ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 13:42
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މަސައްކަތް
ފުށިދިއްގަރުފަޅު މަޝްރޫއުގެ ބިން ހިއްކުމުގެ ބައި ނުފެނުނު ނަމަވެސް މަސައްކަތް ނުހުއްޓޭ: ހީނާ
 
އިދާރީ މަސައްކަތްތަކާއި އީއައިއޭގެ މަސައްކަތްތައް ވެސް އެބަހުރިކަމަށް ހީނާ ވިދާޅުވޭ
 
މިމަޝްރޫއުގެ މަސައްކަތް "ރަސްމާލެ" ނަމުގައި ހިއްކަން ފަށާފައިވަނީ 18 ޑިސެންބަރު 2023ގައި
 
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިވަގުތަށް މަސައްކަތަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށް

ފުށިދިއްގަރުފަޅު މަޝްރޫއުގެ މަސައްކަތް ނުހުއްޓޭ ކަމަށް ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފުށިދިއްގަރުފަޅު މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ރައްޔިތުންނަށް ނުފެނުނު ނަމަވެސް އެ މަޝްރޫއު ނުހުއްޓޭ ކަމަށެވެ.

ހީނާ ވިދާޅުވީ މި މަޝްރޫއުގެ ވަށައިގެންވާ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އިދާރީ މަސައްކަތްތަކާއި އީއައިއޭގެ މަސައްކަތްތައް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ އީއައިއޭގެ މަސައްކަތް ނިމިފައިވާ ކަމަށް ނޫސްވެރިން ފާހަގަކުރުމުން ހީނާ ވިދާޅުވީ، އީއައިއޭއާ ގުޅޭގޮތުން ދެއްކި ވާހަކަތައް އޮޅުވާނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސީދާ ވަކި ސަރަހައްދެއްގެ އީއައިއޭ ހަދަމުންދާ ކަމަށް ސަރުކާރުން ބުނެފައިނުވާ ކަމަށެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތްތައް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ކަނޑައަޅާފައިވާ ތާރީހަށް ނިމޭނެ ކަމަށެވެ.

ފުށިދިއްގަރު ހިއްކުމުގެ ބައި ތިބޭފުޅުންނަށް ނުފެނުނު ކަމުގައި ވިޔަސް ފުށިގިއްގަރުފަޅު މަޝްރޫއު ނުހުއްޓޭ. އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ތާރީހަށް އެ މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެ. ދެން އީއައިއޭގެ ވާހަކަ އަޅުގަނޑު މިދެންނެވީ ކޮންމެހެން ސީދާ މިވަގުތު ވަކިތަނެއްގެ އީއައިއޭ ހަދާ ވާހަކައެއް ނޫން އަޅުގަނޑު ދެންނެވީއެއް އިނގޭތޯ. އެއްގޮތަކަށް ވެސް އޭގެ މާނަ އޮޅުވާނުލެއްވުން އެދެން ވަރަށް އިނގޭތޯ. އަޅުގަނޑު ދެންނެވީ އޭގެ ވަށައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރެއޭ. އޭގެ ތެރޭގައި އިދާރީ މަސައްކަތްތަކެއް ވެސް ހުންނާނޭ އަދި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ހުންނާނޭ. އެއާ ގުޅިގެން ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް ހުންނާނެ ވާހަކަ މިއަދު ދެންނެވީ އިނގޭތޯ. އޭގެ ޖަވާބަކަށް މިދަންނަވަނީ ފުށިދިއްގަރުފަޅު މަޝްރޫއު ހުއްޓުމަކަށް ނާދޭ. އެ މަޝްރޫއު ކުރިއަށްދާނޭ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް އެ ތާރީހަށް އެ މަޝްރޫއު ނިމިގެންދާނެ އިރާދަކުރެއްވިއްޔާ
ހީނާ ވަލީދު / ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން

ފުށިދިއްގަރުފަޅު މަޝްރޫއުގެ މަސައްކަތް ނުހުއްޓޭ ކަމަށް ހީނާ ވިދާޅުވެފައިވާއިރު، ދާދިފަހުން ޕީއެސްއެމްއަށް ރައީސް މުއިއްޒު ދެއްވި އިންޓަވިޔުއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިވަގުތަށް މަސައްކަތަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ.

މި މަޝްރޫއާއެކު، މާލެސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ މަސައްކަތް "ރަސްމާލެ" ނަމުގައި ހިއްކަން ފަށާފައިވަނީ 18 ޑިސެންބަރު 2023 ގައެވެ. މިހާތަނަށް ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އިތުބާރުހުރި ފަރާތަކުން ބުނި ގޮތުގައި ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މިހާތަނަށް ހިއްކިފައިވަނީ 6.15 ހެކްޓަރުގެ ބިމެވެ. 10 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން ބުނަނީ މި މަޝްރޫއުގެ މަސައްކަތުގެ ސްޕީޑްގައި ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ޚަރަދުގައި ނޫން ކަމަށެވެ. ބިން ހިއްކުމަށް ހުރިހާ ޚަރަދެއް ކުރާނީ ސީއެމްސީސީ ކުންފުނިން ކަމަށް ސަރުކާރުން ބުނެފައިވާއިރު، ހަގީގަތަކީ އެ މަޝްރޫއު އަށް އަގު ދައްކަނީ ރާއްޖޭގެ މި ބިމުންނެވެ. އެހެނީ މި މަޝްރޫއު ހިންގަނީ ސީއެމްސީސީއަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެންކަމަށް ވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް