ފުޓްބޯޅަ އެސޯސިއޭޝަނުގައި ހުރި މައްސަލަތަކާއި އެ އިދާރާގެ އިންތިހާބު ދެ ފަހަރަކަށް ފަސްކުރަން ޖެހުނު މައްސަލައާ މެދު ފީފާ އާއި އޭއެފްސީން ދިވެހި ސަރުކާރާއި ކުލަބުތަކާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ފީފާ އާއި އޭއެފްސީން ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ހޯމަ ދުވަހު ހެނދުނު ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސް ވެރިންނާ އެވެ. އެއަށްފަހު އެ ދުވަހު ހަވީރު ކުލަބުތަކާ ބައްދަލުކުރެއްވުމަށްފަހު މި ވަފުދުގެ ބޭފުޅުން ވަނީ އިއްޔެ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ބައްދަލުކުރައްވާފަ އެވެ.
ފީފާ އޭއެފްސީގެ ވަފުދުގެ ބޭފުޅުން މަޝްވަރާކުރެއްވީ އެފްއޭއެމުގެ އިންތިހާބު ބޭއްވުމަށް ކަންކަންކުރަން ފެންނަ ގޮތަކާއި މިހާރު ކުލަބުތަކާއި ސަރުކާރުން އެފްއޭއެމާ މެދު ވިސްނުން ހުރި ގޮތެކެވެ. މި ގޮތުން މިދިޔަ މަހު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގެ ސައްހަކަމާމެދު ކުލަބުތަކާއި އޮލިމްޕިކް ކޮމިޓީ އަދި މިނިސްޓްރީގެ ހިޔާލު މި ވަފުދުން ހޯދާފައިވެ އެވެ.
މިވަފުދުން އެއްކުރާ މައުލޫމާތައް ހިމަނައި ފީފާ އަށް ހާއްސަ ރިޕޯޓެއް ހުށަހަޅާނެ އެވެ. އަދި އެފްއޭއެމުގެ އިންތިހާބު ބޭއްވުމާމެދު ގޮތެއް ނިންމާނީ ފީފާއިންނެވެ.
އެފްއޭއެމުގެ އިންތިހާބުގައި މައްސަލަ ޖެހުނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާހެދި އެވެ. އެފްއޭއެމަށް ކޮވިޑް އެހީއެއްގެ ގޮތުގައި ދިން އެއް މިލިއަން ޑޯލަރަށް ބައްސާމް ހިޔާނާތްތެރިވި މައްސަލަ ބަލަމުންދަނީ ފީފާއިންނެވެ. އަދި އެއިދާރާ އަށް ފީފާއިން ދީފައިވާ 12 މިލިއަން ޑޮލަރު މާރުކޮށް ހިޔާނާތް ހިންގާފައިވާ މައްސަލާގައި ދިވެހި ދައުލަތުން ވަނީ ބައްސާމަށް ދައުވާ އުފުލައިފަ އެވެ.
އެފްއޭއެމުން ދެ ވަނަ ފަހަރަށް އެފްއޭއެމުގެ އިންތިހާބު އިއުލާނުކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް، އަދި ކޯރަމް ހަމަނުކޮށް ބޭއްްވި ކޮންގްރެސްއަކަށް ފަހު އެވެ. އަދި އިންތިހާބުގެ ކުރިން މެނޭޖްމަންޓް މައްސަލައެއް ކަމަށް ބުނެ ކުލަބު ވެލެންސިއާ ސަސްޕެންޑްކުރި މައްސަލަ އަކީ ވެސް އެފްއޭއެމާ މެދު އިތުބާރު ގެއްލިފައިވާ ސަބަބެކެވެ.