް ބަދަލުވި އެވެ. ކުރުކޮށް ބުނާނަމަ ކުލަބުގައި އުއްމީދެއްނެތެވެ.

އެކަމަކު 45 އަހަރުގެ ކޯޗު އޭނާގެ ފުރަތަމަ ސީޒަނުގައި ވެސް ހުރިހާ ކަމެއް ބަދަލުކޮށްލި އެވެ. ފޭނޫޑް ވާދަވެރި ޓީމަކް ހެދި އެވެ. ޓީމަށް ގެނައީ އަގުހެޔޮ ކުޅުންތެރިންނާއި އެހެން ޓީމުތަކުން ވަގުތީގޮތުން ދޫކޮށްލި މެދުފަންތީގެ ކުޅުންތެރިންނެވެ. މި ގްރޫޕް ގޮސް ޔޫއޭފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ބަލިވީ މަޝްހޫރު ހޯސޭ މޮރީނިއޯގެ ރޯމާ އަތުންނެވެ. މިހިސާބުން ފޭނޫޑް ބަދަލުވެއްޖެކަމަށް އެންމެން ގަބޫލުކުރަން ފެށި އެވެ.

އާން ސްލޮޓް ފޭނޫޑަށް ތަށި ހޯދައިދިނުމަށްފަހު ޓީމާއެކު- ގޫގުލް

ނެދަލޭންޑްސްގެ ނޫސްވެރިން އާންގެ ފުރަތަމަ ސީޒަނަށް ކިޔައި އުޅޭ ވަނަމަކީ "އޯކަން ކޮކްޗޫ މުޅިން ބަދަލުކޮށްލި ސީޒަން،" އެވެ. އަދި މިއީ އޭނާގެ ތިން އަހަރުގައި ޓީމުގައި ފެންނަންހުރި އެންމެ ފާޅުކަން ބޮޑު މިސާލު ވެސްމެ އެވެ. ކޮކްޗޫ އަކީ ތުރުކީ ކުޅުންތެރިއެކެވެ. އާން ކޯޗުކަމާ ހަވާލުވިއިރު ފިޓްނަސްގެއްލި، މާޔޫސްވެފައިހުރިވަރުން ކޮކްޗޫ ވިއްކާލަން ކުލަބުން އޮތީ ވިސްނާފަ އެވެ. އެކަމަކު ހުނަރުވެރި މި ކުޅުންތެރިޔާ އަށް އާން ދެވަނަ ފުރުސަތެއްދިނެވެ. ކޯޗު ކުޅުވާ ހައިސްޕީޑް ގޭމަށް ނުފެތޭނަމަ ޓީމުގައި ނުހުރެވޭނެކަން އެނގުމުން ކޮކްޗޫ މުޅީން ބަދަލުވި އެވެ. ފިޓްވެ، ގިނަ މަގާމުތަކަށް ކުޅެވޭ، ހަލުވި ކުޅުންތެރިއަކަށް ބަދަލުވި އެވެ. ނަތީޖާއެއްގެ ގޮތުން އާންގެ ދެވަނަ ސީޒަނުގައި ފޭނޫޑް ޑަޗް ލީގު ތަށި އުފުލާލިއިރު ކޮކްޗޫ ހުރީ ކެޕްޓަން ބޭންޑް އަޅައިގެންނެވެ. ނަމަވެސް ފައިސާ ހޯދަން ޖެހިފައި އޮތުމުން ޕޯޗުގަލްގެ ބެންފީކާ އަށް އޭނާ ވިއްކާލީ 25 މިލިއަން ޔޫރޯ އާއި އިތުރު އިނާޔަތްތައް ލިބޭ ފައިދާހުރި ވިޔަފާރީގެ މުއާމަލާތެއްގަ އެވެ.

ހުސްވި ސީޒަނުގެ ތަށި ހިނގަމުންމިދާ ސީޒަނުގައި ދިފާއުކު ނުކުރެވުނަސް ފޭނޫޑަށް ލީގުގެ ދެ ވަނަ ލިބޭނެ އެވެ. ލިވަޕޫލާ ވާދަކުރަން ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެވެ. އާން އެ ޓީމާ ވަކިވާއިރު މިހާރު ފޭނޫޑްގައި ކުރިއާ ހިލާފަށް ހުނަރުވެރި މޮޅު ކުޅުންތެރިންގެ ގްރޫޕެއް އެބައޮތެވެ. ހާއްސަކޮށް އޭނާ ވަނީ ނެދަލޭންޑްސްގެ ކުޅުންތެރިންނަށް އެހެން އެއްވެސް ކުލަބުން ނުދޭހާ ގިނަ ފުރުސަތުދީ ކުރިއަރުވައިފަ އެވެ. ދެން އަންނަ ކޯޗަކަށް ފަސޭހަވާނެ ހުރިހާ ހުނަރެއް ތަރައްގީކޮށްދީފަ އެވެ.

ލިވަޕޫލްގެ އައު ކޯޗަކަށް ގެންނަން އުޅޭ ކޯޗު އާން ސްލޮޓް - ގޫގުލް

މިހެންވެ ގިނަ ބަޔަކު ބުނަނީ އާން އަށް މާބޮޑު ކާމިޔާބީތަކެއް މިހާރު ވެސް ހޯދިއްޖެ ކަމަށެވެ. އޭނާ އަކީ ވަރަށް ގިނަ ގޮތްގޮތުން ކްލޮޕްއާ އެއްގޮތް ކޯޗެކެވެ. ކުޅުނީ އާދައިގެ ޓީމުތަކަށެވެ. ކުޅުންތެރިއެއްގެ ގޮތުގައި މާބޮޑު ވަރެއްނުވި އެވެ. ހުންނަނީ މަޑުމައިތިރި މިޒާޖެކެވެ. އުޅެބޮޑުވީ ނެދަލޭންޑްސްގެ އާދައިގެ ހިސާބެއްގަ އެވެ. މީޑިއާއާ ވަރަށް ރައްޓެހި، ރަނގަޅަށް ޑީލްކުރާ ކޯޗެކެވެ. ހައިޕްރެސިން ގޭމެއް ކުޅުވާ، ހުނަރުވެރި އެހީތެރިންނާއެކު، ކުރިއަރަން މަސައްކަތް ކުރާ ކޯޗެކެވެ. ކުޅުންތެރިންގެ ހޯދުމުގައި ވެސް އެހެން އެންމެނަށްވުރެ ކުލަބުގައި ގަދައީ އޭނާގެ އަޑެވެ. ނެތް އެއްޗަކުން މޮޅު ކަމެއް އުފައްދަން އެނގޭ މީހެކެވެ. މިހެންވެ ގިނަ ބަޔަކު އޭނާ ސިފަކުރަނީ "ރަނގަޅު ގަދަ މީހެއް،" ގޮތުގައެވެ. ލިވަޕޫލްގެ މެނޭޖްމަންޓަށް އޭނާ ކަމުދިޔައީ މިފަދަ ކަންކަމާހުރެ އެވެ.

2013 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ބޭބެއާއެކު އޭނާ ފެށީ ވިޔަފާރި ކުރާށެވެ. ވިއްކަން ފެށީ ކެޕްޓަން ބޭންޑެވެ. އޭނާގެ ބައްޕައަކީ އާދައިގެ ޓީމުތަކަށާއި ޓީޗަރެއްގެ ގޮތުގައި ސްކޫލް ޓީމުތަކަށް ކޯޗުކޮށްދިން މީހަކަށްވުމުން އުމުރުން ފަސް އަހަރުން ފެށިގެން އާން އަށް ޗޭންޖިން ރޫމު ތެރޭގަ އަޑު އިވެން ފެށިއެވެ. މިޝައުގު ބޮޑުވެ، ފަހުން އޭނާ ވަނީ ފުޓްބޯޅަ މެޗުތަކާއި ބާސްކެޓްބޯޅަ މެޗުތައް ދިރާސާކޮށް، ޝައުގުވެރިވި ކަންކަން ފާހަގަކުރާ މީހަކަށެވެ. އޭނާގެ ލެޕްޓޮޕްގައިވާ ވީޑިއޯ ޑޮމިއުމެންޓަރީ ލައިބްރަރީ ބަލައި ފޫހިނުވާ ވަރަށް ފުޓްބޯޅަ އާއި ބާސްކެޓްގެ ޝައުގުވެރިކުރުވަނިވި ކްލިޕްތައް އެބަހުއްޓެވެ.

އޭނާގެ ފިލޯސަފީއާ ބެހޭ ގޮތުން އާންބުނީ މިހެންނެވެ.

އަހަރެން ބޭނުންވަނީ މޮޅު ކުޅުންތެރިންގެ ޓީމެއް. އެމީހުންނަށް ކުރެވޭ އެންމެ ރަނގަޅަށް ގަދަ އަޅައި މަސައްކަތް ކުރާނެ ޓީމެއް. އަހަރެން ގަބޫލުކުރަނީ ގަދަ އަޅައި ކޮންމެ ދުވަހު އުއްމީދަކާއެކު މަސައްކަތް ކޮށްފިނަމަ ނަސީބު އެހީވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް
އާން
އާން ސްލޮޓް ފޭނޫޑަށް ޑަޗް ލީގް ހޯދައިދިނުމަށްފަހު ތަށި އުފުލާލަނީ- ގޫގުލް

ނެދަލޭންޑްސް އަކީ ޒަމާނީ ކޯޗުންގެ ހަބެކެވެ. އެ މަދުރަސާއިން އުނގެނުނު އާންގެ ސްޓައިލް ވަރަށް ގިނަ ބަޔަކަށް ކަމުދެ އެވެ. މިކަމާ ނޫސްވެރިން ސުވާލުކުރުމުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗު ބެލިންތޯ އޭނާ ނޫސްވެރިން ކުރެން އަހައެވެ.

"މިހާރުގެ ފުޓްބޯޅަ މުއްސަނދިކޮށްދެނީ ދެ މީހުން. އެ ދެމީހުން އަހަރެން މާޔޫސްކޮށްނުލާ. އެއީ ލަޔޮނަލް މެސީ އާއި ޕެޕް ގާޑިއޯލާ. މެސީގެ ކިބާގައި ހުރިހާ ކަމެއް އެބަހުރި. ގާޑިއޯލާގެ ޓީމު އަބަދުވެސް މޮޅަށް ކުޅެ، ޑޮމިނޭޓްކުރާނެ. ދެން ހަމަ ޔަގީނުން ޔާގެން ކްލޮޕް ވެސް އެބަހުރި. ސިޓީ އާއި ލިވަޕޫލްގެ މެޗަކީ އަހަރެންނަށް ވަރަށް ވަރަށް މުހިންމު މެޗެއް،"
އާން
އާން ސްލޮޓް (ކ) ކޮންފަރެންސް ލީގުގެ ފައިނަލްގައި މޮރީނިއޯއާއެކު - ގޫގުލް

ގާޑިއޯލާގެ ސްޓައިލަށް މަސައްކަތް ކުރަން ފަށައި ފޭނޫޑް ލައްވައި އޭނާ ކުޅުވި ކުޅުވުމަށް އާން އަށް ތައުރީފް ކުރި ކޯޗަކީ މޮރީނިއޯ އެވެ. ޔޫއޭފާ ކޮންފަރެންސް ލީގުގެ ފައިނަލަށް ފަހު މޮރީނިއޯ ބުނީ އާން އަކީ މޮޅު ކޯޗެއް ކަމަށެވެ. ކްލޮޕް ވެސް ބުނީ އެއީ ރަނގަޅު މީހެއް ކަމަށެވެ. ނެދަލޭންޑްސްގެ ލެޖެންޑް އަދި އަޔެކްސްގެ ކުރީގެ ކޯޗު މާކޯ ވެންބާސްޓަން ވެސް ވަނީ ޓީވީ ޝޯތަކުގައި އާން އަށް ތައުރީފްކޮށްފަ އެވެ.

"އަހަރެން ދެތިން ފަހަރަކު ވާހަކަ ދެއްކިން އޭނާ އެކުރާ މަސައްކަތާ ބެހޭ ގޮތުން. އޭނާ ކުޅުވާ މެޗުތައް ވަރަށް ފުރިހަމަ، ބަލާހިތްވޭ. ވަރަށް ހުނަރުވެރި ޓީމެއް އޭނާ ބިނާކޮށްފައި އެއޮތީ. ހުނަރާއި އުކުޅުތަކަށް ބެލި ނަމަވެސް އޭނާގެ ޓީމު މޮޅު. އޭނާގެ ވިސްނުން ކިޔައިދޭގޮތް ވެސް ފުރިހަމަ. އަހަރެން ޔަގީންކުރަނީ އޭނާ އަކީ ބޭނުން ކޮންމެ ޓީމަކަށް ވެސް ދެވިދާނެ ކޯޗެއްގެ ގޮތުގައި. އެއީ ވިސްނުންތޫނު ކޯޗެއް. އޭނާ ފެއިލް ނުވާނެ،"
ވެންބާސްޓަން
ލިވަޕޫލްގެ އައު ކޯޗަކަށް ގެންނަން އުޅޭ އާން ސްލޮޓް - ގޫގުލް

ލިވަޕޫލްގެ ކޯޗު ކްލޮޕްއާ ފޯވަޑް މުހައްމަދު ސަލާހް ދާދި ފަހުން ވަނީ މައްސަލަޖެހި ދަނޑުމަތީގައި އަރައިރުންވެފަ އެވެ. ސަލާހް ކޯޗާ ނުގަބޫލުވެ، ބޮޑާހޭކީ އޭނާ ފުރަތަމަ 11 އަށް ނާރުވާތީ އެވެ. ވެންބާސްޓަން ބުނީ އާން އަކީ އުނދަގޫ ހާލަތާއި އުނދަގޫ ކުޅުންތެރިން ވެސް މެނޭޖްކުރަން ދަންނަ ކޯޗެއް ކަމަށެވެ. އެހެންވިއްޔާ ސަލާހް އަންނަ ސީޒަނުގައި ލިވަޕޫލްގައި ހުއްޓަސް އޭނާ މައިތިރިކުރަން އާން ހުރުމުން ފުދޭނެ ކަމަށް މެނޭޖްމަންޓުން ދެކެފާނެ އެވެ. ލިވަޕޫލުގެ ވެރިންނަށް ފެނިގެން އުޅޭ ހުވަފެނަނީ ދެވަނަ ކްލޮޕަށް، އާން ސްލޮޓް ވެގެންދާ ތަނެވެ.